ދީން

ހަ ރޯދަ ހިފަންވީ ކިހިނެތް؟

ރޯދަ މަހުގެ ބަރަކާތްތެރި މޫސުން ނިމުނީއެވެ. މިއަދަކީ އުފާވެރި ފިތުރު އީދު ދުވަހެވެ. އީދު ދުވަހާއެކު ޝައްވާލު މަސް ފެށިގެންދިޔައީއެވެ.

ރޯދަމަސް ނިމުމާ ވިދިގެން އަންނަ އެންމެ މުހިންމު އެއް އަޅުކަމަކީ ޝައްވާލުމަހުގެ ހަރޯދައިގެ އަޅުކަމެވެ. ޝައްވާލުމަހުގެ ހަރޯދައިގެ ދަރުމަ މަތިވެރިވެގެންވެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސްފުޅެގެ މާނައިގައިވެއެވެ. "ރޯދަމަހުގެ ރޯދަ ހިފުމަށްފަހު، ޝައްވާލުމަހުން ހަ ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފި ފަދައެވެ." މި ހަދީސް ރިވާކުރެއްވީ އިމާމު މުސްލިމެވެ.

ހަ ރޯދަ ހިފަންވީ ގޮތް

ޝައްވާލު މަހުގެ ހަރޯދައިގެ ހުކުމަށް ބަލާއި،ރު ބައެއް ބޭކަލުންގެ އަރިހުގައި ވިދިވިދިގެން ހަ ރޯދަ ހިފުން މޮޅު އިތުރު ވެގެންވެއެވެ. އަދި ބައެއް ބޭކަލުން ދެކެލައްވާ ގޮތުގައި ވިދިވިދިގެން ހިފުމާއި ވަކިވަކިން ހިފުމުގެ ތަފާތެއް ނެތެވެ.

ޝައްވާލުމަހުގެ ހަރޯދަ ހިފަންވީ ގޮތާމެދު އިލްމުވެރިންގެ މެދުގައި ތިން ރައުޔެއް ވެއެވެ.

* ފުރަތަމަ ރައުޔު: އެންމެ އެދެވިގެންވަނީ ޝައްވާލުމަހުގެ ކުރީކޮޅު، އެ ހަ ރޯދަ ވިދިވިދިގެން ހިފުމެވެ. މި ބަސްފުޅަކީ އަލްއިމާމުއްޝާފިއީ رحمه الله ގެ ބަސްފުޅެވެ. އަދި ޝާފިއީ މަޒުހަބުގެ ބޮޑެތި ދަންނަ ބޭކަލުންގެ ތެރެއިން އަލްއިމާމުއްނަވަވީ رحمه الله ވެސް ވިދާޅުވެފައިވެއެވެ. "ޝައްވާލު މަހުގެ ކުރީކޮޅު، ވިދިވިދިގެން ހަ ދުވަހު ރޯދަ ހިފުން އެދެވިގެންވެއެވެ. އަދި ވަކިވަކީން ހިފި ކަމުގައިވިޔަސް، ނުވަތަ އެމަހުގެ ފަހުކޮޅު ހިފިކަމުގަވިޔަސް މައްސަލައެއް ނެތެވެ."

* ދެވަނަ ރައުޔު: އިހުގެ ބައެއް ދަންނަބޭކަލުންގެ ދެކެވަޑައިގަންނަވާ ގޮތުގައި، ހަރޯދަ ހިފުމުގައި ބޮޑަށް ރަނގަޅީ އީދު ދުވަހާ ވިދިގެން، އަންނަ ދުވަސް، ނުވަތަ ވަޅު އީދު ދުވަހު ނުހިފުމެވެ. އެހެނީ އެދުވަސްތަކަކީ އީދާ ގުޅިފައިވާ ކެއުމާ ބުއިމުގެ ދުވަސްތަކެކެވެ. ހަ ރޯދަ ހިފުމުގައި، ހަނދު މަހުގެ ތޭރަ، ސާދަ ފަނަރައާއެކުގައި، އެދުވަސްތަކުގެ ކުރިން ނުވަތަ ފަހުން ތިން ރޯދަ ހިފައި ހަރޯދަ ފުރުހިމަ ކުރުން އެންމެ ރަނގަޅުކަމުގައި މިބޭކަލުން ދެކެލައްވައެވެ.

ނަމަވެސް ޖުމްހޫރު ދަންނަ ބޭކަލުންގެ އަރިހުގައި، ފިތުރު އީދާ ޖެހިގެން އޮންނަ ދުވަހު ރޯދަ ހިފުމަކީ ހުއްދަކަމެކެވެ.

* ތިންވަނަ ރައުޔު: ޝައްވާލު މަހުގެ ކުރީ ކޮޅު ހިފިޔަސް، ނުވަތަ ފަހުން ހިފިޔަސް، އަދި ވަކިވަކީން ހިފިޔަސް ނުވަތަ ވިދިވިދިގެން ހަރޯދަ ހިފިޔަށް އޭގައި އެއްވެސް ތަފާތެއް ނެތެވެ. މިހުރިހާ ގޮތެއްވެސް ހުއްދަވެގެންވެއެވެ. ސުންނަތް ވެގެންވަނީ ޝައްވާލު މަހުގެ ކޮންމެވެސް ހަދުވަހެއްގައި ރޯދަ ހިފުމެވެ. މިއީ ހަންބަލީ މަޒުހަބުގެ އިމާމުކަމުގައިވާ އިމާމު އަހްމަދުގެ ރައުޔެވެ.

އެންމެ ފަހުން މިނަންގަނެވުނު ގޮތަކީ އެންމެ ރާޖިހު (ރަނގަޅު) ބަސްފުޅު ކަމުގައި ރާއްޖޭ ޝެއިޚުންގެ ތެރެއިން ގިނަ ބޭފުޅުން ދެކެލައްވައެވެ.

ގަލޯ ރޯދައި ހިފުމުގެ ކުރިން ހަ ރޯދަ ހިފުން

ޝައްވާލު މަހުގެ ހަ ރޯދަ އަކީ ސުންނަތް ރޯދަ ތަކެއް ކަމުގައިވީއިރު، ރޯދަމަހު ނުހިފި ދޫވެފައިވާ ރޯދަތައް ހުއްޓައި، އެރޯދަތައް ފަހުން ގަލޯ ކުރުމުގެ ވިސްނުމުގައި ޝައްވާލު މަހުގެ ހަ ރޯދަ ހިފިދާނެތޯ ވަރަށް ގިނަ ފަރާތްތަކެއްގެ ހިތުގައި ސުވާލު އުފެދެއެވެ.
މި މައްސަލައިގެ ތަފުސީލަށް ބަލާއިރު، މައިގަނޑު ދެރައުޔެއް ފާހަގަކޮށްލަންޖެހެއެވެ.

* ގަލޯ ރޯދަތައް ހިފައި ފުރިހަމަ ކުރުމުގެ ކުރިންވެސް ހަ ރޯދަ ހިފިމީހަކަށް އެ ހަރޯދައިގެ ދަރުމަޔާ ސަވާބު ލިބޭނޭކަމަށްވެސް ބައެއް ބޭކަލުން ވިދާޅުވެއެވެ. އެބޭކަލުން ދެކެލައްވާ ގޮތުގައި ރޯދަ މަހު ޝަރުއީ އުޒުރަކާހުރެ ރޯދައެއް ދޫކޮށްލައިފި އެރޯދަ ގަލޯ ކުރުމަށް، އެ މީހާ އަހަރުގެ ތެރެއިން ކޮންމެވެސް ދުވަސްތަކެއްގައި އެރޯދަ ހިފުމުގެ ހުއްދަވަނީ ދެއްވާފައެވެ.

* ރޯދަ މަހުގެ ދޫވެފައިވާ ރޯދަތައް ގަލޯ ކުރުމަށްފަހު، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުން މެނުވީ، ހަ ރޯދައިގެ ފުރިހަމަ ދަރުމަޔާ ސަވާބު ނުލިބޭނޭކަމުގައި ބައެއް ބޭކަލުން ދެކެލައްވައެވެ. އެބޭކަލުން ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާ صلى الله عليه وسلم އުއްމަތަށް ދެއްވާފައިވާ އިރުޝާދުގައިވަނީ، ރޯދަމަހުގެ ރޯދަ ހިފުމަށްފަހު، ދެން އެއާވިދިގެން ޝައްވާލުމަހުގެ ހަ ރޯދަ ހިފައިފި މީހާ މުޅި އަހަރު ރޯދަ ހިފިފަދަ ކަމުގައެވެ. އެހެންވުމުން މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ދަރުމަ ލިބުން ގުޅިފައިވަނީ ރޯދަމަހުގެ ރޯދަ ހިފައި ފުރިހަމަ ކުރުމަށްފަހު މި ސުންނަތް އަދާ ކުރުމުން ކަމުގައި އެބޭކަލަން ވިދާޅުވެއެވެ.

މި ރައުޔަކީ ސަޢޫދީ އަރަބިޔާގެ ކުރީގެ މުފްތީ އައްޝައިހު ބިން ބާޒް رحمه الله އާއި އައްޝައިހު އިބްނު އުޘައިމީން رحمه الله ގެ ރައުޔެވެ.

ހަ ރޯދަ ވެރިންގެ އީދު

ޝައްވާލު މަހު ވިދިވިދިގެން ހަ ރޯދަ ހިފައިފިނަމަ، ހަ ރޯދަ ހިފާ ނިމޭނީ އެމަހުގެ ހަތްވަނަ ދުވަހުއެވެ. އެހެންވީމާ އެމަހުގެ އަށްވަނަ ދުވަހަކީ ހަ ރޯދަވެރިންގެ އީދު ކަމުގައި ބައެއް މީހުން ކިޔައި އުޅެއެވެ. ނަމަވެސް އެދުވަހަކީ އީދެއްގެ ގޮތުގައި ދެކުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ މުސްލިމުންނަށްޓަކައި މާތް ﷲ ކަނޑައަޅުއްވާފައިވަނީ ދެ އީދު ދެދުވަހެވެ. އެއީ ފިތުރު އީދާއި އަލްހާ އީދެވެ.

ހަ ރޯދައިގެ ފައިދާ

ޝައްވާލު މަހުގެ ހަ ރޯދައި ފައިދާ އާބެހޭ ގޮތުން އިލްމުވެރިން ވަރަށް ތަނަވަސްކޮށް ވާހަކަ ދައްކަވާފައިވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.

* އިސްވެ ބަޔާންކުރެވުނު ހަދީސްފުޅުގައިވާ ފަދައިން، ރޯދަމަހުގެ ރޯދަ ހިފައި ފުރިހަމަ ކުރުމަށްފަހު ޝައްވާލު މަހުގެ ހަރޯދަ ހިފައިފުމަކީ މުޅި އަހަރު ރޯދަ ހިފުމުގެ ދަރުމަޔާ ސަވާބު ހާސިލުވާކަމެކެވެ.

* ޝައްވާލު މަހުގެ ހަ ރޯދައަކީ ނަމާދުގެ އިސްފަހުގައި ކުރެވޭ ރައްވާތިބު ސުންނަތްފަދަ އަޅުކަމެކެވެ. މި ސުންނަތްތަކަކީ ފަރުލު އަޅުކަމުގައިވެވިފައިވާ އުނިކަން ފޫބައްދައިދީ، ތިމާއަށް ލިބެންހުރި ސަވާބު ފުރިހަމަކޮށްދޭ ކަމެއް ކަމުގައި ހަދީސްފުޅުތުގައިވަނީ ބަޔާންކޮށްދެއްވާފައެވެ.

* ރޯދަމަސް ނިމުމަށްފަހުވެސް ހެޔޮ ކަމުގައި ދެމިތިބުމުގެ ތައުފީގު ދެއްވުމަކީ އަޅުކަން މާތް ﷲ ގެ ހަސްރަތުގައި ގަބޫލުވެވިގެންވާ ކަމުގެ އަލާމާތެކެވެ.

* ރޯދަމަސް ނިމުމުން އަޅުކަމުގެ މޫސުން ނިންމާނުލައި، ނަމާދާ ރޭއަޅުކަމާއި ރޯދައާއި ގުރުއާން ކިޔެވުމުގައި ދެމިހުރުމަކީ، އަޅުތަކުންގެ ކިބައިގައި ހުރި ހެޔޮ ކަން ދެމިގެންވާ ކަމުގެ އަލާމާތެކެވެ. އަދި މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ފާފަ ފުއްސެވުމާއި ދިންނެވުމުގެ މަގުތައް ފަހިކޮށްދެއްވާފައިވާ ކަމުގެ އަލާމާތެކެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • އެހީ: ޝައިހު ހަސަން މޫސާ ފިކުރީ