އީދު ފާހަގަ ކުރުން

އީދުގައި އާއިލީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ރައީސް ގޮވާލައްވައިފި

May 23, 2020
1

ފިތުރު އީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަހުނިޔާ ފޮނުއްވައިފި އެވެ.

އީދާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހިތާބުގައި ކޯވިޑް-19 ގެ ސަބަބުން، އިޖްތިމާއީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ގުޅުންތައް ބަދަހިކުރުމުގެ ފަހި ފުރުސަތުތަކެއް ތަނަވަސްވެފައި އޮތުމާއެކު، އީދު ދުވަހަކީ މުވާސަލާތީ ވަސީލަތްތަކުގެ އެހީގައި، އެ ގުޅުންތައް ބަދަހިކުރުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި އެކުގައި ދިރިއުޅޭ މީހުންނާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅޭ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއެކު ވެސް، މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ވަގުތުކޮޅެއް ހޭދަކޮށްލައި، ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމަކީ މިއަދާ ވަރަށް މުނާސަބު ކަމެއްކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި، ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން، ނިކަމެތި ހާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖްތަމައުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި އެހީތެރިވުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އަދި ގޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅުގައި، މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގެންނެވުމަށާއި، އާއިލާގެ ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު، ހޭހަން ކުރުމަށާއި، އުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު، ހިދުމަތްކޮށްދިނުމުގެ ރޫހު އާލާކުރުމަށް ގޮވާލެއްވިއެވެ.

ފިތުރު އީދު ބައްދަލުކުރީ، ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިގްތިސާދުކުރުމަށް ނަފްސުތައް ތަރުބިއްޔަތު ކޮށްދިން މޫސުމަކަށް ފަހުގައިކަމަށްވުމާއެކު، އަދި މިއީ ގައުމުގެ އިގްތިސާދު ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމުން، ރޯދަ މަހުން ހާސިލުވި މި ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.