ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ސިއްހީ ހިދުމަތް ދޭ ތަންތަން މޮނިޓާ ކުރަން އުފައްދަން ޖެހޭ ކޮމިޝަނާ އޮފް ކޮލިޓީ އެސުއަރެންސްގެ މަގާމަށް މީހަކު އައްޔަން ކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލަ ބަލައިދޭން ކޮމިޓީގައި އިންނަވާ ވިލިމިލާ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ހުށަހަޅުއްވައިފި އެވެ.
އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން ހަތަރު އަހަރުގެ ކުއްޖަކު މަރުވި މައްސަލާގައި ކުއްޖާއަށް ފަރުވާދިނުން ލަސްވި ކަމަށް ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުން އެއްބަސްވި ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެ އެވެ. އޭޑީކޭއިން އަންނަނީ އެ ކަން ހިނގި ގޮތް މުރާޖާއާ ކުރަމުންނެވެ. އެކަމަކު އެ ހޮސްޕިޓަލުން ބުނި ގޮތުގައި ކުއްޖާ މަރުވީ ފަރުވާ ނުލިބިގެނެއް ނޫނެވެ.
މި ކަމާ ގުޅިގެން މެންބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަދަ ކަންކަން ތަހުގީގު ކުރުމަކީ ކޮމިޝަނާ އޮފް ކޮލިޓީ އެސުއަރެންސްގެ ޒިންމާއެއް ކަމަށް ގާނޫނުގައި އޮންނަ ކަމަށާއި ނަމަވެސް ގާނޫނު ފާސް ކުރިތާ ހަތަރު އަހަރު ވެގެން ދާއިރު އެ މަގާމަށް މިހާކު އައްޔަން ކޮށްފައި ނެތް ކަމަށެވެ.
އުޝާމް ވިދާޅުވީ، އެ މަގާމަށް މީހަކު އައްޔަން ކޮށްފައި ނެތުމަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ސަރުކާރުތަކުގެ ބޮޑު އިހުމާލެއް ކަމަށާއި އެހެން ކަމުން ސީއެސްސީގެ އިހުމާލު ބަލަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެދިފައިވާނެ ކަމަށެވެ.
ސިއްހީ ހިދުމަތުގެ ގާނޫނުގައި ބުނާ ގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަން މޮނިޓާ ކުރުމަށް ކޮމިޝަނާ އޮފް ކޮލިޓީ އެސުއަރެންސްގެ ނަމުގައި މަގާމެއް އުފައްދައި ސީއެސްސީން އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެ އެވެ.
އެ ގާނޫނުގައި ބުނާ ގޮތުން ސިއްހީ ހިދުމަތްދޭ ތަނަކުން މީހަކަށް އަނިޔާއެއް ވެއްޖެ ނަމަ ނުވަތަ އެއިން ފަރާތެއްގެ އިހުމާލުން ކަމެއް ހިނގި ކަމުގެ މައުލޫމާތު ލިބިއްޖެނަމަ ކޮމިޝަނާ އޮފް ކޮލިޓީ އެސުއަރެންސްއިން އެ ކަމެއް ތަހުގީގު ކުރަން ޖެހޭނެ އެވެ. އަދި ތަހުގީގުގެ ރިޕޯޓު ކަމާ ބެހޭ ބޯޑަށާއި ކައުންސިލަށާއި މިނިސްޓަރަށް ފޮނުވަން ޖެހެ އެވެ.
ސީއެސްސީން އައްޔަން ކުރަން ޖެހޭ މަގާމެއް އައްޔަން ކޮށްފައި ނުވާ މައްސަލައެއް ކޮމިޓީން ބަލަން ހުށަހެޅިއިރު ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ކޮމިޓީގައި އެބަ އޮތެވެ. އެއީ ކޮމިޝަންގެ ރައީސް އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު ޒަކަރިއްޔާ މުހައްމަދާއި އިބްރާހިމް ޝަހީގުގެ މައްސަލަ އެވެ.
ސީއެސްސީގެ ހަތަރު މެންބަރަކު ވަކި ކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮތްއިރު، އެ ކޮމިޝަންގައި ދެން އިންނަވަނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ.