ދުނިޔެ

ލަންކާ: ފައިސާ ބަހާތީ ކިޔުޖެހުނު ތިން މީހަކު މަރުވެއްޖެ

ކޮލޮމްބޯ (މެއި 22) - ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ފައިސާ ބަހާތީ، ގިނަ ބަޔަކު ކިޔު ޖެހިގެން އެ ހޯދަން އުޅުމުގެ ތެރޭގައި ތިން އަންހެނަކު ފިތިގެން މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އާންމުކޮށް ރޯދަ މަހާ ދިމާކޮށް ފަގީރުންނަށް އެހީވާ ވިޔަފާރިވެރިއެއްގެ ގުދަން ކައިރިއަށް ހާހަކަށް ވުރެ ގިނަ މީހުން ޖަމާވީ، 1،500 ރުޕީސް (އެމެރިކާގެ އަށް ޑޮލަރު) ހޯދާށެވެ.

ނަމަވެސް، އެތާނގެ ގޭޓު ހުޅުވާލުމާއެކު، ކިޔޫ ފަޅާފައި އެންމެން އެއް ފަހަރާ ވަންނަން އުޅުމުގެ ތެރޭގައި އެއް ބަޔަކު ވަނީ ބިންމައްޗަށް ވެއްޓިފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ބައިބޯވެ ފިތުނު އެ ތިން އަންހެނުން މަރުވީ، ދެން ތިބި މީހުންގެ ފައި ދަށުވެގެނެވެ. އެ ހާދިސާގައި އިތުރު ނުވަ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ލަންކާ ވެސް ލޮކްޑައުން ކޮށްފައިވާއިރު، އެ ފިޔަވަޅާ ހިލާފުވި ކަމުގެ ތުހުމަތުގައި، ފައިސާ ބެހި ވިޔަފާރިވެރިޔާގެ އިތުރުން އޭނާގެ ފަސް އެސިސްޓެންޓަކު ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.

ވެރިރަށް ކޮލޮމްބޯ ފިޔަވައި ގިނަ ސަރަހައްދުތަކުގައި ލޮކްޑައުނަށް ލުއިތަކެއް ދެމުން ދިއަ ނަމަވެސް، އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އާބާދީ ބޮޑު ބައަކަށް އާމްދަނީ ހޯދޭނެ ދޮރުތައް ވަނީ ބަންދުވެފަ އެވެ.

ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1،045 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ވަނީ މަރުވެފަ އެވެ.