މިސްކިތް ހުޅުވާލި ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް ހުސް މައިދާންތަކުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރަމުން ގެންދެއެވެ. ވިއްސާރަ ނުވެއްޖެނަމަ އެ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެ އީދު ނަމާދުވެސް ބޮޑު ޖަމާއަތުގައި ދަނީ ކުރަމުންނެވެ. މިއީ މާތް ނަބިއްޔާވެސް އަމަލު ކުރެއްވި ގޮތް ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.
ނަމަވެސް މިއަހަރުގެ ފިތުރު އީދު ބައްދަލްކުރީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މާލެ ސިޓީއާއި އިތުރު 25 ރަށެއްގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާލާފައިވަނިކޮށެވެ. އެހެން ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ހުކުރު ދުވަހު ވަނީ ދީފައެވެ. އެއީ މިހާތަނަށް ކޮވިޑްގެ ބަލި މީހަކު ފެނިފައިނުވާ ރަށްރަށެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިސްކިތް ހުޅުވާލި ރަށްރަށުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވޭނެ ކަމަށެވެ. އަދި ބައެއް ރަށްރަށުން އެކަމުގައި މަޝްވަރާ ކުރުމަށް މިނިސްޓްރީއަށް ގުޅަމުން ގެންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ބޮޑުޖަމާއަތުގައި އީދު ނަމާދު ކުރުމަށް ބައެއް ރަށްރަށުގައި ދަނީ ތައްޔާރީތައް ވަމުންނެވެ. ނަމަވެސް ކުރީ އަހަރުތަކާއި ހިލާފަށް ގިނަ ރަށްރަށުގައި އީދު ނަމާދު ކުރާނީ މިސްކިތްތަކުގައެވެ.
މާލެ ސިޓީއާއި 25 ރަށެއްގެ ރައްޔިތުން ގޭގައި އީދު ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
ގޭގައި އީދު ނަމާދު ކުރާނީ ބަންގި ގޮވުމާއި ގަމަތް ދިނުމަކާ ނުލަ އެވެ. އަދި ގޭގައި އީދު ނަމާދު އެކަނި ވެސް ކުރެވޭނެ ކަމަށާއި ނަމަވެސް ގޭގެ މީހުންނާއެކު ޖަމާއަތުގައި ކުރުނު ހެޔޮކަން ބޮޑުވެގެންވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ގޭގައި އީދު ނަމާދު ކުރާއިރު އަމަލުކުރަންވީ ކަންކަން
- އީދު ނަމާދަށް ނިޔަތްގަނެ ހަށަން ބަންނަ ތަކްބީރު ކިޔައި ހަށަން ބަނދެ، ދުއާއުލް އިފްތިތާހް ކިޔުން.
- ހަށަން ބަންނަ ތަކްބީރު ފިޔަވައި ވިދިވިދިގެން ހަތް ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައި ވެސް ދެ އަތް ދެކޮނޑާ ހަމައަށް އުފުލުން.
- އެއަށް ފަހު ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އައުލާ ނުވަތަ އެ މީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
- އެހެން ނަމާދުތަކެކޭ އެއްފަދައިން ފުރަތަމަ ރަކްއަތް ފުރިހަމަކުރުމަށް ފަހު ދެވަނަ ރަކްއަތަށް ތެދުވުން.
- ދެ ވަނަ ރަކްއަތަށް ތެދުވަމުން ކިޔާ ތަކްބީރުގެ އިތުރުން ވިދިވިދިގެން ފަސް ތަކްބީރު ކިޔުން. ކޮންމެ ތަކުބީރެއްގައި ވެސް ދެ އަތް ދެކޮނޑާ ހަމައަށް އުފުލުން.
- ދެ ވަނަ ރަކްއަތުގައި ފާތިހާ ސޫރަތް ކިޔަވައި ސޫރަތުލް އާޝިޔާ ނުވަތަ އެ މީހަކަށް ފަސޭހަ ސޫރަތެއް ކިޔެވުން.
- ދެވަނަ ރަކުއަތް ފުރިހަމަކޮށް، އައްތަހިއްޔާތު ކިޔުމަށް ފަހު ސަލާމްދިނުން.
މާދަމާއަކީ މިއަހަރުގެ ފިތުރު އީދު ދުވަހެވެ.