ވިޔަފާރި

ރޯދަ މަހު އިތުރުގަޑި ފައިސާ ދޭން ނިންމައިފި

ސަރުކާރުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅު އެޅިނަމަވެސް، ރަމަޟާން މަހުގެ އިތުރު ގަޑީގެ ފައިސާ މުވައްޒަފުންނަށް ދޭން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރިން ނިންމާފައި އޮތީ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު އިތުރު ގަޑި ފައިސާ ނުދޭ ގޮތަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް މިހާރު ނެރެފައިވާ ސާކިއުލާގައި ބުނެފައިވާ ގޮތުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އިތުރު ގަޑި ގުނާނީ ކުރިން ވެސް އިތުރު ގަޑި ގުނަމުން އައި ގޮތައް ކަމަށެވެ. އެ މިނިސްޓްރީން މި ބަދަލު ގެނައީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު މިކަމަށް އެދެމުންދާތީ ކަމަށް އަވަސް އަށް އެނގިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް 16 މެއިގައި ނެރެފައިވާ ސާކިއުލާގެ ހަވަނަ މާއްދާ އަށް އަމަލު ކުރަން ފަށާނީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ފަހުން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ދަށްވެ ދައުލަތުގެ އާމްދަނީ އަށް އަސަރުކޮށްފައިވާތީ، ކުރިން ލަފާކުރި ވަރަށް އާމްދަނީ ނުލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.