ދުނިޔެ

ކަޅު މީހެއްގެ މަރާއެކު އެމެރިކާގައި ބޮޑެތި ހަމަނުޖެހުން

May 29, 2020

ވޮޝިންގްޓަން (މެއި 29) - އެމެރިކާގެ މިނިއާޕޮލިސް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ކަޅު ނަސްލުގެ މީހަކު ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރުވި މައްސަލާގައި އާއްމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައިފި އެވެ.

މަންޒަރުދުށް މީހުން ނަގާފައިވާ، ވީޑިއޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އުމުރުން 46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ ދޮން ނަސްލުގެ ފުލުހަކު އޭނާގެ ކަރަށް ކަކުލުން އަރައިގެން ހުރުމުގެ ސަބަބުން ނޭވާ ހާސް ވެގެނެވެ. އޭރު އޭނާ ދިޔައީ ނޭވާ ނުލެވޭ ކަމަށާއި މަރާ ނުލަން އެދި ގޮވަމުންނެވެ.

އެކަމާ ދެކޮޅަށް އާއްމުން ނުކުމެ ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިނިއާޕޮލިސްގެ ޕޮލިސް ސްޓޭޝަނެއްގައި ވެސް ވަނީ ހުޅުޖަހައިފަ އެވެ. ފްލޮއިޑްގެ އާއިލާއިން ވަނީ އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ހަރަކާތްތެރިވި ހަތަރު ފުލުހުންނަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލުމަށް ގޮވާލައިފަ އެވެ. ނަމަވެސް، ޕްރޮސެކިއުޓަރުން ބުނަނީ އެކަމުގެ ހެއްކާއި ގަރީނާ ހޯދަމުން އަންނަ ކަމަށާއި، ދައުވާއާމެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

ނަމަވެސް، ފޭކް ނޫޓްތަކެއް ގެންގުޅޭ ކަމަށް ތުހުމަތުކޮށް ފްލޮއިޑް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ހަރަކާތްތެރިވި ހަތަރު ފުލުހުން ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މިނިއާޕޮލިސްގެ އިތުރުން، ނިއުޔޯކާއި ލޮސް އެންޖެލީސް އައި ޝިކާގޯ އާއި ޑެންވާ އަދި ފީނިކްސްގައި ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.

ޕޮލިސް ސްޓޭޝަންގެ އިތުރުން، މިނިއާޕޮލިސްގެ އެހެން އިމާރާތްތަކުގައި ވެސް ހުޅުޖަހައި، ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް، ފުލުހުން ރަބަރު ވަޒަނާއި ކަރުނަ ގޭސް ބޭނުންކުރި ނަމަވެސް، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން ވަނީ އުނދަގޫވެފަ އެވެ.

މުޒާހަރާ ކަވަރު ކުރަން އުޅުނު ސީއެންއެންގެ ނޫސްވެރިންތަކެއް ވެސް ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ހައްޔަރު ކޮށްފަ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސިޓީގެ ލީޑަޝިޕެއްނެތް ކަމަށް ވިދާޅުވެ، ހަމަނުޖެހުން ކޮންޓްރޯލް ކުރަން ނެޝަނަލް ގާޑު ގެންނަން ނިންމަވައިފަ އެވެ.

މިނެސޮޓާ ސްޓޭޓުގެ ގަވަރުނަރު ވޯލްޒް ވަނީ ފްލޮއިޑުގެ މަރަށް އިންސާފު ހޯދައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމަނުޖެހުންތަކުގައި ގެއްލުން ލިބެމުންދާ ވިޔަފާރިތަކުގެ ތެރޭގައި ކަޅު ނަސްލު މީހުންގެ މުދާވެސް ހިމެނޭކަމަށް ވިދާޅުވެ، އިތުރު ގެއްލުންތައް ނުދިނުމަށް އެދިވަޑައިގެންފަ އެވެ.

އެމެރިކާގައި ކަޅު ނަސްލުގެ މީހުނަށް ފުލުހުން ތަފާތުކޮށް، ބޭއިންސާފުން އަނިޔާދޭ ކަމުގެ ރުޅިވެރިކަމާއި ޝަކުވާ އަބަދުވެސް ބޮޑެވެ. އަދި ފުލުހުން ހައްޔަރު ކުރުމުގެ ތެރޭގައި ކަޅު ނަސްލުގެ މީހުން މަރުވުމުގެ ހާދިސާތަކުގައި މީގެ ކުރިން ވެސް އާއްމުން މަގުތަކަށް ނުކުމެ ވަނީ މުޒާހަރާކޮށްފަ އެވެ.