ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޕައިލެޓަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ ފްލައިޓު އަނބުރާލަން ޖެހިއްޖެ

ފަސިންޖަރަކާ ނުލައި ދިއްލީ އިން މޮސްކޯއަށް ދަތުރުކުރި އެއާ އިންޑިއާގެ މަތިންދާބޯޓެއް ދަތުރުގެ މެދަކާ ހިސާބުން އަނބުރާލާފައި ދާން ޖެހިއްޖެ އެވެ. ބޯޓު އަނބުރާލަން ޖެހުނީ ޕައިލެޓުންގެ ތެރެއިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްކަން ގްރައުންޑް ސްޓާފުންނަށް ޔަގީން ވީމަ އެވެ.

ޕައިލެޓްގެ ހަށިގަނޑުގައި ކޮރޯނާވައިރަސް ހުރިތޯ ބަލަން ކުރި ޓެސްޓުގެ ނަތީޖާ ލިބިފައި ވަނީ މަތިންދާބޯޓު ނައްޓައި ދަތުރުގެ މެދަކާ ހިސާބަށް ދިޔަ ފަހުންނެވެ. ނަތީޖާ ލިބުމުން ބޯޓު އަނބުރާ ދިއްލީއަށް ޖައްސައި ބޯޓުގައި ތިބި ހުރިހާ ކުރޫއިން މިހާރު ވަނީ ކަރަންޓީނު ކޮށްފަ އެވެ. މިއީ މޮސްކޯގައި ތާށިވެފައި ތިބި އިންޑިޔާގެ ރައްޔިތުންތަކެއް ބަލާ ދިޔަ ބޯޓެކެވެ. މި ބޯޓު އަނބުރާލަން ޖެހުމުން އެ މީހުން ބަލާ މިހާރު އެހެން ބޯޓެއް ވަނީ ފޮނުވާފަ އެވެ.

އެއާ އިންޑިއާ އޮފިޝަލަކު އިންޑިޔާގެ ނިއުސް އެޖެންސީއަކަށް ކިޔައިދިން ގޮތުގައި ބޯޓުގައި އިން އެއް ޕައިލޮޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ކަން އެނގުނުއިރު ބޯޓު ދަތުރު ކުރަމުން ދިޔައީ އުޒްބަކިސްތާނުގެ ވައިގެ ސަރަހައްދުންނެވެ.

"ޕޮޒިޓިވް މީހަކު ބޯޓުގައި އިންކަން އެނގުމުން އަވަހަށް ބޯޓު އަނބުރާލަން އެންގީ. މިހާރު ވަނީ ބޯޓު ދިއްލީ އެއާޕޯޓުގައި ޖައްސާފައި،" އޭނާ ބުންޏެވެ.

ވަންދޭ ބާރަތު މިޝަންގެ ދަށުން އިންޑިޔާއިން މިހާރު އެތައް 100 ފްލައިޓްތަކެއް އޮޕަރޭޓްކޮށް ދުނިޔޭގެ އެކި ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިޔާ މީހުން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތަށް ދަތުރުކުރާ މަތިންދާބޯޓުގައި ތިބޭ ފަޅުވެރިން ދަތުރަށް ފެށުމުގެ ކުރިން ކޮރޯނާ ވައިރަހަށް ޓެސްޓް ކުރަން ސަރުކާރުން ވަނީ އަންގާފަ އެވެ. އަދި ޓެސްޓްގެ ނަތީޖާ ނެގެޓިވް ވިމަ ނޫނީ ބޯޓުގައި ދަތުރު ކުރަން ހުއްދަ ނުދޭން ވެސް ގަވާއިދުގައި ބުނެފައި ވެއެވެ.

އިންޑިޔާގައި ފާއިތުވީ 24 ގަޑިއިރު ތެރޭގައި 7000 އަށް ވުރެ ގިނަ މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައި ވެއެވެ. އެ ގައުމުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ ދެ ލައްކަ އަށް އަރަން ކައިރި ވެފަ އެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން އެންމެ ގިނައީ އަދި އެންމެ ގިނައިން ބަލި ޖެހެމުން ދަނީ ވެސް މަހަރަޝްތުރާ ސްޓޭޓުގަ އެވެ.