ބޭރު ކުޅިވަރު

ޔުނައިޓެޑްގެ ކޯޗުގެ ތައުރީފް މާޝިއަލް އާއި ޑެހެޔާ އަށް

Sep 21, 2015

ސައުތެމްޓަން އަތުން އިނގިރޭސި ޕްރެމިއާ ލީގުގައި ރެ 3-2 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗަށް ފަހު ފޯވަޑް އެންތަނީ މާޝިއަލް އާއި ކީޕަރު ޑޭވިޑް ޑެހެޔާ އަށް ކޯޗު ލުއިސް ވަންހާލް ތައުރީފްކޮށްފި އެވެ.

ހުއާން މާޓާ ޔުނައިޓެޑްގެ ފަހު ގޯލު ޖަހައިދިން މެޗުގައި ސައުތެމްޓަން ލީޑުގައި އޮއްވައި ފަހަތުން އަރައި ޓީމަށް ލީޑު ހޯދައިދިނީ މާޝިއަލް އެވެ. އަދި ޔުނައިޓެޑް ތިން ލަނޑު ޖެހިފަހުން ސައުތެމްޓަނުގެ ދެ ވަނަ ގޯލު ވެސް ޖަހައިދިނީ ފުރަތަމަ ގޯލު ވެސް ޖެހި ގްރެޒިއާނޯ ޕެލޭ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވެންހާލް ބުނީ އުމުރުން އެންމެ 19 އަހަރުގެ މާޝިއަލް އަކީ ހާއްސަ ކުޅުންތެރިއެއް ކަމަށެވެ.

"އަހަރުމެން އޭނާ އަށް ވަރަށް ގިނަ ފައިސާ (36 މިލިއަން ޕައުންޑް) ހޭދަކުރިން. ވަރަށް ގިނަ މީހުން ހީކުރޭ އޭނާއަކީ އެވަރެއްނެތް ތަރިއެއް ކަމަށް. އެކަމަކު އޭނާއަކީ އަދި ކުޑަކުއްޖެއް. އެންމެ 19 އަހަރު. މިދިޔަ ތިން މެޗުގައި އޭނާ ވަނީ ވަރަށް ގިނަ ކަންތައްތައް ކޮށްފައި. އަހަރެން އޭނާއާ މެދު ފަހުރުވެރިވަން. އެކަމަކު އަހަރުމެންނާއި އޭނާ ވެސް ހަމަބިމުގައި ތިބެންޖެހޭނެ،" ކޯޗު ބުންޏެވެ.

މެޗުގައި ޔުނައިޓެޑުގެ ކީޕަރު ޑެހެޔާ މޮޅު ސޭވްތަކެއް ކުރި އެވެ. އޭނާއާ ބެހޭ ގޮތުން ވެންހާލް ބުނީ މިދިޔަ ޓްރާންސްފާގައި ރެއާލް މެޑްރިޑުން ޑެހެޔާ ގަންނަން އުޅުމުން ވެސް އޭނާ ނުވިއްކީ މޮޅަށް ކުޅޭތީ ކަމަށެވެ.

"މިއީ (މި ފެނުނީ) އަހަރުމެންނަށް ޓްރާންސްފާ މާކެޓުގައި (އޭނާ ވިއްކާލަން) އުނދަގޫވިކަންތައް. އަހަރެން އަބަދުވެސް ބުނަން އަހަރުމެން ޑެހެޔާ ބޭނުންވެއޭ،" ވެންހާލް ބުންޏެވެ.

ސައުތެމްޓަނުގެ ކޯޗު ރޮނަލްޑް ކޮއެމަން ވެސް ބުނީ ޑެހެޔާ މޮޅަށް ކުޅުނު ކަމަށެވެ. ނަމަވެސް އޭނާގެ ޓީމު ބަލިވީ ޔުނައިޓެޑް މޮޅުވެގެން ނޫން ކަމަށާއި އަމިއްލަ އަށް ޕްރެޝަރަށް ގޮސްގެން ކަމަށެވެ.

"ފުރަތަމަ 30 މިނިޓް އަހަރުމެން ރަނގަޅަށް ކުޅުނު. އެކަމަކު ފުރަތަމަ ހާފުގެ ފަހު 10 މިނިޓްގައި މުޅިން ގޯސްވި. ފުރަތަމަ ހާފުގައި އެކަހަލަ ލަނޑެއް ވަނުމަކީ ވެގެންވާނެ ކަމެއްނޫން. އަހަރުމެން 3-2ވި ފަހުން އުޅުނު ނަތީޖާ ބަދަލުކުރަން. ޖުމުލަކޮށް ބުނާނީ އަހަރުމެން ބަލިވީ މެންޗެސްޓާ ޔުނައިޓެޑުގެ ސަބަބުންނެއް ނޫނޭ. އަހަރުމެން އަމިއްލަ އަށް ބަލިވެގަތީ،" ކޯޗު ބުންޏެވެ.

މެޗުން މޮޅުވުމުން މެންޗެސްޓާ ވަނީ ހެ މެޗުން 13 ޕޮއިންޓާއެކު ދެ ވަނާގަ އެވެ. މިއީ އެއްވަނާގައިވާ މެންޗެސްޓާ ސިޓީ އަށްވުރެ ދެ ޕޮއިންޓް މަދު އަދަދެކެވެ. ސީޒަނުގައި ފުރަތަމަ ފަހަރަށް ސިޓީ ރޭ ބަލިވީ ވެސްޓްހޭމް އަތުން 2-1އިންނެވެ. ސައުތެމްޓަން އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު 16 ވަނާގަ އެވެ.

ލިވަޕޫލް ރޭ ވަނީ ނޯވިޗާ ވާދަކޮށް އަމިއްލަ ދަނޑުގައި 1-1އިން އެއްވަރުވެފަ އެވެ. މިކަމާ ކޯޗު ބްރެންޑަން ރޮޖާސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ އަމިއްލަ ދަނޑުގައި ނަތިޖާ ރަނގަޅު ކުރަންޖެހޭ ކަމަށެވެ. ޓޮޓެންހަމް ރޭ މޮޅުވީ ކްރިސްޓަލް ޕެލަސް އަތުން 1-0އިންނެވެ. ލަނޑު ޖެހީ ހުންމިންސޮން އެވެ. މި ނަތީޖާއާއެކު ޓޮޓެންހަމް ހަ މެޗުން ނުވަ ޕޮއިންޓާއެކު ނުވަވަނާގައ އޮތްއިރު ޕެލަސް އޮތީ ނުވަ ޕޮއިންޓާއެކު ގޯލުގެ ތަފާތުން އަށްވަނާގަ އެވެ. ލިވަޕޫލް އޮތީ އަށް ޕޮއިންޓާއެކު 13 ވަނާގަ އެވެ. ނޯވިޗް އޮތީ އަށް ޕޮއިންޓާއެކު 11 ވަނާގަ އެވެ.