ސަލްމާން ހާން

"މައިނޭ ޕިޔާރް ކިޔާ": ސަލްމާނާ އަޅުވާ ކިޔާފާނެތީ ބާގްޔާޝްރީ ބިރުގަތް

އެކުގައި ފިލްމެއް ކުޅެލާއިރަށް އެ ފިލްމެއްގެ ލީޑް ދެ އެކްޓަރުން އަޅުވާ ކިޔުމަކީ ބޮލީވުޑްގައި ވަރަށް އާއްމު ކަމެކެވެ. ޚާއްސަކޮށް އަލަށް ތައާރަފުވާ އެކްޓަރުންނަށް މި މައްސަލަ ވަރަށް ބޮޑަށް ދިމާވެ އެވެ. ބައެއް ފަހަރަށް މިކަން ކުރަނީ ފިލްމު މަޝްހޫރު ކުރުމުގެ ގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުންނެވެ. އަނެއް ބައި ފަހަރަށް ތަރިން އަމިއްލައަށް ވެސް އެމީހުންގެ ވާހަކަ މީހުން ގިނައިން ދައްކާނެ ގޮތެއް ހަދަން މި ފަދަ ވާހަކަތައް ދައްކަން މަގުފަހިވާ ކަހަލަ ގޮތްގޮތަށް އުޅެ އެވެ.

މި ޒަމާނުގައި ޕަޕަރާޒީންގެ ކެމެރާތައް އަބަދުވެސް ފިލްމީ ތަރިންނަށް އަމާޒުވެފައި ހުންނާނީ އެއްވެސް އެކްޓަރަކަށް ސިއްރުން ކަމެއް ކުރާކަށް އެހާ ފަސޭހައެއް ނޫނެވެ. ޚާއްސަކޮށް މީހަކާއެކު ރެސްޓޯރެންޓެއް ފަދަ ތަނަކަށް ގޮސްލިޔަސް އިރުކޮޅެއް ނުވެ ސޯޝަލް މީޑިއާގައި އެ ވާހަކަތައް އޮންނާނެ އެވެ.

ފިލްމެއްގައި މަސައްކަތް ކުރުމުން ގިނަ އެކްޓަރުންގެ މެދުގައި ލޯބީގެ ގުޅުން ގާއިމް ނުވިޔަސް އެކުވެރިކަން ގާއިމްވެ އެވެ. އެހެންވެ ބައެއް ފަހަރަށް އެކުގައި ރެސްޓޯރެންޓްތަކާއި ޕާޓީތަކަށް ދިއުން ފަދަ ކަންތައްތައް އެ މީހުން ވެސް ކުރެ އެވެ. ނަމަވެސް މިފަދަ ގޮތަކަށް ދެ އެކްޓަރަކު އެކުގައި ފެނިއްޖެނަމަ އެހާ ހިސާބުން އެމީހުން އަޅުވާކިޔުމުގެ ސިލްސިލާ ފެށިގެން ދެއެވެ.

ނަމަވެސް 90 އިގެ އަހަރުތަކުގައި މީޑިއާ މިހާ ބޮޑަށް ފުޅާ ނުވާއިރު އެކްޓަރުންނަށް އެމީހުންނާބެހޭ ގޮތުން ފާޑުފާޑުގެ އަޑުތައް ނީއްވާ އުޅެވޭ ގޮތް ވެއެވެ.

"މައިނޭ ޕިޔާރް ކިޔާ" ގެ ބަތަލާ ބާގްޔާޝްރީގެ ވަރަށް ކުރީގެ އިންޓަވިއު އެއް މި ފަހަކަށް އައިސް އަނެއްކާ ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަ ދެއެވެ. މި އިންޓަވިއުގައި ބާގްޔާޝްރީ ވަނީ އޭނާ އާއި އެ ފިލްމުގެ ބަތަލު ސަލްމާން ޚާން އާ އަޅުވާ ކިޔާފާނެތީ ބިރުން އުޅުނު ވާހަކަތަކެއް ކިޔައިދީފަ އެވެ.

ބާގްޔާޝްރީ ބުނެފައިވަނީ 1989 ގައި އެމީހުން "މައިނޭ ޕިޔާޜް ކިޔާ" ގެ ޝޫޓިންގް ކުރިޔަށް ގެންދިޔައިރު އޭނާ ކައިރިއަށް އައިސް ނޫޅުމަށް ސަލްމާނަށް އޭނާ އެންގި ކަމަށެވެ. ސަބަބަކީ ސަލްމާނާއި އޭނާއާ އަޅުވާ ކިޔާފާނެތީ އެވެ.
"މައިނޭ ޕިޔާރް ކިޔާ" ކުޅެން ފެށިއިރުއިރު ވެސް ބާގްޔާޝްރީ އުޅެނީ އޭނާގެ މިހާރު ފިރިމީހާ ހިމާލަޔާ އާ ރައްޓެހިވެގެނެވެ.

"އެ ދުވަސްވަރު ސަލްމާނާއި ހިމާލަޔާ ބައްދަލުވެފައި ވަނީ އެންމެ ފަހަރަކު. އަހަރެން ހިމާލަޔާ އާ ރައްޓެހި ވެގެން އުޅޭކަން އެންމެ ކުރިން އެނގުނީ ވެސް ސަލްމާނަށް. އެކަން އޭނާއަށް އެނގުނީ 'ދިލް ދީވާނާ' ލަވައިގެ ޝޫޓިންގް ތެރޭގައި. އެ ލަވަ ޝޫޓް ކުރަމުން ދިޔައިރު ސަލްމާން އަބަދު މަގޭ ފަހަތުން އެ ލަވައިގެ ރާގު އިއްވަމުން ހިނގާނެ. އަދި ކަންފަތްދޮށުގައި ވެސް އެ ލަވަ ކިޔާނެ. އަހަރެން އަބަދު އޭނާއަށް އެހެން ނުހަދަން އިންޒާރު ކުރަން. ތިހެން އުޅެނިކޮށް އަހަރެމެން ދެ މީހުން އަޅުވާ ކިޔަވަން ފަށާފާނޭ އަހަރެން ބުނަން. އެއް ދުވަހުގެ އެއްބައިގައި އެއްކޮށް އޭނާ އެގޮތަށް އަހަރެން ރުޅިއަރުވަން ފަހަތުން އެ ލަވަ ކިޔަމުން ހިނގަ ހިނގާފަ އެންމެ ފަހުން ބުނެފި އޭނާޔަށް އެނގެޔޭ ހިމާލަޔާ އާ އަހަރެންނާ އޮތް ގުޅުން. އަދި ހިމާލަޔާ އާ ގުޅައި ލަވަ ޝޫޓް ކުރަމުން ދިޔަ ތަނަށް ގެނައުމަށް ލަފާ ދިނީ ވެސް ސަލްމާން. އަދި ހިމާލަޔާ އައުމުން އޭނާއާ ބައްދަލުކޮށް ސަލްމާން ވަރަށް ރަނގަޅަށް ކަންތައް ކުރީ،" ބާގްޔާޝްރީގެ އިންޓަވިއުގައި ކިޔައިދީފައި ވެއެވެ.

"މައިނޭ ޕިޔާރް ކިޔާ"އަކީ މިހާތަނަށް އިންޑިޔާގެ ޓީވީ ތަކުން ދެއްކި އެންމެ ގިނަ ބަޔަކު ބެލި ފިލްމުގެ ރެކޯޑް މިހާރު ވެސް އޮތް ފިލްމެވެ. ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބުނު މި ފިލްމު ގިނަ އަހަރުތަކެއް ވަންދެން އެންމެ ކާމިޔާބު ފިލްމުގެ މަގާމުގައި ވެސް އޮތެވެ.

މި ފިލްމަކީ ބާގްޔާޝްރީގެ ފުރަތަމަ ފިލްމެވެ. މި ފިލްމު ކުޅެން ފިލްމްފެއާ ބެސްޓް ޑެބިއު އެވޯޑް ބާގްޔާޝްރީއަށް ލިބުނެވެ. އަދި މިއީ ރޮމެންޓިކް ހީރޯއެއްގެ ގޮތުގައި ސަލްމާން ވެސް ތައާރަފު ވެގެން ދިޔަ ފިލްމެވެ.

މި ފިލްމު ނުނިމެނީސް ބާގްޔާޝްރީ ކައިވެނިކޮށް އަދި އޭގެ ފަހުން އޭނާގެ ފިރިމީހާ ފިޔަވައި އެހެން މީހަކާއެކު ލޯބީގެ ފިލްމުތަކެއް ނުކުޅެ އެވެ.