އިންޑިއާގައި ހިންދީ ދީން ހިމާޔަތް ކުރުމަށް އެ ދީނުގެ ކޮންމެ އަންހެނަކު މަދުވެގެން ހަތަރު ދަރިން ހޯދަން، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ގޮވާލެއްވުމާ އެކު ފާޑުކިޔުންތައް އޮހެން ފަށައިފި އެވެ.
ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ނިސްބަތްވާ ހަރުކަށި ހިންދީ މެންބަރެއް ކަމަށްވާ ސަކްޝީ މަހާރަޖް (ފޮޓޯގައި) މިހެން ގޮވާލައްވާފައި ވަނީ އިންޑިއާގައި ހިންދީންނާއި މުސްލިމުންނާ ދެމެދުގައި އޮންނަ ރުޅިވެރިކަމުގެ ހުޅުގަނޑު ބޮޑުކުރުމަށް ކަމަށް، ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީގެ ތަރުޖަމާނު ސަންޖޭ ޖާ ވިދާޅުވީ މިއީ ތާކުންތާކު ނުޖެހޭ ގޮތަށް، މީހުން ރުޅިއަރުވަން ދައްކާފައިވާ ވާހަކައެއް ކަމަށެވެ.
ހިންދީން ގިނަ ދަރިން ހޯދަން ގޮވާލެއްވި މެންބަރު މިދިޔަ މަހު ވަނީ އިންޑިއާގެ ބާނީ މަހާތަމާ ގާންދީގެ ގާތިލަކީ ވަތަނީ ރޫހު ހުރި މީހެއް ކަމަށާއި އޭނާ އަށް "ގޯސްކަމެއް ކުރެވުނީ" ކަމަށް ވިދާޅުވެފަ އެވެ. އެ ވާހަކައާ ގުޅިގެން އޭނާ މައާފަށް އެދިވަޑައިގެންފައިވެ އެވެ.
މައްސަލަތައް އުފެދޭ ގޮތަށް އާންމުކޮށް ވާހަކަ ދައްކަވާ މެންބަރު އެއްވުމެއްގައި ވިދާޅުވެފައި ވަނީ "ހަތަރު އަނބިންނާއި 40 ދަރިން ހޯދުމުގެ ވިސްނުން މިތަނަކަށް ކަމަކު ނުދާނެ" ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ މުސްލިމު ފިރިހެނުންނަށް ހަތަރު އަނބިން ހުއްދަ ވާތީ އެކަމަށް އިޝާރާތްކޮށްފައި ކަމަށް ބެލެވެ އެވެ.
"މިހާރު މި އޮތީ ހިންދީންގެ ދީން ހިމާޔަތް ކުރުމަށް ހިންދީ ކޮންމެ އަންހެނަކު މަދުވެގެން ހަތަރު ދަރިން ހޯދަންވީ ވަގުތު ޖެހިފައި،" މެންބަރު ވިދާޅުވި އެވެ.
އިންޑިއާގެ އާބާދީގައި 80 ޕަސެންޓަށް ވުރެ ގިނައީ ހިންދީން ކަމަށް ވެފައި މުސްލިމުންގެ އާބާދީ 14 ޕަސެންޓަށް ވުރެ ވެސް ދަށުގައި އޮތަސް މުސްލިމުން ގިނަ ދަރިން ހޯދައިގެން ހިންދީންގެ އާބާދީގެ މައްޗަށް ގަދަވެގަންނަން އުޅޭ ކަމަށް ހަރުކަށި ހިންދީން ގަބޫލުކުރެ އެވެ. -- ބީބީސީ