ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގާނޫނު އަސާސީގެ އިސްލާހު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ކައުންސިލް އިންތިހާބު ނުބޭއްވޭތީ އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ މުޅި މަޖިލީހުގެ ކޮމިޓީއަކަށް ދިރާސާ ކުރަން ފޮނުވަން މިރޭ ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހަޅުއްވާފައިވާ ބިލު ތަޅުމަށް ބަލައިގަންނަން ފޮނުވަން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަން ފާސްކުރީ 61 މެންބަރުންގެ ވޯޓުންނެވެ. ބިލު ތަޅުމަށް ބަލައިގަތުމަށް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމާއި ކައުންސިލަރުންގެ ދައުރު ދަމާލުގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން ވަރަށް ބޮޑެވެ. މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ވަރަށް ދެކޮޅެވެ. ބައެއް މެންބަރުން ބޭނުން ވަނީ ގާނޫނު އަސާސީ އިސްލާހު ކުރާށެވެ.

މިކަމާ ގުޅިގެން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލުގެ އިތުރުން ކައުންސިލަރުންގެ ދައުރު ދިގު ކުރުމުގެ ސަންސެޓް ގާނޫނެއްގެ ބިލެއް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި އެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލުގެ ބަދަލުގައި ފުރަތަމަ ކޮށްފައި ވަނީ ވެސް ހަސަން ލަތީފުގެ ބިލެވެ.

ނަމަވެސް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައި ވަނީ މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ކަމަށެވެ. އަދި ކައުންސިލަރުންގެ ދައުރު ދިގު ކުރެވޭނީ ވެސް ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށެވެ.

އެހެންކަމުން ފަހުން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު އެޖެންޑާކޮށް ބިލުގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ކުރިއަށް ގެންގޮސްފަ އެވެ. މިކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ގަރާރެއް ހުށަހަޅާފައިވެ އެވެ.

ކައުންސިލަރުންގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހަށް ހަމަވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ހަފުތާ ތެރޭގައި ދިމާވެފައިވާ މި މައްސަލައަށް ރައްޔިތުންގެ މަޖިލީހުން ހައްލެއް ހޯދައިދެވޭނެ ކަމަށާއި އެ ކަމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެ ކަމަށެވެ.