ދުނިޔެ

ޝަރީއަތުގެ ބޭނުމަކީ ވަރުގަދަ ބޮޑުވަޒީރަކު ދުރުކުރުން: ނަތަންޔާހޫ

May 25, 2020

ސިޔާސީ ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ޝަރީއަތް ހިންގުމުގެ ބޭނުމަކީ ވަރުގަދަ ބޮޑުވަޒީރަކު ދުރުކުރުންކަމަށް ވިދާޅުވެ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެގައުމުގެ އަދުލު އިންސާފުގެ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނާބެހޭ ޕޮޒިޓިވް ކަވަރޭޖު ގެނެސް ދިނުމަށް، އެ ގައުމުގެ އެންމެ ބޮޑު މުއާސަލާތީ ކުންފުންޏަށް ބޮޑެތި ފައިދާތައްވާ ގޮތަށް ގަވައިދުތައް ބަދަލު ކޮށްފައިވާ ކަމުގެ ދައުވާ ވަނީ އުފުލައިފަ އެވެ.

އެގޮތުން، އިއްޔެ ފެށި ޝަރީއަތަށް އިރުމަތީ ގުދުސްގައި ހުންނަ ކޯޓަށް ނަތަންޔާހޫ ވަނީ ހާޒިރުވެވަޑައިގެންފަ އެވެ. މިއީ އިޒްރޭލުގައި ބޮޑުވަޒީރުގެ މަގާމުގައި ހުންނަވަނިކޮށް ޖިނާއީ ދައުވާއެއް އުފުލުނު ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަން އިޒްރޭލުގައިވެސް އޮތް އިރު، މާސްކު އަޅުއްވައިގެން ހުންނެވި ނަތަންޔާހޫ ވިދާޅުވީ، ފަހުރުވެރިކަމާއެކު ގައުމު ހިންގުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ. ނަމަވެސް، ޖުޑީޝަރީގެ އިތުރުން ފުލުހުންނާއި މީޑިއާއަށްވެސް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޖުލައި 19 އަށް ތާވަލު ކުރެވުނު ދެވަނަ އަޑުއެހުމަށް ނަތަންޔާހޫ ކޮންމެހެން ކޯޓަށް ހާޒިރުވެވަޑައިގަންނަވަން ނުޖެހޭނެކަމަށް އެ މައްސަލަ ބައްލަވާ ތިން ފަޑިޔާރުންގެ ބެންޗުން އިއްޔެ ވަނީ ނިންމަވައިފަ އެވެ. އިއްޔެ ބޭއްވުނު ޝަރީއަތަށްވެސް ކޯޓަށް ހާޒިރުވެވަޑައިނުގަންނަވަން ނަތަންޔާހޫ އެދިވަޑައިގެންނެވި އެވެ. ނަމަވެސް، ކޯޓުން ވަނީ އެ ހުށަހެޅުން ގަބޫލުނުކުރަން ނިންމައިފަ އެވެ.

ނަތަންޔާހޫގެ ހިޔާނާތުގެ ޝަރީއަތް އެތަކެއް އަހަރުތަކަށް ދިގުދެމިންގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އިޒްރޭލުގެ ގާނޫނު ބުނާގޮތުން، ބޮޑު ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނީ ޖިނާއީ ދައުވާއެއް ސާބިތުވެ، އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމުމަށްފަހު އެވެ.

ފަސް ވަނަ ދައުރަކަށް މިދިއަ މާޗު މަހު އިންތިހާބު ކުރެވުނު ނަތަންޔާހޫ އަކީ މިހާރުވެސް އިޒްރޭލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވި ލީޑަރެވެ. އޭނާ ވަނީ 1996 އިން 1999 އަށް އަދި އޭގެ ފަހުން 2009 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ބޮޑުވަޒީރުގެ މަގާމު އަދާކުރައްވައިފަ އެވެ.