ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީއެމްއެލް ކަސްޓަމަރުންގެ 87 ޕަސެންޓް އިންޓަނެޓް ބޭންކިންއަށް

May 25, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކަސްޓަމަރުންގެ 87 ޕަސެންޓް އިންޓަނެޓު ބޭންކިން ބޭނުން ކުރާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އޮޑިޓަ ޖެނެރަލް އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި ވެބިނާ (ސެމިނާ) އެއްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު އިތުރުވެގެން ދިޔައިރު، މިހާރު އިންޓަނެޓު ބޭންކިން ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު 87 ޕަސެންޓަށް އަރައި، އަދަދު 285،000 އަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

އެ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބީއެމްއެލް ކަސްޓަމަރުން މިހާރު ކުރާ ޓްރާންސެކްޝަންތަކުގެ 90 ޕަސެންޓަކީ ޑިޖިޓަލްކޮށް ކުރާ ޓްރާންސެކްޝަން ތަކެވެ. އަދި އެ ބޭންކުން ދަނީ ނިއުނޯމަލްގައިވެސް އޮންލައިންކޮށް ދެމުން ގެންދާ ހިދުމަތްތައް ދޭން ނިންމާފަ އެވެ.

ކޮވިޑް-19 ބަލި ރާއްޖެ އިން ފެނުމާ ގުޅިގެން ބީއެމްއެލްއިން ވަނީ އިންޓަނެޓު ބޭންކިން ހިދުމަތަށް ފަސޭހައިން އެޕްލައި ކުރެވޭނެ އިންތިޒާމު ހަމަޖައްސާ ދީފަ އެވެ. އަދި އެ ބޭންކުގެ ބްރާންޗުތައް ހުޅުވާ ދުވަސްތަކުގައި ވެސް ބްރާންޗްތަކަށް ނުގޮސް ހިދުމަތް ދެވޭނެ އިންތިޒާމު ތަކެއް ހަމަޖައްސާ ދީފަ އެވެ.