އީދު ފާހަގަ ކުރުން

އީދު ދުވަހަކީ އާދީއްތަ، އީދު މުބާރިކު

އަންނަ އާދިއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާއަށްފަހު އެ މިނިސްޓްރީން ނެރުނު ހަނދާބެހޭ ބަޔާނުގައި ބުނެފައިވަނީ މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ އާދިއްތަ ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށެވެ.

ހަނދާބެހޭ ބަޔާނުގައި ބުނެފައިވަނީ ރަމަޟާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް، އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް، 1441 ވަނަ އަަހަރުގެ ޝައްވާލުމަހުުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އަދި މިއަދު އިރުއޮއްސުމަށް ފަހުގައި، ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނިފައިނުވާތީއާއި އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނުނު ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި، ދިވެހިރާއްޖެއިން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މޭމަހުގެ 23 ވާ ހޮނިހިރު ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާ މޭ މަހުގެ 24 ވާ އާދިއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.