ޕަރިނީތީ ޗޯޕްޅާ

ކޮވިޑާހެދި ޕަރިނީތީގެ ގިނަ ފިލްމުތަކެއް ތާށިވެފައި

ކޮރޯނާ ވައިރަސް ފެތުރި މުޅި ދުނިޔެ ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔައިރު ޕަރިނީތީ ޗޯޕްޅާ ގެންދިޔައީ އޭނާ ކުޅެ ނިމިފައިވާ ފިލްމުތަކުގެ ތެރެއިން "ސަންދީޕް އައުރް ޕިންކީ ފަރާރް" ރިލީޒް ކުރުމަށް ތައްޔާރު ވަމުންނެވެ. އެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. ނަމަވެސް އެއް ދުވަހު ހެނދުނު ހޭލިއިރު ކޮރޯނާވައިރަހުގެ ހާލަތު ވަރަށް ގޯސްވެފައިވާކަން ޕަރިނީތީ އަށް އިހްސާސް ވިއެވެ. ޚާއްސަކޮށް އިންޑިޔާއަށް މި ބަލީގެ ނުރައްކާތެރި ވިލާގަނޑު ފެތުރިފައިވާލެއް ބޮޑުކަން އޭނާއަށް ވެސް ގަބޫލު ކުރަން މަޖްބޫރުވި އެވެ.

ކޮރޯނާވައިރަހުގެ ވަބާ ވެގެން ދިޔައީ ޕަރިނީތީގެ ސިކުނޑި ސުމަކަށް ދިޔަ ސަބަބަކަށެވެ. އަދި އަވަހަށް ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތް ކުރާ ޓީމުތަކަށް ގުޅައި ފިލްމު ޕްރޮމޯޓް ކުރަން ރާވާފައިވާ ހުރިހާ ކަމެއް ކެންސަލް ކުރި އެވެ. އަދި އެއަށްފަހު މާ ގިނަ ދުވަހެއް ނުވެ އިންޑިއާ ލޮކްޑައުން ކުރިކަން އިއުލާން ކުރި އެވެ.

ލޮކްޑައުން އުވާލައި އިންޑިޔާގެ ފިލްމު އިންޑަސްޓްރީ ހިނގައިގަނެ ސިނަމާތައް ހުޅުވުމާއެކު އެންމެ ފުރަތަމަ ރިލީޒް ކުރަން ހަމަޖެހިފައިވާ ދިބާކަރް ބެނާޖީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމު ރިލީޒް ކުރެވޭނެ ތާރީޚެއް ޔަގީންވުމުން ޕަރިނީތީ އަށް ޖެހޭނީ އަލުން ބަލުން ޕްރޮމޯޝަންގެ މަސައްކަތްތައް ކުރާށެވެ.

ހޮލީވުޑް ފިލްމު "ދަ ގާލް އޮން ދަ ޓްރެއިން"ގެ ހިންދީ ރިމޭކް "މީރާ" ގެ މަސައްކަތް ވެސް ޕަރިނީތީ ވަނީ ލޮކްޑައުންގެ ކުރިން ނިންމާފަ އެވެ. ރީބޫ ދާސްގުޕްތާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ޕަރިނީތީ އާއެކު ކްރީތި ކުލްހާރީ ވެސް ބައިވެރިވެ އެވެ. މި ފިލްމު ނުނިމި އޮތި ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތެވެ.

ސައިނާ ނެހްވާލް ބައޮޕިކްގެ ވެސް އެއްބައި ޕަރިނީތީ މިހާރު ވަނީ ޝޫޓްކޮށްފަ އެވެ. ނަމަވެސް މި ފިލްމުގެ ޝޫޓިން ނުނިމި އޮއްވާ ލޮކްޑައުން ވީމަ ޕަރިނީތީ އަށް ވަރަށް ގިނަ މައްސަލަތަކާ ވަނީ ކުރިމަތިވެފަ އެވެ. ސަބަބަކީ ގޭން ބޭރަށް ނުކުތުމުގެ އަމުރު ނެތުމުގެ ސަބަބުން އޭނާއަށް ބެޑްމިންޓަން ޕްރެކްޓިސް ނުކުރެވުމާއި ޖިމް އަށް ގޮސް ހަށިގަނޑު ފިޓްކޮށް ބަހައްޓަން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭތީ އެވެ.

ސައިނާ ނެހެވާލް އަކީ އިންޑިޔާގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ކަމަށް ވާއިރު އޭނާގެ ބައޮޕިކް އެއް ކުޅެން ވަރަށް ރަނގަޅަށް އެ ކުޅިވަރަށް މީހާ ހޭނި ފަރިތަ ވާން ޖެހެ އެވެ. ލޮކްޑައުންގައި ޕަރިނީތީ ދިރިއުޅެނީ އެކަންޏެވެ. އޭނާއަށް ކާއެއްޗެހި ފޯރުކޮށްދިނީ ބޭނުންވާ އެހެން ހުރިހާ ކަމެއް ކޮށްދެނީ އެކުވެރިންނެވެ.

އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ބަތަލާއަކަށް ވެސް ހަމަޖެހިފައި އޮތީ ޕަރިނީތީ އެވެ. ނަމަވެސް އެ ފިލްމުގެ ޝޫޓިންގަށް ބައްއް ބަދަލުތައް އައުމާއެކު ޕަރިނީތީ އެ ފިލްމު ދޫކޮށްލުމުން މިހާރު އެ ފިލްމަށް ހަމަޖެހިފައި ވަނީ ނޯރާ ފަތޭހީ އެވެ.