މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މަޖިލީސް ކުރާ ގޭގައި ބާއްވަން ނިންމާފައި ވަނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް އެ ސެންޓަރުން ބުނެފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ހާލަތުގެ ސަބަބުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބޭއްވީ ވެބް ކޮންފެރެންސް މެދުވެރިކޮށެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ ބާއްވާ ޖަލްސާ އޮންނާނީ މަޖިލީހުގެ ތަޅުމުގައި ކަމަށެވެ. ސިއްހީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކު ޖަލްސާތައް ދެން ކުރިއަށް ދާނީ މަޖިލީހުގެ ތަޅުމުގަ އެވެ.
އެ ގޮތުން މަޖިލީހުގެ މެންބަރުން މާސްކް އަޅައިގެން ޖަލްސާގައި ބައިވެރިވާއިރު، މެންބަރުން ތަޅުމުގައި ތިއްބަވާއިރު ގައިދުރުކޮށް ތިބެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސާނެ އެވެ. އަދި މާލަމުގައި އެއް ވަގުތެއްގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށް ވަނީ ހަމަޖައްސައިފަ އެވެ.
މިކަމާއި ގުޅޭގޮތުން މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް އެ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން އެންއީއޯސީއާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އުންމީދު ކުރަނީ މަޖިލީހުގެ އިދާރާއިން ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރާނެ ކަމަށެވެ.
މަބުރޫކް ވިދާޅުވީ މިރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޯނު ކޯލެއް އެ ސެންޓަރަށް ލިބިފައިވާ ކަމަށާ އެއީ ލޮކްޑައުން އުވާލާ ތާރީހެއް ސާފުކުރުމަށް ކުރި ކޯލެއް ކަމަށެވެ. މިހާތަނަށް މަޖިލީހުގެ އިދާރާއަށް މެންބަރުން ހާޒިރުވެ ޖަލްސާތައް ކުރިއަށް ގެންދާކަން ރަސްމީކޮށް އެ ސެންޓަރަށް އަންގާފައިނުވާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
މަބުރޫކް އެހެން ވިދާޅުވި ނަމަވެސް މާލޭ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން ހަމަވާން ދެ ދުވަހަށް ވެފައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ މާލަމުގައި ޖަލްސާތައް ނުބޭއްވި އިތުރަށް މަޑު ކުރެވެން ނެތް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަންގަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވަނީ ލޮކްޑައުނާ މެދު އެޗްޕީއޭއިން އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިމެން ދެން މަޑުކުރެން ނެތް ވާހަކަ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައި ވާނެ ކަމަށާއި މާދަމާ ތަޅުމުގައި ޖަލްސާ ބާއްވާނެ ކަމަށެވެ.
މިހާރު މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުން އަންނަ ބުރާސްފަތި ދުވަހު ހަމަވާއިރު ލޮކްޑައުން އިތުރު ކުރުމާ ގުޅޭ ގޮތުން އަދި ގޮތެއް ނުނިންމަ އެވެ. ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތު ހަމަވުމުން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދޭނެ ލުއިތަކުގެ މާ ބޮޑު ތަފުސީލުތަކެއް އަދި އާންމެއް ނުކުރެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމާއި ދެކޮޅަށް ސިއްހީ މާހިރުންގެ އިރުޝާދާއެކު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ފާޑުވިދާޅުވެ އެކަންކަމާ ދެކޮޅު ހައްދަވަމުންނެވެ.