ދުނިޔެ

ކޮވިޑް-19 މަޑުޖެހި ހުޅަނގު އައްސޭރިއަށް ލުއިތަކެއް

May 26, 2020

ވެސްޓް ބޭންކް (މެއި 26) - ކޮވިޑް-19 ފެތުރޭ މިންވަރު މަޑުޖެހުމާއެކު، ހުޅަނގު އައްސޭރިއަށް އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަން ނިންމާފައިވާ ކަމަށް ފަލަސްތީނު އޮތޯރިޓީ (ޕީއޭ) އިން ބުނެފި އެވެ.

އެގޮތުން، ފިހާރަތަކާއި ވިޔަފާރިތައް މިއަދުން ފެށިގެން ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، ފިތުރު އީދުގެ ބަންދަށް ފަހު ސަރުކާރުގެ މުވައްޒަފުން ވެސް އެނބުރި މަސައްކަތަށް ނުކުންނާނެ ކަމަށް ވަނީ އިއުލާނު ކޮށްފަ އެވެ.

އަދި ގައިދުރު ކުރުމުގެ ފިޔަވަޅުތަކާއެކު ޕަބްލިކް ޓްރާންސްޕޯޓާއި، މިސްކިތްތަކުގެ އިތުރުން ޕާކުތައް ވެސް އަލުން ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ވަކި އުސޫލުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހުޅަނގު އައްސޭރީގައި ކުއްލި ހާލަތު އިއުލާނުކުރީ މިދިއަ މާޗު މަހުގެ ތެރޭގަ އެވެ. އެގޮތުން، ހުޅަނގު އައްސޭރި އާއި ގާޒާގައި މިހާތަނަށް 400 އެއްހާ ކޭސް ރިޕޯޓު ކޮށްފައިވާއިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ މަރުވެފަ އެވެ.