ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކަރަންޓުން ބިލުން މިހާތަނަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފި

May 23, 2020
1

ކޮވިޑް-19 އާ ގުޅިގެން ކަރަންޓު ބިލްތަކުން 50 މިލިއަން ރުފިޔާ އަދި ފެން ބިލްތަކަށް 11 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ކަރަންޓު ބިލާއި ފެން ބިލުން މިހާތަނަށް ބޮޑު އަދަދުތަކެއް ދޫ ކޮށްފައިވާ ކަމަށެވެ. މިގޮތުން މިހާތަނަށް ކަރަންޓު ބިލްތަކުން ޑިސްކައުންޓުގެ ގޮތުގައި 50 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިންއިރު، ފެން ބިލް ތަކުން ޑިސްކައުންޓުގެ ގޮތުގައި 10.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

"އެވްރެޖު ގޮތެއްގައި ފެން ބިލަކުން 230ރ. އަދި ކަރަންޓު ބިލްތަކުން 240ރ. ގެ ޑިސްކައުންޓެއް ވަނީ ދެވިފައި،" އަމީރު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް ގެއްލުންވާނެތީ، ސަރުކާރުން ވަނީ ފެން ބިލްތަކުން 30 ޕަސެންޓް އަދި ކަރަންޓު ބިލްތަކުން 40 ޕަސެންޓުގެ ޑިސްކައުންޓެއް އެޕްރީލް އަދި މެއި މަހު ދޭން ވަނީ ނިންމާފަ އެވެ. ނަމަވެސް މި ޑިސްކައުންޓް ދެނީ ގޭ ބިސީ ތަކަށެވެ. ސަރުކާރުން މި ސަބްސިޑީ ދެނީ ދައުލަތުގެ ބަޖެޓުން މި ހިދުމަތްދޭ ކުންފުނިތަކަށް ފައިސާ ދައްކާ ގޮތަށެވެ.