ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެއްދުވަސް ތެރޭގައި ބަލި ޖެހުނު މީހުން ރެކޯޑް އަދަދަކަށް

May 21, 2020

ޔޫރަޕު ފަދަ ތަރައްގީވެފައިވާ ބައެއް ސަރަހައްދުތަކުން ކޮވިޑް-19 ކޮންޓްރޯލް ވެފައިވީ ނަމަވެސް، ދުނިޔޭގެ ފަގީރު ގައުމުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން ދާކަމަށް ބުނެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެގޮތުން، މިދިއަ ޑިސެމްބަރު މަހު ކޮވިޑް-19 ފެތުރެން ފެށި ފަހުން، އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުނަށް ބަލި ޖެހިފައިވަނީ އިއްޔެ ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފަ އެވެ. އެގޮތުން، އިއްޔެ އެކަނި 106،000 މީހަކަށް އެ ބަލި ޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

"މި ބަލާއާފާތުގެ ތެރެއިން އަދިވެސް އަޅުގަނޑުމެން ދަތުރު ކުރަންޖެހޭ މަގު ވަރަށް ދިގު،" މެދު އާމްދަނީގެ ގައުމުތަކުގައި އެ ބަލި ފެތުރޭ މިންވަރާމެދު ކަންބޮޑުވުން ފާޅު ކުރައްވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ވިދާޅުވި އެވެ.

އެ ބަލި ޖެހުނު މީހުންގެ އަދަދު ކުރިއަށް އޮތް ދުވަސްތަކުގައި ފަސް މިލިއަނަށް އަރާނެ ކަމަށް ބެލެވޭއިރު، އޭގެ ތެރެއިން މިހާތަނަށް 325،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

މީގެ ކުރިން އެ ބަލި ފެތުރުނު ޔޫރަޕުގެ އިޓަލީ އަދި ސްޕެއިން ފަދަ ގައުމުތަކުން މިހާރު އަންނަނީ ލޮކްޑައުންގެ ހާލަތު ލުއިކޮށް، ވިޔަފާރިތައް އަލުން ހުޅުވުމުގެ ހުއްދަ ދެމުންނެވެ.

އެ ބަލި މިހާރު އެންމެ ބޮޑަށް ފެތުރެމުން އަންނަނީ، ދެކުނު އެމެރިކާގެ ބްރެޒިލް އަދި ޕެރޫ ގަ އެވެ. އެގޮތުން، ޕެރޫގައި އެ ބަލި ޖެހުނު މީހުންގެ އަދަދު ލައްކައަކަށް ވުރެ ވަނީ މަތިވެފަ އެވެ.