ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުނަށް ސަރުކާރުން ދޭން ނިންމާފައިވާ 5000 ރުފިޔާގެ އެލެވެންސް ދޭ އުސޫލަކީ ހާލަތާ ނުބައްދަލު އުސޫލެއް ކަމަށް ބުނެ، ނަވާނަވައި ނަމުގައި ހިންގާ ސިޔާސީ ހަރަކާތްތައް ހިންގާ ޖަމިއްުޔާއަކުން ކަންބޮޑުވެއްޖެ އެވެ.
އެ ޖަމިއްޔާއިން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީއެއްގައި ބުނަނީ މި ހާލަތުގައި އެއްވެސް އެހީއެއް ނެތި ދެ މަސްދުވަސް ވަންދެން މަސައްކަތްތެރިން ބޭތިއްބުމަށް ފަހު ސަރުކާރުން މަސައްކަތްތެރިންނަށް ދޭން ނިންމާފައިވާ ފައިސާގެ އުސޫލަކީ ހާލަތާ ނުބައްދަލު އިޖާބައެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެއީ މަސައްކަތްތެރިން ކުރަމުންދާ މަސައްކަތްތަކާއި ކުރާ ހަރަދުތައް ބަލައި ނުލާ ދޭން ނިންމާފައިވާ އެލަވެންސެއް ކަމަށެވެ.
ރާއްޖޭގެ 99 ޕަސެންޓް މީހުންނަކީ މަހު ލިބޭ އާމްދަނީން ދެކޮޅު ނުޖެހި އުޅޭ މީހުން ކަމަށާއި މި ހާލަތުގައި އެއްވެސް އާމްދަނީއެއް ނުލިބި ދެ މަސް ދުވަސް ވުމުގެ ސަބަބުން ކާނެ ބޯނެ ފަދަ ނެތި ގިނަ މީހުންތއް ބަނޑަށް ޖެހިދާނެ ކަމުގެ ބިރު މިހާރު ހީވެފައިވާ ކަމަށެވެ. އަދި މާލޭގައި ކުލި ދައްކައިގެން އުޅޭ ފަރާތްތަކަަށް ވެސް ކުލި ދެއްކޭނެ ގޮތެއް ނެތި ގިނަ ބަޔަކު މަގުމަތިވުމަކީ ނުވެ ނުދާނެ ކަމެއް ކަމަށެވެ.
އެ ސިޓީގައި ބުނެފައިވަނީ ސަރުކާރުން އެލެވެންސް ދޭން ނިންމާފައިވާއިރު މާލޭގައި ކުއްޔަށް ދިރިއުޅޭ އާއިލާތަކުން ކުރާ ހަރަދުތަކަށް ބަލާފައި ނެތް ކަމަށެވެ.