ދުނިޔެ

ޕާކިސްތާނު ބޯޓެއް މީހުން އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ

ކަރާޗީ (މެއި 22) - ޕާކިސްތާނު އެއާލައިންސްގެ އޭ320 މަރުކާގެ މަތިންދާ ބޯޓެއް، ކަރާޗީގެ މީހުން ދިރި އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.

ބޯޓު ވެއްޓިފައި ވަނީ ލާހޯރުން ފުރައިގެން 91 ފަސަންޖަރުންނާއެކު ޖިންނާހު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ދިޔަ މަގުމަތީގަ އެވެ. ފަސަންޖަރުންގެ އިތުރު އަށް ކްރޫން ވެސް ބޯޓުގައި ތިބި ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އެ ބޯޓު ވެއްޓިފައި ވަނީ މީހުން ދިރިއުޅޭ ބައިބޯ ސަރަހައްދަކަށެވެ. އެ ހާދިސާގައި މިހާތަނަށް 11 މީހުން މަރުވެފައިވާ ކަމަށާއި، ނަމަވެސް މަރުގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ބޯޓު ވެއްޓުނު ވަގުތު، ގިނަ ގެތަކަކަށް ގެއްލުން ލިބި، އެ ސަރަހައްދުގައި ރޯވެ، ދުން އަރަމުންދާ ކަމަށް މަންޒަރުދުން މީހުނާ ހަވާލާދީ ބުނެފައިވެ އެވެ.

ޕާކިސްތާނުގެ އެއާލައިންސްގެ އޮފިޝަލަކު ވިދާޅުވީ ގޮތުގައި، ބޯޓު ވެއްޓުވުމުގެ ކުރިން ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން އުޅޭ ކަމަށް ޕައިލަޓު ކޮންޓްރޯލް ޓަވަރަށް އެންގި އެވެ. އަދި ޕާކިސްތާނުގެ ބައެއް މީޑިއާތަކުން ބުނީ އެ ބޯޓު ވެއްޓުމުގެ ހިނދުކޮޅެއް ކުރިން، ބޯޓުގެ ދެ އިންޖީނު ވެސް ފެއިލްވެއްޖެ ކަމަށް ބުނެ، އެހީތެރި ކަމަށް އެދެމުން ޕައިލެޓު ގެންދިއަ ކަމަށެވެ.

ނަމަވެސް، ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އެޅި ލޮކްޑައުނަށްފަހު، ކޮމާޝަލް ފްލައިޓުތައް އުދުހުމުގެ ހުއްދަ ދިންތާ މަދު ދުވަސް ކޮޅެއްގެ ތެރޭގަ އެވެ.