ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ ކައުންސިލް އިންތިހާބު ފަސްކޮށްފައިވާތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު މެންބަރުންގެ ހިޔާލުތައް އެއްގޮތްނުވެ ތަޅުމުގައި މެންބަރުންގެ ބޮޑު ބަހުސެއް ކުރަން ފަށައިފި އެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އަދި ކައުންސިލަރުންގެ ދައުރު ދިގު ކުރުމާ މެދު ވެސް އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑެވެ. ބައެއް މެންބަރުންގެ ވިސްނުމަކީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. ބައެއް މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ދެކޮޅެވެ. ކައުންސިލަރުންގެ ދައުރު ދިގު ކުރަން ވެސް ބައެއް މެންބަރުން ދެކޮޅެވެ.
މި ހިޔާލު ތަފާތުވުންތަކާ ގުޅިގެން މަޖިލީހުގައި މިހާރު ދެ ބިލެއް ވެސް އެބަ އޮތެވެ. އެއް ބިލަކީ ސަރުކާރުން ފޮނުވާފައިވާ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެވެ. އަނެއް ބިލަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ސަންސެޓް ނުވަތަ ވަގުތީ ގާނޫނެއްގެ ބިލެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދަނީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ އެވެ. މި ބަހުސްގައި އަދިވެސް ބައެއް މެންބަރުން ވަކާލާތު ކުރެއްވީ ގާނޫނު އަސާސީ އިސްލާހު ނުކުރުމަށެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހު ކުރުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވާހަކަ ދެއްކެވި އެވެ.
ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ވަގުތީ ހައްލެއް ގެންނަން އޮތް ކަމެއްގައި ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ތާއީދު ކުރައްވަނީ ސަންސެޓް ގާނޫނަކުން އެ ކަން ކުރުމަށް ކަމަށެވެ.
ސަލީމް ވިދާޅުވީ ދައުރު ހަމަވާ ބައެއް ކައުންސިލަރުން އިތުރަށް މަގާމުގައި ހުންނަން ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންކަމުން އުސޫލުތަކެއްގެ ތެރެއިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ގާނޫނީ ހުސްކަމުގެ މުއްދަތުގައި ކައުންސިލަރުން އައްޔަން ކުރާނެ އުސޫލެއް ހަމަޖެއްސުމަށް ތާއީދުކުރައްވައި ވާހަކަ ދެއްކެވި އެވެ.
"އަޅުގަނޑުގެ ވިސްނުމަކީ، ސަންސެޓް ގާނޫނެއް ފާސްކުރަންވީ، އެ ގާނޫނުގައި ލިޔަންވީ އެލްޖީއޭއިން [ކައުންސިލަރުން] އައްޔަން ކުރާނެ ގޮތެއް. އޭގައި އެއް ޝަރުތަކަށް ވާންވީ ކައުންސިލަރުންގެ ތެރެއިން އަންނަ އިންތިހާބަށް ވެސް ޝައުގުވެރިކަން ހުރި ފަރާތްތަކުން އައްޔަން ކުރުމުގައި އިސްކަން ދިނުން." ސަލީމްގެ ވިސްނުން ހާމަ ކުރައްވަމުން ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ ކައުންސިލަރުންގެ ދައުރު ނިމޭއިރު އަންނާނެ ހުސްކަމަށް ހައްލެއް ގެނައުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ހިޔާލު ތަފާތުވުން ބޮޑުވެ ކުރެވޭ ބަހުސްތަކުން އެއްބަސްވެވޭ ހައްލެއް އަންނަ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވި އެވެ.
"މި ބަހުސް ވަރަށް ދިގުކޮށް މި މަޖިލީހުގައި ކުރެވިއްޖެ. މި ބަހުސްތަކުން ހައްލެއް ނުހޯދުނު. އެއްބަސްވެވޭ ގާނޫނީ ހަމައަކަކަށް ވެސް ނުދެވޭ." މަޖިލީހުގެ މެންބަރުންގެ ތެރެއިން ގާނޫނީ އެއް ވަކީލު، ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ މި ކަމުގައި ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށެވެ. ގާނޫނު އަސާސީގައި އޮތް އިންތިހާބީ ދައުރެއްގެ މުއްދަތަކަށް އާންމު ގާނޫނަކުން ހައްލެއް ގެނެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ހިސާން ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާގައި މިހާތަނަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ ދެކޮޅަށް ވާހަކަ ދެއްކެވީ ސަލީމްގެ އިތުރުން މައްޗަންގޯޅި އުތުރު ދާއިރާާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ އެވެ.
ހިސާންގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ތާއީދު ކުރެއްވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު އެޖެންޑާ ކުރީ ވެސް ހަސަން ލަތީފުގެ ބިލާ އެއް ގޮތަށް ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދިގު ނުކުރެވޭނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވުމުންނެވެ.