މި ދުވަސްވަރު އަންހެނުންނާއި ކުޑަކުދިން މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފައިވާ މި ދަނޑިވަޅުގައި އީދު ނަމާދަށް އައުމުގައި ސަމާލުވާންޖެހޭ ކަންތައްތައް ހާމަކުރައްވާ އާންމު ކުރެއްވި މައުލޫމާތުތަކެއްގައެވެ. އެ މިނިސްޓްރީން ވަނީ އަންހެނުންނާއި ކުޑަކުދީން މިސްކިތަށް ނައުމަކީ މިނިސްޓްރީން ބާރު އަޅާ ކަމެއް ކަމަށް ބުނެފައެވެ.
އަދި ބޮޑެތި ބަލިތަކަށް ބޭސްކުރައްވާ މީހުންނާއި ފުއްޕާމޭގެ މައްސަލަ ހުންނަ މީހުންނާއި ދުވަސްވީ މީހުން އަދި ބަލީގެ އަލާމާތެއް ހުންނަ މީހުންވެސް މިސްކިތަށް ނުދިއުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މިސްކިތަށްދާ މީހުން އަމިއްލަ މުސައްލައެއް ގެނައުމަށާއި އެހެން މީހެއްގެ މުސައްލަ ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.
ކޮންމެވެސް އެއް ޖަމާއަތަކަށް ދިއުން
މި އަހަރުގެ އަލްހާ އީދު ދުވަސް ހުކުރު ދުވަހާ ދިމާވުމުން ކޮންމެވެސް އެއް ޖަމާއަތެއް ހިޔާރުކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ބޮޑު ޖަމާއަތުގައި ނަމާދު ނުކުރާގޮތަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މާލެ ސިޓީގައި އީދު ނަމާދު ކުރުން މާލޭގެ ހުކުރު ކުރާ ހުރިހައި މިސްކިތެއްގައި އޮންނާނެއެވެ. އަންހެނުންނަށް އީދު ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވަނީ ހަމައެކަނި މާލޭގެ އިސްލާމީ މަރުކަޒު، ވިލިމާލޭގެ މަސްޖިދުލް ބިއްރި އަދި ހުޅުމާލޭގެ މަސްޖިދުލް އަޒީޒާ މޫސާގައި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އީދު ނަމާދަށް ދިއުމުގައި ސަމާލުކަން ދޭންވީ ކަންކަން
- ހުކުރު ނަމާދާއި އީދު ނަމާދުގެ ތެރެއިން ކޮންމެވެސް އެއް ނަމާދާކަށް އައުމަށް އިސްކަން ދިނުން،
- އަންހެނުންނާއި ކުޑަކުދިން މި ހާލަތުގައި މިސްކިތަށް ނުދިއުން،
- ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނާއި ފުއްޕާމޭގޭ މައްސަލަތައް ހުންނަ މީހުން މިސްކިތަށް ނުދިއުން،
- ދުވަސްވީ މީހުންނާއި، ބަލީގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނުދިއުން،
- އަމިއްލަ މުސައްލަ ގެނައުން،
- އަނެކާގެ މުސައްލަމަތީ މުސައްލަ ނޭޅުން،
- އެމީހެއްގެ މުސައްލަމަތީ ހުރެ ނަމާދު ކުރުން،
- މާސްކު ނާޅާ މިސްކިތައް ނުދިއުން،