ލޮކްޑައުންގެ ހާލަތަށް ލުއިދިންނަމަވެސް އަލުން ފުލް ލޮކްޑައުންއަކަށް ދާންވެސް ޖެހިދާނެ ކަމަށާ ލުއި ދިނީ އެކަން އެގޮތަށް ނުހިނގާނެ ކަމަށް ބަލައިގެން ނޫން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސިޓީން ކޮވިޑްގެ ބަލި މީހަކު ފެނުމާއި ގުޅިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ފުރަތަމަ ލޮކްޑައުން ކުރީ 24 ގަޑިއިރަށެވެ. އެ ދުވަހު އިތުރު ބަޔަކު ޕޮޒިޓިވްވެ ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓްޓްރޭސިންގެ އިތުރުވުމާއި ގުޅިގެން ލޮކްޑައުންގެ މުއްދަތު ވަނީ އިތުރު 24 ގަޑިއިރަށް އިތުރުކޮށްފައެވެ.
ނަމަވެސް ކޮވިޑްގެ ބަލިމީހުން އިތުރަށް ފެންނާތީ އެ މުއްދަތު ފަހުން ވަނީ 14 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައެވެ. އެ މުއްދަތު އިތުރުކުރަމުން އައިސް މާދަމާގެ ނިޔަލަށް އެންމެ ފަހުން އިތުރުކުރި މުއްދަތު ހަމަވާނެ އެވެ. ސަރުކާރުން ވަނީ މާދަމާއިން ފެށިގެން ލޮކްޑައުންގެ ހާލަތުގައި ހިފަހައްޓާފައިވާ ގިނަ ކަންތައްތަކަށް ލުއި ދިނުމަށް ނިންމާފައެވެ.
އެކަމުގެ ތަފްސީލް ދިނުމަށޑް މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ލޮކްޑައުންގެ ހާލަތަށް ލުއިދިން ނަމަވެސް ހާލަތު ގޯސްވާނަމަ އަލުން ފުލްލޮކްޑައުންއަކަށްދާން ޖެހިދާނެ ކަމަށެވެ.
"އަލުން ލޮކްޑައުންއަކަށް ދާންޖެހިދާނެ، އަޅުގަނޑުމެން މި އަޅާ ފިޔަވަޅުތައް އަޅަމުން މި ގެންދަނީ އެކަންކަން އެގޮތަށް ނުހިނގާނެ ކަމަށް ބަލައިގެނެއް ނޫން." އަމީން ވިދާޅުވިއެވެ.
ނަމަވެސް އުންމީދަކީ އަލުން އެ ހާލަތަށް ނުދިއުން ކަމަށާ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް ތަވާބާނަމަ ހާލަތު އިތުރަށް ގޯސްނުވެ ހިފަހައްޓާލެވިދާނެ ކަމަށެވެ. އަމީން ވިދާޅުވީ ލޮކްޑައުންއަށް ލުުއިދިނީ ކޮވިޑްގެ ބަލިމަޑުކަން މުޅިން ފިލައިގެން ދިއުމުން ނޫން ކަމަށާ އަދި ކޮވިޑްގެ ބަލިމަޑުކަމުގެ ނުރައްކާ މުޅިން ކުޑަވެގެންވެސް ނޫން ކަމަށެވެ. ނަމަވެސް ކުރީގެ ހާލަތުން ރަނގަޅު ހާލަތަށް މިހާރު އާދެވިފައިވާ ކަމަށާ މިހާލަތުގައި ތިބުމަށް ހުރިހާ ރައްޔިތުންގެ އެހީތެރިކަންވެސް ބޭނުންވާ ކަމަށެވެ.
ލޮކްޑައުންގައި މާދަމާއިން ފެށިގެން ލިބޭ ލުއިތައް
- ގޭބީސީތަކުން ނުކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ވަގުތު އިތުރުކުރުން
- ނިކުމެ އުޅެވޭ ޒޯންތައް އިތުރު ކުރުން
- ރީ ޓެއިލް ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުން
- ބައެއް ފިހާރަތަކަށް އޮންލައިންކޮށް ވިޔަފާރިކޮށް، ޑެލިވަރީ ކުރުމުގެ ހިދުމަތް ދިނުން
- ވޯކްޝޮޕްތަކާއި މަސްމާރުކޭޓް ހުޅުވުމުން
- ބޭންކްގެ ހިދުމަތް ދޭ ވަގުތު އިތުރު ކުރުން
- ރެސްޓޯރަންޓް ކެފޭތަކަށް ޑެލިވަރީގެ ހުއްދަ ދިނުން
- ޓެކްސީ އަދި ޕިކަޕުގެ ހިދުމަތުގެ ހުއްދަ ދިނުން
- ސިއްހީ ހިދުމަތްދޭ ތަންތަނުން އޮންލައިންކޮށް ހިދުމަތް ދިނުމުގެ ހުއްދަ ދިނުން
މިނިސްޓަރު ވިދާޅުވީ ރީޓެއިލް ފިހާރަތަކަށް ހިދުމަތް ދިނުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުމުގެ ތެރެއިން ސްޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ އާއު ފާމަސީ އާއު ބުކްޝޮޕާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ ކަމަށެވެ.
ނަމަވެސް މޯބައިލް ފޯން ފިހާރަތަކާއި އިލެކްޓްރޯނިކް ތަކެތި ވިއްކާ ފިހާރަތަކާއި، ފޮތި ފިހާރަ އަދި ކުޅިވަރު ސާމާނުތައް ވިއްކާ ފިހާރަތަަކާއި، ރީތިވާ ސާމާނު ވިއްކާ ފިހާރަތަކަށް އޮންލައިންކޮށް ހިދުމަތްދޭ ޑެލިވަރީ ކޮށްދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ބެންކެގް ހިދުމަތް ފުޅާކުރުމުގެ ގޮތުން ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް އަދި އޭގެ ފަހުން ފަސް ދުވަހަށް ބޭންކް ހުޅުވުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ކެފޭ ރެސްޓޯރަންޓްތަކަށް ފުރަތަމަ ދެ ހަފްތާގައި ޑެލިވަރީ އަދި އޭގެ ފަހުުން ޓޭކްއަވޭއަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ކުރިއަށް އޮތް ދެ ހަފްތާއަށް ލޮކްޑައުންގެ ހާލަތަށް ލުއި ދިންނަމަވެސް އެއްރަށުން އަނެއް ރަށައް ދަތުރުނުކުރެވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގެ މިސްކިތްތައްވެސް ހުޅުވާލަން ނިންމާފައިނުވާ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި، ސުކޫލްތައްވެސް މި ދެ ހަފްތާގައި ނުހުޅުވާނެ ކަމަށެވެ. އެ ނިންމުން ނިންމީވެސް ބަލި ފެތުުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.
"އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން ބޭނުންވޭ މި ލުއި މިދިނީ އެއްގޮތަކަށްވެސް މިބަލިމަޑުކަމުން އަރައިގަނެވިގެންނެއް ނޫން. ނަމަވެސް މި ހާލަތުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި. އެހެންވީމަ މިއީ ރައްޔިތުންނަށް ލުއިތަކެއްދޭންވީ ވަގުތުކަމަށް ސިއްހީ ތަޖުރިބާކާރުންނަށްވެސް ގަބޫލުކުރެވިގެން މި ލުއިތައް މި ދެނީ. އެހެންނަމަވެސް ހަނދާން ކުރަންޖެހޭ ކަމަކީ ކުރިން ނެތް ފިޔަވަޅުތައްވެސް އަލުން އަޅާ ފުލްލޮކްޑައުންއަކަށްދާންވެސް ޖެހިދާނެ." އަމީން ވިދާޅުވިއެވެ.