ބޭރު ކުޅިވަރު

އިންޓަމިލާނަށް ހަތަރަކުން ހަތަރެއް، ޔުވެންޓަސް އަށް ހަތަރަކުން އެކެއް

Sep 21, 2015

އިޓާލިއަން ލީގުގައި މަޝްހޫރު އިންޓަމިލާން މިހާތަނަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށް ޓޭބަލުގެ ކުރީގައި ހިފަހައްޓައިފި އެވެ.

އިންޓަ މޮޅުވީ ކިއޭވޯ ވެރޯނާ ކޮޅަށް އާޖެންޓީނާގެ ފޯވަޑް މައުރޯ އިކާޑީ ޖެހި ހަމައެކަނި ގޯލުންނެވެ. މި މޮޅާއެކު އެ ޓީމު ވަނީ ހަތަރު މެޗުން 12 ޕޮއިންޓާއެކު ޓޭބަލުގެ ކުރީގަ އެވެ.

މިއީ އިންޓަމިލާނާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ މިދިޔަ ސީޒަނުގެ ވަކިހިސާބަކުން ހަވާލުވުމަށްފަހު އެ ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ހުސްވި ސީޒަނުގައި މެދުތެރެއިން ޓީމާ ހަވާލުވެ މަންޗިނީ އަށް ސީޒަން ނިންމާލެވުނީ އަށް ވަނާގަ އެވެ. ނަމަވެސް އިންޓަމިލާނުގައި ޖެހިޖެހިގެން ތިން ފަހަރު ލީގު ކާމިޔާބު ކުރުމަށްފަހު ސިޓީ އަށް ބަދަލުވި ކޯޗު އަލުން އެނބުރި އައިސް ވަނީ މި ސީޒަނަށް ޓީމު ވަރަށް ބޮޑަށް ބަދަލުކޮށްފަ އެވެ.

އޭނާ ރޭގެ މެޗަށް ފަހު ބުނީ ހަތަރު މެޗުން ޓޭބަލުގެ ކުރީގައި އޮތުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށާއި ނަމަވެސް އެންމެވެސް ބަލާނީ ސީޒަން ނިމޭއިރު އެއްވަނާގައި އޮންނަ ޓީމު ކަމަށެވެ. އަދި އަމާޒަކީ އެއީ ކަމަށެވެ.

އިޓާލިއަން ލީގުގައި އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ޔުވެންޓަސް އަށް މި ސީޒަނުގައި މެޗަކުން މޮޅުވެވުނީ ރޭގަ އެވެ. މިހާތަނަށް ހަތަރު މެޗު ކުޅެގެން އެ ޓީމު ރޭ މޮޅުވީ 10 މީހުންނާއެކު ކުޅެން ޖެހުނު ޖެނޯއާ އަތުން 2-0އިންނެވެ. ޕައުލް ޕޮގްބާ ދެ ވަނަ ގޯލު ޖެހިއިރު ފުރަތަމަ ގޯލަކީ ބައިގޯލެކެވެ.