ދުނިޔެ

ރޮހިންޔާ އާ ގުޅޭ ފުރަތަމަ ރިޕޯޓު މިޔަންމާ އިން ހުށަހަޅައިފި

May 25, 2020
1

ރޮހިންޔާ މުސްލިމުންގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތައް ތަފްސީލުކޮށް، މިޔަންމާ ސަރުކާރުގެ ފުރަތަމަ ރިޕޯޓު ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅައިފި އެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް، މިމައްސަލަ އދ.ގެ ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ދަ ގެމްބިއާއިންނެވެ.

މި މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމު" ން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން އެ ގައުމަށް އަމުރު ކޮށްފަ އެވެ. އަދި 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާކަމަށް މިމައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ ޕެނަލުން ނިންމާފައިވެއެވެ.

ބައިނަލްއަގުވާމީ ކޯޓުގެ ނިންމުމުގައިވާ ގޮތުން ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް މިޔަންމާއިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް ހަތަރު މަސްދުވަހުގެ ތެރޭގައި އެކޯޓަށް ހުށަހަޅަން ޖެހެ އެވެ. އަދި އޭގެ ފަހުން މައްސަލަ އެއްކޮށް ކޯޓުގައި ނިމެންދެން ކޮންމެ ހަ މަހަކުން އެފަދަ ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު މިޔަންމާ ސިފައިން އެ ގައުމުގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަމަލުތަކުގެ ސަބަބުން 750،000 އަށްވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަ ކޮށްފަ އެވެ. ލާއިންސާނީ އަމަލުތަކުގައި މިޔަންމާގެ ސިފައިންވަނީ ގިނަ އަދަދެއްގެ މުސްލިމުން ގަތުލު ކޮށްފަ އެވެ.

މިޔަންމާގެ ސަރުކާރުން ވަނީ މުސްލިމުންނާ ދެކޮޅަށް ގަތުލު އާންމު ހިންގި ކަމަށް ކުރެވޭތުހުމަތު ދޮގު ކޮށްފަ އެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން އދ. އިން ތައްޔާރުކުރި ރިޕޯޓާއި ތަހުގީގުތައް ދޮގުކޮށްފައިވެ އެވެ.