ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބަލި އިތުރުވިޔަސް އިންޑިއާގެ ލޮކްޑައުން ލުއިކުރަނީ

May 31, 2020

ނިއު ދިއްލީ (މެއި 31) - އިންޑިއާގައި އެއް ދުވަހުގެ ތެރޭގައި އިއްޔެ ރެކޯޑް އަދަދަކަށް ކޮވިޑް-19 ޖެހުނު މީހުން ރިޕޯޓު ކޮށްފައި ވީނަމަވެސް، އެ ގައުމުގައި އަޅާފައިވާ ލޮކްޑައުނަށް އިތުރު ލުއިތަކެއް ދޭން ނިންމައިފި އެވެ.

ތިން ފިޔަވައްސަކައި ބަހަލައިގެން، ޖޫން އަށެއްގައި ފުރަތަމަ ދޭ ލުއިތަކުގެ ތެރޭގައި، ގިނަ ސަރަހައްދުތަކުގެ ހޮޓާތަކާއި، ރެސްޓޯރަންޓުތަކާއި، ޝޮޕިން ސެންޓަރުތަކުގެ އިތުރުން އަޅުކަން ކުރާ ތަންތަން ހުޅުވުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.

އަދި އޭގެ ފަހުން، ޖުލައި މަހުގެ ތެރޭގައި ސްކޫލްތަކާއި ކޮލެޖުތަކުގައި އަލުން ކިޔެވުން ފެށުމަށް ވެސް އަންނަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް، ބަލި ފެތުރޭ ސަރަހައްދުތަކުގައި އަދިވެސް ލޮކްޑައުން ދެމިއޮންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ގިނަ ސަރަހައްދުތަކުގައި ލޮކްޑައުނަށް އިތުރު ލުއިތަކެއް ދޭން ނިންމާފައި ވަނީ، ރެކޯޑް އަދަދަކަށް ކޮވިޑް-19 ޖެހުނު މީހުން އިއްޔެ ރިޕޯޓު ކޮށްފައި ވަނިކޮށެވެ. އިއްޔެ އެކަނި ގާތްގަނޑަކަށް 8،000 އާ ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.

އެއާއެކު، އިންޑިއާގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 174،500 އަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން ގާތްގަނޑަކަށް 5،000 މީހުން ވަނީ މަރުވެފަ އެވެ.

ގާތްގަނޑަކަށް 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ ލޮކްޑައުން ކުރުމާ ގުޅިގެން، އިގުތިސޯދު ހުއްޓިފައިވާއިރު، ދުވަހު މަސައްކަތުގައި އުޅޭ ފަގީރުންނަށް އާމްދަނީ ހޯދޭނެ ދޮރުތައް ވަނީ ބަންދުވެފަ އެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން މުޅި އިންޑިއާ ލޮކްޑައުން ކުރުމުގެ ސަބަބުން، 37،000 އާއި 78،000 ދެމެދުގެ އަދަދެއްގެ މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށް ސަރުކާރުން އަންދާޒާކޮށްފައި ވެއެވެ.