ހދ. ކުޅުދުއްފުށީ ސިޓީގައި އެ ސިޓީގެ ޓާސްކު ފޯހުން އިއުލާން ކޮށްފައިވާ ކާފިއު އުވާލުމަށް ނިންމައިފި އެވެ. އެ ނިންމުން ނިންމީ، ބަލި ނެތް ރަށްތަކުގައި މިސްކިތްތައް ހުޅުވައި ޖަމާއަތުގައި ނަމާދު ކުރުމަށް ސަރުކާރުން އެންގުމާ ގުޅިގެންނެވެ.
ކުޅުދުއްފުށީ ސިޓީގައި އެ ސިޓީއިން އަމިއްލަ އިސްނަގައިގެން އެންމެ ފުރަތަމަ ކާފިއު ހިންގަން ފެށީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެގޮތަށް 24 ގަޑިއިރު ކާފިއު ހިންގަމުން ގޮސް ލުއިތަކެއް ގެނަ އެވެ.
ލުއިތަކެއް ގެނައީ އެ ސިޓީ އާއި ކައިރި ރަށްތަކުން ކޮވިޑަށް ޝައްކުވި ހުރިހާ މީހުންގެ ނަތީޖާ ވެސް ނެގެޓިވް ވުމުންނެވެ. އެގޮތުން ލުޔެއްގެ ގޮތުގައި ހަވީރާއި ރޭގަނޑު އެކަނި ކާފިއު ހިންގާ ގޮތަށް ނިންމި އެވެ.
އެގޮތަށް ކާފިއު ހިންގަން ނިންމާފައި އޮތީ މި ރޯދަ މަހުގެ ނިޔަލަށެވެ. ނަމަވެސް ސަރުކާރުގެ އެންގުމާއެކު، މިވަގުތުން ފެށިގެން ކުޅުދުއްފުށީގައި ކާފިއު ނުހިންގާނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
މާދަމާ ކުޅުދުއްފުށީގައި ވެސް ހުކުރަށްފަހު ޖަމާއަތުގައި ނަމާދު ކުރުން ކުރިއަށްދާނެ އެވެ. މިސްކިތްތައް ހުޅުވައި ކާފިއު ނުހިންގަން ނިންމި ނަމަވެސް މީހުން އެއްވެ އުޅޭ އެހެން ތަންތަން އަދިވެސް ބަންދުކޮށްފައި ބެހެއްޓުމަށް އެ ސިޓީގެ ޓާސްކު ފޯހުން ނިންމާފައިވެ އެވެ.
ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ކުޅުދުއްފުށީ ސިޓީއަކީ މާލެ ސަރަހައްދު ފިޔަވައި ފުރަތަމަ ކާފިއު ހިންގި ސިޓީއެވެ. ކުޅުދުއްފުއްޓަކީ ސަރަހައްދުގެ ގިނަ ބަޔަކު ހޮސްޕިޓަލަށް ދެއްކުމަށް ވެސް ދާ ރަށެކެވެ.