ބޭރު ކުޅިވަރު

ވެންގާ ރޮއިހޭރުން ހުއްޓާލަންވެއްޖެ: މޮރީނިއޯ

Sep 21, 2015

ޗެލްސީ އަތުން ބަލިވާ ކޮންމެ ފަހަރަކު އާސެނަލް ކޯޗު ބޮޑާހާކައި ރޮއިހޭރުން ހުއްޓާލަން ވެއްޖެކަމަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އޭނާ މިހެން ބުނީނ ވަރަށް ބޮޑަށް ޖެހިފައި ތިބޭ މި ދެ ކޯޗުންގެ ޓީމު އިއްޔެ ކުޅެގެން ޗެލްސީ 2-0އިން ބަލިވުމާއެކު ވެންގާ ދެއްކި ވާހަކަތަކަށް އިޝާރާތްކޮށެވެ.

އާސެނަލްގެ ދެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކި މެޗަށް ފަހު ވެންގާ ބުނީ އޭނާގެ ދެ ކުޅުންތެރިންނަށް ރަތްކާޑު ދެއްކިއިރު މުޅި މެޗުގައި އެންމެ ބޮޑަށް ގޯސްކަންތައްތައް ކުރީ ޗެލްސީގެ ފޯވަޑް ޑިއެގޯ ކޯސްޓާ ކަމަށާއި އޭނާ ދަނޑުމަތީގައި ހުރީ ރެފްރީންގެ ދޯދިޔާކަމުގެ ސަބަބުން ކަމަށެވެ. އަދި ކޯސްޓާއަކީ އަބަދުވެސް ގޯސްކަންތައްތައް ކުރާ ކުޅުންތެރިއެއް ކަމަށާއި އިއްޔެގެ މެޗުގައި ވެސް އާސެނަލްގެ ގަބްރިއަލްގެ މޫނުމަތީގައި ކޯސްޓާ ޖަހާފައިވާ ކަމަށާއި މިފަދަ އަމަލުތަކުން ކުޅުންތެރިޔާ ސަލާމަތްވެ ގަންނަނީ ރެފްރީންގެ ފެންވަރުދެރަވުމުން ކަމަށެވެ. އަދި ވެންގާ ވަނީ ކޯސްޓާގެ އަމަލުތައް ބަލައި ދިރާސާކޮށް އޭނާ އަށް އަދަބުދިނުމަށް އިނގިރޭސި އެފްއޭ އަށް ގޮވާލައިފަ އެވެ.

މިއާއެކު މޮރީނިއޯ ރަތަށް އަރައި ބުނީ ޗެލްސީ އަތުން ބަލިވާ ކޮންމެ ފަހަރަކު ވެންގާ ޒާތްޒާތުގެ ބަހަނާ ދައްކާފައި ރޮއި ހެދުން ހުއްޓާލަން ވެއްޖެ ކަމަށެވެ.

"އަހަރެން އާސެނަލްއާ ދެކޮޅަށް ކުޅެފިން 18 ފަހަރު. މީގެ ތެރެއިން އެންމެ ފަހަރަކު އޭނާ ރޮއިހޭރި ނުހަދަނީ. އެފަހަރު އަހަރުމެން ބަލިވެ ތަށި ގެއްލުނީ. އެއީ އަހަރުމެންނަށް ރަނގަޅުގޮތެއްނޫން. އެކަމަކު އަހަރުމެން އަހަރުމެން އުޅުނީ ނަމޫނާ ބައެއް ފަދައިން. އަހަރުމެން ބަހަނާ ނުދައްކަން. ރޮއި ނުހަދަން. އެއީ މިސްޓަރ ހޯސޭ މޮރީނިއޯ (ގެ ގޮތަކީ) އަދި އަހަރެން ޓީމުގެ (ގޮތަކީ). އަހަރެން ބަލިވީމަ އަހަރެން އެކަން ގަބޫލުކުރަންޖެހޭ. ހަޖަމްކުރަންޖެހޭ. ވެންގާ ވެސް ވެންގާ ބަލިވީމަ ބަލިގަބޫލުކުރަންޖެހޭ،" މޮރީނިއޯ ބުންޏެވެ.