ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު ހުރީ 828 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުގެ މައުލޫމާތު އާއްމު ކުރުމަށް ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން މިހާރު ރާއްޖޭގެ ޖުމްލަ ރިޒާވުގައި ހުރީ 828 މިލިއަން ޑޮލަރެވެ. އަދި ރާއްޖޭގެ ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވުގައި ހުރީ 232 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ރާއްޖޭގެ ސޮވެރިން ޑިވްލޮޕްމަންޓް ފަންޑުގައި ހުރި ކަމަށް ބުނެފައިވަނީ 193 މިލިއަން ޑޮލަރެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މި އަހަރުގެ ފެބްރުއަރީ މަހު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި ރާއްޖޭގެ ރިޒާވްގައި ހުރީ 757.4 މިލިއަން ޑޮލަރެވެ. އަދި ޖެނުއަރީ މަހު ހުރީ 776.6 މިލިއަން ޑޮލަރެވެ.
މި އަދަދުތަކަށް ބަލާއިރު މި މުއްދަތުގެ ނިޔަލަށް ރާއްޖޭގެ ރިޒާވް މިވަނީ އިތުރުވުމެއް އައިސްފަ އެވެ. ބެލެވޭ ގޮތުގައި ރާއްޖޭގެ ރިޒާވް އަށް އިތުރުވުމެއް އައިސްފައިވަނީ ބޭރުން ލިބުނު މާލީ އެހީގެ ބައެއް އަދަދުތައް ރިޒާވް އަށް ޖަމާ ކުރުމެވެ.
ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގައި އާއްމު ގޮތެއްގައި ހުންނަނީ ތިން މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ އެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާ ވެފައިވާ ގައުމަކަށްވުމުން އާއްމު ގޮތެއްގައި މުދާ އެތެރެކުރަން މަހެއްގެ މައްޗަށް 150 މިލިއަން ޑޮލަރު ވަރު ހޭދަވެ އެވެ. ނަމަވެސް މިހާރު ރާއްޖޭގެ ޓޫރިޒަމް ދަށްވުމުގެ އިމްޕޯޓް ދަށްވާނެ ކަމަށް މާހިރުން ދެކެ އެވެ. ރާއްޖޭގެ އިމްޕޯޓުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރަނީ ތެލެވެ. ނަމަވެސް ރިސޯޓުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ތެޔޮ ބޭނުންކުރާ އަދަދާއި ކާބޯ ތަކެތީ އިމްޕޯޓް ކުރަން ޖެހޭ އަދަދު ވަނީ މަދުވެފަ އެވެ.