ރަހިމުގެ ގުޅުމާއި އެކުވެރިކަމުގެ ގުޅުންތައް ވަރުގަދަ ކުރުމަށް މިއަދުގެ އީދު ހުތުބާގައި ގޮވާލައިފި އެވެ.
މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ ހަތް ރަށެއްގައި ފިޔަވައި އެހެން ހުރިހާ ރަށެެއްގަައި މިއަދު ހެނދުނު 7:30 ގައި ވަނީ އީދު ނަމާދު ކޮށްފައެވެ.
އީދު ނަމާދަށް ފަހު އިއްވި ހުތުބާގައި ބުނެފަައިވަނީ މިފަދަ ދުވަހެއްގައި ކަނޑައަޅަންވީ ހަސަދަވެރިކަމާއި ދެކޮޅުވެރިކަމުން ދުރުވުމުގެ އަޒުމް ކަމަށެވެ. ކޮންމެ މީހަކުވެސް އަނެކެއްގެ ހައްގުތައް އަަދާކުރުމަށާއި ލޯތްބާ ކުލުނުވެރިކަމާއެކު ގުޅުންތައް ބަދަހި ކުރުމަށްވެސް ގޮވާލެއްވިއެވެ.
އީދު ދުވަހަކީ ރޯދަވެރިންނަަށް ދަރުމަ ދެއްވާ ދުވަސް ކަމަށާ މާތްﷲ އަށް ކިޔަމަންގަތް އަޅުތަކުންނަށް މިއަދަކީ މަތިވެރި އީދެއް ކަމުގައި ލައްވަވާފައިވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. ރޯދަ މަސް ނިމިގެންދިޔަ ނަމަވެސް އަޅުކަމާ ދުރުނުވުމަށްވެސް މިއަދުގެ ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
އީދުތަކަކީ އެންމެންވެސް އުފާފާޅުކުރުމުގައި ބައިވެރިވުމުގެ ފުރުސަތު ދޭންޖެހޭ ދުވަސްތަކެއް ކަމަަށާ އެއީ ހަމައެކަނި ތަނަވަސްކަމުގެ އަހުލުވެރިންނަށް އަންނަ ދުވަހެއް ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެން ކަމުން މުޖްތަމައުގައި ހިމެނޭ އެކި ފަންތީގެ މީހުން އީދުގެ އުފަލުގައި ބައިވެރިކުރުމަށް ގޮވާލާފައިވެއެވެ.
ފިތުރު އީދުގެ ކުރިން ޒަކާތް ނެރުމަށް އަންގަވާފައިވަނީވެސް އީދުގެ އުފަލުގައި ފަގީރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުމުގެ ގޮތުން ކަމަށްވެސް ހުތުބާގައި ބުންޏެވެ.
އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ބައެއް ރަށްރަށުގައި މިސްކިތްތަކާއި މައިދާންތަކުގައި ޖަމާއަތުގައި އީދު ނަމާދު ނުކުރެވުނު ނަމަވެސް އީދު ސަލާމާއި ތަހުނިޔާ، ފޯނުގެ ޒަރިއްޔާއިން އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިންނަށް ފޮނުވާ ގުޅުންތައް ވަރުގަދަ ކުރުމަށް ގޮވާލާފައިވެއެވެ.
މިއަދުގެ އީދު ނަމާދަށްފަހު އިއްވުނު ހުތުބާގައި ކޮރޯނާގެ ބަލިމަޑުން ސަލާމަތް ކޮށްދެއްވުން އެދި ދުއާ ކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ މާލެ ސިޓީއާއި ށ. ނަރުދޫއާއި ނ. މަނަދޫއާއި ކ. ހިންމަފުށިއާއި ކ. ތުލުސްދޫގެ އިތުރުން ހއ. ތަކަންދޫ އަދި ށ. މިލަންދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައި މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައެވެ.
ބައެއް ރަށްރަށުގައި މިއަދު އީދު ނަމާދު ކޮށްފައިވަނީ ސުންނަތާ އެއްގޮތަށް ހުސްމައިދާންތަކުގައި ބޮޑު ޖަމާއަތުގައެވެ.