ބެއިޖިންގް (މެއި 24) - ކޮވިޑް-19 ފެނުނު ޗައިނާގައި އެ ބަލި ޖެހިފައިވާ މީހަކު ރިޕޯޓް ނުކުރާ ދުވަހަކަށް އިއްޔެ ވެއްޖެ އެވެ.
މިއީ ކޮވިޑް-19 ޖެހޭ މީހުންގެ ޑޭޓާ ޖެނުއަރީ މަހު ބަލަހައްޓަން ފެށި ފަހުން ޗައިނާއިން އެ ބައްޔަށް މީހަކު ޕޮޒިޓިވް ނުވާ ކަމަށް ރިޕޯޓް ކުރި ފުރަތަމަ ފަހަރެވެ.
ޗައިނާގެ ވޫހާން ސިޓީގައި ކޮވިޑް-19 ފެތުރޭކަން އެ ގައުމުން ފުރަތަމަ އެންގީ މިދިއަ ޑިސެމްބަރު މަހު އެވެ. ނަމަވެސް ފެބްރުއަރީ މަހު މެދުތެރޭގައި ޕީކަށް އެރުމަށް ފަހު ޗައިނާއިން އެ ބައްޔަށް= ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށްދާން ފަށައިފަ އެވެ.
އާބާދީގައި 1.4 ބިލިއަން މީހުން ހިމެނޭ ޗައިނާ އިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 82,971 މީހުނެވެ.
ނަމަވެސް، ޗައިނާގެ ހަގީގީ އަދަދުތަކާމެދު ބައެއް ސިއްހީ މާހިރުން ސުވާލު އުފައްދަމުން ދާއިރު، ކޮވިޑް-19 ފުރަތަމަ ފެނުނު ވޫހާން ސިޓީގައި އެޅި ލޮކްޑައުން އުވާލިތާ މަސް ދުވަސް ފަހުން، އެ ސިޓީން އެ ބަލީގެ ކްލަސްޓާއެއް ފެނުމާ ގުޅިގެން، އެ ސިޓީގައި ދިރިއުޅޭ 11 މިލިއަން މީހުން ބައްޔަށް ޓެސްޓު ކުރުމުގެ ޕްލޭނަށް ދަނީ އަމަލު ކުރަމުންނެވެ.
ޗައިނާއަށް އަމާޒުވެފައިވާ ތުހުމަތުތައް ދޮގު ކޮށް އެ ގައުމުން ބުނީ، އެ ބައްޔާ ގުޅޭ ސައްހަ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއާ އަބަދުވެސް ހިއްސާ ކުރަމުން ގެންދާ ކަމަށެވެ.