ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިލް ނުދެއްކުނަސް ކަރަންޓު ކަނޑައެއް ނުލާނެ

May 30, 2020
2

ލޮކްޑައުންގެ މި ހާލަތުގައި ކަރަންޓު ބިލް ނުދެއްކުނު ނަމަވެސް، ގޭގެ އިން ކަރަންޓު ކަނޑާ ނުލާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ މި ހާލަތުގައި ކަރަންޓު ބިލް ނުދެއްކޭ ގޭގެ އިން ކަރަންޓު ކަނޑާލަން ބައެއް ގޭގޭ ވެރިން އެދެމުންދާ ކަމަށެވެ.

"ބައެއް ގޭގެއިން ރިކުއެސްޓް ކުރޭ ބިލް ނުދައްކާ ފަރާތްތަކުގެ ބިލް ކަނޑާލަން. އެއީ [ކުއްޔަށް ހިފައިގެން އުޅޭ މީހުން] ބިލް ނުދައްކާ ހިނގައި ދާނެ ކަމަށް ބަލާފައި. ނަމަވެސް އަޅުގަނޑުމެން އެ ފަރާތްތަކަށް އަންގަމުން މި ގެންދަނީ މި ހާލަތުގައި ކަރަންޓު ކަނޑާ ނުލާނެކަން،" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯއަކީ އާއްމު ހާލަތުގައި ގޭގޭ އަށް ދިމާވާ ވައިރިންގެ މައްސަލަތަކާއި ކަރަންޓުގެ ކުދިކުދި މައްސަލްތައް ހައްލު ކޮށްދޭން ގޭގެ އަށް ގޮސް ހިދުމަތް ދޭ ކުންފުންޏެއް ނޫނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކަރަންޓުގެ ހިދުމަތް ދޭ އަމިއްލަ ކުންފުނިތަށް ހިދުމަތް ދޭން ދަތިވެފައިވާތީ އެ ކުންފުނިން ދަނީ މިފަދަ ހިދުމަތް ވެސް ހިލޭ ދެމުންނެވެ.

މުޣުނީ ވިދާޅުވީ އެ ކުންފުނިން މިހާރު ވެސް 24 ގަޑިއިރު ހިދުމަތް ދެމުންދާ ކަމަށެވެ.

"ކުރިން ގޭގެ އަށް ގޮސް އިންޓާނަލް ވައިރިންގެ މައްސަލަ ފަދަ ކަންކަން އަޅުގަނޑުމެން ނުކޮށްދެން. އެކަމަކު މި ހާލަތުގައި އަމިއްލަ ފަރާތްތައް ގޭގެ އަށް ގެންގޮސްގެން އެ ހިދުމަތް ދޭން ދަތިވާނެތީ ރައްޔިތުންނަށް ހިލޭ އެފަދަ ހިދުމަތްތައް ވެސް ދެމުން މި ގެންދަނީ. އަޅުގަނޑުމެންނަށް ވާވަރަކުން އެ ހިދުމަތް ވެސް ދެމުން މި ގެންދަނީ،" މުޣުނީ ވިދާޅުވި އެވެ.

އޭނާ ކަރަންޓު ބިލް ތަކަށް ދީފައިވާ ޑިސްކައުންޓް ލިބޭނީ މީޓަރުގެ ފޮޓޯ ފޮނުވުން ކަމަށެެވެ. ފޮޓޯ ނުފޮނުވޭނަމަ ލިބޭނީ އާއްމު ބިލް ކަމަށާ ނަމަވެސް ނޯމަލް ހާލަތުގައި ސްޓެލްކޯގެ މުވައްޒަފުން ގޭގެއަށް ގޮސް މީޓަރުގެ ރީޑިން ނަަގަން ފެށުމުން އެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

"މިދި މަހު ވެސް ޑޮމެސްޓިކް މީޓަރުގެ 40 ޕަސެންޓް ޑިސްކައުންޓް ދޭނެ. ރަަށްރަށުގައި ފެނުގެ ހިދުމަތް ދޭ ރަށްރަށުން ވެސް 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެ،" މުޣުނީ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 ގެ ރިލީފް ޕެކޭޖުގައި ހިމަނައިގެން ކަރަންޓު ބިލް ތަކަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް މިދިޔަ މަހު ދީފަ އެވެ.

ސްޓެލްކޯ އިން ބުނީ ނިއު ނޯމަލްގައި ހިދުމަތް ދިނުމުގެ ގޮތުން، ސަރުކާރުން ދީފައިވާ ލުއިތަކާއެކު އެ ކުންފުނީގެ ބައެއް ހިދުމަތްތައް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ. މި ހިދުމަތްތަކަށް އެދިފައިވާ ތަރުތީބުން މާދަމާ އިން ފެށިގެން ބައެއް ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ.

ސްޓެލްކޯ އިން ވަނީ ކޮވިޑް-19 އާ ގުޅިގެން 170 މުވައްޒަފުން އެ ކުންފުނީގައި ތިބެގެން ހިދުމަތް ދޭން ފަށާފަ އެވެ. މި ގޮތަށް ހިދުމަތް ދޭތާ މިހާރު 40 ދުވަސް ވެއްޖެ އެވެ.