ކޮވިޑް-19 އާ ގުޅިގެން ބޭރު ގައުމުތަކުގައި ރާއްޖެ ނާދެވިފައި ތިބި 103 ދިވެހިން މިއަދު ރާއްޖެ ގެނެސްފި އެވެ.
އަވަސްއާ ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ބެލަރޫސް އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވި ފަރާތްތަކާއި، ސްރީ ލަންކާގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން އައި ފަރާތްތައް މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ އައިސްފައިވާ ކަމަށެވެ.
"ސްރީ ލަންކާއިން ހަމައެކަނި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ގެނެސްފައި ވަނީ ފްލައިޓުގައި ސީޓް ލިބެން ހުރީ ވަރަށް ލިމިޓަޑްކޮށް ކަމަށްވާތީ،" މިއުވާން ވިދާޅުވި އެވެ.
އެ ފްލައިޓުގައި މިއަދު ރާއްޖެ އައިސްފައި ވަނީ ބެލަރޫސް އިން 48 މީހުންނާއި އިނގިރޭސިވިލާތުން 23 މީހުން އަދި ސްރީ ލަންކާއިން 32 މީހުންނެވެ. މިއުވާން ވިދާޅުވި ގޮތުގައި އެ ފަރާތްތައް މިއަދު 11:00 ޖަހާއިރު ކަރަންޓީން ފެސިލިޓީތަކަށް ގެންދާނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ގައުމުތައް ލޮކްޑައުން ހާލަތުގައި އޮތްއިރު ސަރުކާރުން އަންނަނީ އެ ގައުމުތަކާ މަޝްވަރާކޮށް ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން އިންޑިޔާގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ވެސް ވަނީ ރާއްޖެ ގެނެސްފަ އެވެ.
އެގޮތައް ރާއްޖެ އަންނަ ފަރާތްތައް ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަހަށް މަޑު ކުރަން ޖެހެ އެވެ.