ކޮވިޑް-19 އިގެ ހާލަތުގައި ސިއްހީ ދާއިރާގެ މީހުން ބޭނުން ކުރަން 50 އިންޓިއުބޭޝަން ބޮކްސް ތަކެއް އުރީދޫ މޯލްޑިވްސް އިން، ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާ ކޮށްފި އެވެ.
މިއީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބަލި މީހުންގެ އިންޓިއުބޭޝަންގެ ޕްރޮސިޖާ ކުރިއަށް ގެންދާ ވަގުތު ބަލި މީހާއަށް ހިދުމަތްދޭ ފަރާތް ވަކިކޮށްލަން ޓައިވާނުން އީޖާދު ކުރި އެތެރެ ފެންނަ ޕޮލިކާބޮނޭޓް ފޮށި ތަކެކެވެ. އިންޓިއުބޭޝަން ޕްރޮސީޖާއަކީ އަނގައިން ނުވަތަ ނޭފަތުން ޓިއުބެއް މެދުވެރިކޮށް ވެންޓިލޭޓަރަކާއި ގުޅާލުމަށް ނޭވާލާ ހޮޅި ހުޅުވާލުމެވެ.
މި ޓިއުބް ގުޅާ ވަގުތު ބަލި މީހާގެ ހަށިގަނޑުން ގޭސް ނުވަތަ ފެން ބޭރު ވެގެން ދާނެ އެވެ. އެހެންކަމުން އިންޓިއުބޭޝަން ޕްރޮސީޖަރާ ކުރިއަށްދާ ވަގުތަކީ ޕްރޮސީޖަރާ ހަދާ މީހާއަށް ވައިރަސް އާއި ކޮންޓެކްޓް ވުމުގެ ފުރުސަތު ބޮޑު ވަގުތަކަށްވުމާއެކު، މި އިންޓިއުބޭޝަން ބޮކްސް ގެ ބޭނުންތެރިކަން މި ފަދަ ހާލަތެއްގައި މުހިންމެވެ.
އުރީދޫގެ މި އިންޓިއުބޭޝަން ބޮކްސްތައް އެންޑީއެމްއޭ އަށް ހަދިޔާ ކޮށްދެއްވީ އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް އެވެ.
ނިޔާޒް ވިދާޅުވީ ކުރީ ސަފުގައި މަސައްކަތް ކުރާ ބޭފުޅުން، ހާއްސަކޮށް ސިއްހީ ދާއިރާގައި މަސައްކަތްކުރަމުން ދާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމް ކުރުމަކީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މުހިންމު ކަމެއް ކަމަށެވެ.
"މި ކަންކަން ފުރިހަމަކުރުމުގައި އެއްބާރުލުންދިނުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމުގައި ދެކިގެން، މިއަދު މި ހަދިޔާކުރެވުނު އިންކިއުބޭޝަން ބޮކްސްތަކާއިއެކު ސިއްހީދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނަށް އިތުރު ރައްކާތެރިކަމެއް ލިބި، ހިދުމަތް ދިނުމުގައި އާ ހިތްވަރެއް ލިބިގެންދާ ނެކަމަށް އުންމީދުކުރަން." ނިޔާޒު ވިދާޅުވި އެވެ.