ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވެކްސިން ހެދިއްޖެނަމަ ހުރިހާ ގައުމަކަށް ދިނުން މުހިންމު: ރާއްޖެ

May 30, 2020
1

ކޮވިޑް-19އަށް ވެކްސިންއެއް ތައްޔާރުކުރެވިއްޖެނަމަ، އެވެކްސިން ހުރިހާ ގައުމަކަށް ވެސް ލިބޭނެގޮތް ހެދުން މުހިއްމު ކަމަށް ރާއްޖެއިން ގޮލާވައިފިއެވެ.

މިކަމަށް ރާއްޖެއިން ގޮވާލާފައިވަނީ، އިއްޔެ ސްވިޒްލޭންޑްގެ ޖެނީވާގައި ވާޗުއަލްކޮށް ބޭއްވުނު ސޮލިޑަރިޓީ ކޯލް ޓު އެކްޝަން ގައި ރާއްޖެ ތަމްސީލް ކުރެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެއްވި ސްޓޭޓްމަންޓްގައެވެ.

މިނިސްޓަރު އަމީންގެ ވާހަކަފުޅުގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާ، ކޮނޯރާ ވައިރަސްއަށް ފަރުވާއެއް ނުވަތަ ވެކްސިންއެއް ތައްޔާރު ކުރެވިއްޖެނަމަ، ތަރައްގީ ވެފައިވާ ގައުމުތަކާއި ވަސީލަތްތައް މުއްސަނދި ގައުމުތަކެކޭ އެއްގޮތަށް ރާއްޖެފަދަ ތަރައްގީ ވަމުންއަންނަ ގައުމުތަކަށް ވެސް ފަރުވާ ނުވަތަ ވެކްސިން ލިބެންވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަމީން ވިދާޅުވީ، މިކަމުން އަރައިގަނެވޭނީ ހަމައެކަނި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންބަދަހިކޮށް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށެވެ.

މި ކޯލް ޓު އެކްޝަންގައި މިހާތަނަށް ބައިވެރިވެފައިވާ 34 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނި، ބައްދަލުވުމުގައި އެކަމަށް ތާއީދުކޮށް ހުރިހާ ގައުމުތަކަކުން ގުޅިގެން ހެލްތު ޓެކްނޮލޮޖީ ގެ ބޭނުން ހިފޭނެ ގޮތް ހެދުމަށާއި މައުލުމާތު ބަދަލުކޮށް ކޮވިޑް19ގެ ކަންކަމުގައި އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމަށް މިނިސްޓަރު އަމީން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، މި ސޮލިޑަރިޓީ ކޯލް ޓު އެކްޝަން ގައި ރާއްޖެއިން ބައިވެރިވާނޭ ކަމަށް މިނިސްޓަރު ވަނީ މިއަދުގެ ކޮންފަރެސްގައި ދެއްވި ސްޓޭޓްމަންޓްގައި ފާހަގަކުރައްވާފައެވެ.

މި ސޮލިޑަރިޓީ ކޯލް ޓު އެކްޝަންއަކީ ކޮސްޓަރިކާއިން އިސްނަގައިގެން ޑަބްލިޔުއެޗްއޯއާއެކު ކޯވިޑް-19ގެ ކަންކަމުގައި ހެލްތް ޓެކްނޮލޮޖީސްގެ ގްލޯބަލް ރިސޯސް ޕޫލްއެއް އެކުލަވާލައި، އެއަށް ހުރިހާ ގައުމުތަކަށް އެކްސެސްވެވޭނެ ގޮތަކަށް ހެދުމަށް ގޮލާވާ ގޮވާލުމެކެވެ. މި ކޯލް ޓު އެކްޝަންގައި ގައުމުތަކުގެ ބޮޑު ވަޒީރުންނާއި، ސިއްހަތާއިބެހޭ ވަޒީރުންނާ ދުނިޔޭގެ ސިއްހީ ދާއިރާ އަދި ފަންނީ އެހެން ދާއިރާތަކުގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.