ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަރަންޓީނަށް އަމިއްލަ އިމާރާތްތައް ނެގޭ ގޮތަށް ހަދައިފި

May 31, 2020
2

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީނު ކުރުމަށް އަމިއްލަ އިމާރާތްތައް ސަރުކާރަށް ނެގޭ ގޮތަށް ގަވައިދެއް ހަދައި އަމަލު ކުރަން ފަށައިފި އެވެ.

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި ގިނަ ބަޔަކު މިހާރު ގެންދަނީ ކަރަންޓީނު ކުރަމުންނެވެ. މިހާރު ކަރަންޓީނު ކުރަމުން ދަނީ ރިސޯޓްތަކާއި ސަރުކާރުން ހަދާފައިވާ ބައެއް ކަރަންޓީނު ފެސިލިޓީތަކުގަ އެވެ.

އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީން ކުރުމުގެ މަރުކަޒުތަކުގެ ގަވާއިދުގެ ނަމުގައި އިއްޔެ އެކުލަވާލާފައިވާ ގަވައިދުގައިވާ ގޮތުން ނުރައްކާތެރި ބަލިތަކާ ގުޅިގެން މީހުން ކަރަންޓީނު ކުރާނެ ތަންތަން ކަނޑައަޅާނީ ހެލްތު މިނިސްޓްރީންނެވެ.

ގަވައިދުގައިވާ ގޮތުން، މީހެއް ކަރަންޓީނު ކުރުމަށް ކޮންމެހެން އިމާރާތެއް ބޭނުން ކުރަން ޖެހިއްޖެނަމަ އެ ތަނެއް ސަރުކާރާ ހަވާލު ކުރަން އެންގުމުގެ ބާރު ހެލްތު މިނިސްޓްރީއަށް ލިބިދެ އެވެ. އެއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ނެގުމުގެ ބާރު ލިބެ އެވެ. ނަމަވެސް އެގޮތަށް އަމިއްލަ ތަންތަން ބޭނުން ކުރާ މުއްދަތުގެ ބަދަލު ސަރުކާރުން ދޭން ޖެހޭނެ އެވެ. ބަދަލު ދޭނީ ފައިނޭންސް މިނިސްޓްރީގެ ލަފާގެ މަތިންނެވެ.

މިގޮތަށް ހަވާލު ކުރުމަށް އަމިއްލަ ތަނަކަށް އަންގާ އެންގުމަށް އެ ތަނުގެ ވެރިމީހާ ދެކޮޅު ހަދައިފިނަމަ ސިވިލް ކޯޓަށް ހުށަހަޅައިގެން ކޯޓު އަމުރު ހޯދައިގެން އެތަން ނެގުމުގެ ބާރު ވެސް ގަވައިދުގައި ހެލްތު މިނިސްޓްރީއަށް ވަނީ ދީފަ އެވެ.

ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ނަގާ ތަނަކީ މީހުން ދިރިއުޅޭ އިމާރާތަކަށްވާނަމަ އެ ތަނެއް ސަރުކާރަށް ނެގޭނީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށްފަހު ކަމަށް ގަވައިދުގައިވެ އެވެ.