ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ގާނޫނީ ހުސްކަން ފޫބެއްދެން އޮތް ގާނޫނީ ހަމައަކީ ކޮބައި ކަމާއި ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު ދިގުކުރުމުން އަންނާނެ ގާނޫނީ މައްސަލަތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ގަރާރެއް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ އެވެ.
މަޖިލީހުގެ މިރޭގެ ޖަލްސާގައި އުޝާމް ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކާއި ގާނޫނު އަސާސީގައިވާ ހަމަތަކަށް ބަލާއިރު ކައުންސިލް އިންތިހާބު ފަސްކުރުމުން އަންނަ މައްސަލަތަކަށް ގާނޫނީ ފަރުވާއެއް ދިނުމަކީ ސީދާ މަޖިލީހަށް އޮންނަ މަސައްކަތެއް ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ދިއުމަކީ ތާއީދު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
"އިއްޒަތްތެރި ރައީސް [މުހައްމަދު ނަޝީދު] ވެސް ވިދާޅުވެފައިވޭ އިންތިހާބު ލަސް ކުރަން ޖެހިއްޖެނަމަ އެ ކަމަށް ފަރުވާ ދެވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް. ސުޕްރީމް ކޯޓުގެ ލަފައެއް އެހުމުގެ ބަދަލުގައި މަޖިލީހުގެ ތަޅުމުގައި މި ކަމަށް ވޯޓަށް އަހަންވީ،" ކުރީގެ ޑެޕިއުޓީ ޖެނެރަލް، ގާނޫނީ ވަކީލު އުޝާމް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ، ޑިމޮކްރެޓިކް ގޮތަކީ މެޖޯރިޓީން ގޮތެއް ނިންމުމުން މައިނޯރިޓީން އެ ކަން އިހުތިރާމު ކުރުން ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ ކަންކަން ނިންމުމުގައި މެންބަރުން ހައްލަކަށް އިއްތިފާގުވާން ނުޖެހޭ ކަމަށާއި މެޖޯރިޓީން ނިންމާ ގޮތަކަށް ފާސްކުރުން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޑިމޮކްރެޓިކް ހަމަތަކުން ކަންކަން ނިންމަންވީ، އޭގައި އޮންނާނެ ކަމަކީ މެޖޯރިޓީން ނިންމާ ގޮތަކަށް މައިނޯރިޓީން އިހުތިރާމު ކުރުން، އިސްތިސާރީ ލަފައަކަށް އެހުމުގެ ބަދަލުގައި މަޖިލީހުގައި ވޯޓަށް އަހައި މެޖޯރިޓީއަށް މި ކަން ދޫކޮށްލުން،" އުޝާމް ވިދާޅުވި އެވެ.
ކައުންސިލަރުންގެ ދައުރު ހަމަވާއިރު އަންނަ ގާނޫނީ ހުސްކަމަށް ހައްލެއް ދިނުމަށް ޓަކައި ގާނޫނު އަސާސީއާ ހިލާފު ނުވާނެ ގޮތަކަށް މަޖިލީހަށް ނިންމެން އޮތް ހަމައެކަނި ގޮތަކީ ސަރުކާރުން ފޮނުވާފައިވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުން ކަމަށް އުޝާމް ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިހާތަނަށް އަމަލު ކޮށްފައިވާ ގޮތް ގޮތުގެ މިސާލު ނަންގަވަމުން އުޝާމް ވިދާޅުވީ، ވަގުތާއި ހާލަތަށް ބަލައި ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭ ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރުމަކީ އެއްވެސް ގައުމެއްގައި ބަލައިގަނެފައި ނުވާ ކަމެއް ނޫން ކަމަށެވެ.
މި މައްސަލާގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑެވެ. ބައެއް މެންބަރުން ގާނޫނު އަސާސީ އިސްލާހު ކުރަން ވަރަށް ދެކޮޅެވެ. ބައެއް މެންބަރުން ބޭނުން ވަނީ ގާނޫނު އަސާސީ އިސްލާހު ކުރާށެވެ.
އެ ގްރޫޕްގެ މެޖޯރިޓީން ވަނީ ބިލު ތަޅުމަށް ބަލައިގަނެ ކޮމިޓީގައި ދިރާސާކުރަން ފާސްކޮށްފަ އެވެ. މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން އަދި ވޯޓަށް އަހާފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި މިރޭގެ ޖަލްސާގައި ބިލު ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އަހާނެ އެވެ.