ލައިފްސްޓައިލް

ނިއުނޯމަލް: ދޮޅުމަހަށްފަހު ގެއިން ބޭރަށް!

ދޮޅުމަހަަށް ފަހު އިއްޔެ އަލަށް ބޭރަށް ދިޔައީމެވެ. މި ދޮޅުމަސް ތެރޭ އަހަރެން ގެއިން އެއްވެސް ގޮތަކަށް ނުނުކުންނަމެވެ. ގެއިން ބޭރަށް ނުގޮސް އެތައް ބަޔަކު ތިބޭނެކަން އެނގެ އެވެ. ބޭރަށް ކޮންމެހެން ދާންޖެހޭ ކަމެއް ނެތުމަކީ ބޭރަށް ނިދުއުމުގެ އެއް ސަބަބެވެ.

ދެވަނަ ކަމަކަށް ބޭރަށް ދާން ޖެހިލުންވަނީ އެވެ. ރައްކާތެރިކަމާއި އެކު އަހަރެން ބަހައްޓަންޖެހޭ ދުރުމިނުގައި ހުއްޓަސް ދެން ހުންނަ މީހާ ކަންތައް ކުރާނެ ގޮތް ނޭގޭތީ އެވެ. މަގުމައްޗަށް ކުޅުޖެހުމާއި ރޯގާފޮޅުމަކީ އާއްމުކޮށް ފެންނަ މަންޒަރު ކަމުގައިވާތީ އެވެ.

އަހަރެންގެ ގޭގައި ތިބީ ކުދިންނެވެ. އެއް ކުއްޖަކީ ހައި ރިސްކް ކުއްޖެކެވެ. ދެން އުމުރުން ދުވަސްވީ މައިންބަފައިންނެވެ. ރައްކާތެރިކަަމާއެކު އެމީހުން ގޭގައި ތިއްބާ ގެއަށް ވައިރަސް ވައްދާ މީހާއަކީ އަހަރެން ކަމުގައި ނުވުމަށެވެ.

އެހެން އެއްމެން ގޮތަށް އަހަންނަކީ ވެސް ބޭރުގައި އުޅޭ ހިތްވާ މީހެކެވެ. ކޭފަތަކުގައި ކުދިން ގޮވައިގެން ޕާކުގައި މޫދަށް ދިއުމާއި ފިހާރަތަކަށް ވަދެލާ ދެތިން ހެދުމެއް ޓްރައި ކޮށްލާ މޭކަޕް ސާމަނު ގަނެލާ ހަދަ ހިތްވާ ވެސް މީހެކެވެ.

ބޭރަށްދާން ފުލުހުންގެ ފަރާތުން ހޯދަންވާ ހުއްދަ ލިބުނީ މެންދުރު 1:11 އިގަ އެވެ. ތައްޔާރު ވެލައިގެން މޫނަށް ސާޖިކަލް މާސްކް ހެޔޮވަރުކޮށްލާ ސައިކަލަށް އެރުމާއެކު ހިތް ބިރުގަތެވެ. ޖެހިލުންވި އެވެ. މުޅި މީހާ ހުރި އެލާޓްގަ އެވެ. ސައިކަލުގައި 20 ފޫޓަށް ދުއްވާލި އިރު އެއީ ދޮޅުމަސް ދުވަހުގައި ފުރަތަމަ ފަހަރަށް އަތްވަށް ނިކުތް ފަހަރެވެ. ސައިކަލް ދުއްވާލި އިރު އުފާވިއެވެ. އެކަމަކު މަގުމަތިން ފެންނަނީ ފަޅުކަމެވެ. ގަސްތަކުން ވެއްޓިފައިވާ ފަަަތްތަކާއެކު މިއިން ދުވަހަކު މީހަކު ހިނގާފަ ނެތް ކަހަލަ ގޮތެއް ހުއްޓެވެ.

ފުރަތަމަ އެޅި ގޯޅިން އަަހަންނާއި ދާދި އެއްވަރެއްގައި ސައިކަލުން ދިޔަ މީހަކު ބާރަށް ކިނިބިހި އަޅާލި އަޑާއެކު އަހަންނަށް ސައިކަލު ބުރަކި ޖައްސާލެވުނެވެ. އެމީހާ ހުރީ މާސްކް އަޅައިގެންނެވެ. ދުރުގައެވެ.

މަޖީދީ މަގަށް ނުކުތް އިރު ފެނުނީ ތަފާތު މަންޒަރެކެވެ. ހަނދާނަށް އައި ކުޑަ އިރު މަގު މަތީގައި ކުޅުނު ހަނދާނެވެ. ހޫނު އަވީގައި ބޮޑު ސުޕަމާކެޓެއް ދޮށު މީހުން އަވީގައި މަޑުކޮށްގެން ތިބީ ކިއުއެއްގަ އެވެ. ފިހާރައަށް ވަނުމަށެވެ. އެމީހެއްގެ ވަގުތު ޖެހެންދެން މަގުމަތީގައި ކުރަހާފައި ހުރި ބޮޅުގައި މަޑުކޮށްލައިގެންނެވެ.

މިއީ އެހެންޏާ ކާރު ބާރު ބޮޑު މަޖީދީމަގެވެ. ހެދުން ވިއްކާ ފިހާރަތަކާއި އެހެން ސާމަނު ވިއްކާ ފިހާރަތަކުގައި މީހުން ވިޔަފާރި ކުރުމުގައި އަވަދި ނެތި އުޅެއެވެ. މިތަންތަނަކީ މެންދުރު ވަގުތުވެސް ގަދައަށް ދިއްލާ ފައިވާ ތަންތަނެވެ. ބިޒީ ހަލަބޮލި މަޖީދީމަގުގައި ސައިކަލްގައި ދުއްވަން ޖެހެނީ މަޑު މަޑުން ފައިޖައްސަމުންނެވެ. މޫދުގައި މަސް ފަތާ އުސޫލުން ބަނދި ބަނދި ލައްވަމުންނެވެ. އެކެއްގައި ނެއްޓެމުން އަނެއްކައިގެ ނެއްޓެމުންނެވެ.

އެކަމަކު މިއަދު މަގުމަތީގައި ފަސޭހައިން ދުއްވާލެވުނެވެ. އެކަމުން އަހަންނަށް ވީ ފަސޭހައެއްވުރެ ދެރަ އެވެ. އަހަރުމެންގެ ކުރިން އުޅެމުން އައި ގޮތަށް ދެން އަނަބުރާ ނުދެވޭނެ ކަމުގެ ބިރުގަތެވެ. ޑެލިވަރީގައި މަސައްކަތް ކުރާ މީހުން ހަރަކާތްތެރި ވެއެވެ. އާއްމުކޮށް ކުރިން ފެންނަ މަންޒަރުތަކެއް ނުފެނެ އެވެ. އޮފީސް ލަންޗް ބްރޭކަށް ދާ މީހުންނެވެ. ޖަމާއަތަށް މިސްކިތަށް ދާ މީހުންނެވެެ. މަންމައިން ކުދިން އަތުގައި ހިފަލައިގެން ކޮންމެވެސް އެއްތާކުން އަނެއްތަނަކަށެވެ. ކެފޭތަކުގައި ޒުވާނުންނެވެ.

ދަރިފުޅަށް އެއްޗެއް ގަންނަން އަހަރެން މިސްރާބު ޖެހި ފިހާރަ ކައިރީ މަޑުކޮށްލިއިރު ފިހާރަ ހުރީ ހުޅުވާފަ އެވެ. އެތަނަށް ވަންނަން ދޮރުގައި ހިފުމާއެކު ފިހާރައިގައި ތިބި ސޭޓުން ހޯހޯ ގޮވައިގަތެވެ. ކީއްތޯ ކުރެވުނީ ނޭގިފައި އިރުކޮޅަކު ހުރީމެވެ. ފިހާރަ ހުޅުވާފައި ދޯ އޭ ވެސް އަހަލީމެވެ. ސޭޓެއް އައިސް އަހަރެންގެ މުޅި އަތަށް ސެނިޓައިޒާ ޖެހި އެވެ. އަދި ބޭނުން ވަނީ ކޯންޗެއްތޯ ސުވާލު ކުރި އެވެ. އަަހަރެން ބޭނުންވާ ދެއެއްޗެއް ބުނީމެވެ. ބަދިގެ ސާމާނު ހުންނަ ފަޅީގައި އެހެން ކަސްޓަމަރުން ތިބިކަމަށް ބުންޏެވެ. އެތަނަށް ނުވަދެވޭނެ ކަމުގައި ބުނެ ދެން އަހަރެން ގަންނަން ބޭނުންވާ އެތި ހުރި ފަޅިއަށް ދެވިދާނެ ކަމުގައި ބުންޏެވެ.

މީގެ ކުރިން މިއީ އަހަރުމެން ކިހިނެއް އުޅުނު ތަންތަން ހެއްޔެވެ؟ އެތަށް ބަޔަކު ވަދެ ހާސްކަމަކާއި ނުލާ އެމީހަކު އެމީހަކު ބޭނުންވާ އެއްޗެއް ހޯދުމުގަ އެވެ. ހެދުން ޓްރައިކޮށް މޭކްއަޕް ސާމާނު ޓްރައިވެސް ކުރެއެވެ. ވައިރަހާއި އެކު އަހަރުމެން ވިޔަފާރި ކުރާ ގޮތް ދާއިމަށް ބަދަލުވީ ކަންނޭގެއެވެ. އަހަރެން ހޯދަން ބޭނުންވާ އެއްޗެއް ހޯދުމަށް އަހަރެން އެއްވެސް އެއްޗެއްގައި އަތްލާކަށް ބޭނުމެއް ނުވިއެވެ. ދަރިފުޅުގެ ސައިޒުހެން ހީވާއެއްޗެއް ހެން ހިފައިގެން އައީއެވެ.

ދެން އަހަރެން ދިޔަ ފިހާރައަކީ މާލޭގެ ބޮޑު ސްކޫލްތައް ކައިރީ ހުރި ފިހާރައެކެވެ. މި ފިހާރައަށް ވަނުމުގެ ކުރިން އަހަރެންގެ ހުންބަލާ އަތްސާފުކުރުމަށް ބުންޏެވެ. ސުކޫލް ދުވަހެއްގައި މެންދުރުގެ އެވަގުތަކީ މިއިން މަގަކުން ދުއްވޭނެ ވަގުތެއް ނޫނެވެ. ހިނގާފައި ދާއިރު ޕޭވްމަންޓް މަތިން ބަރު ދަބަހާއި އެކު ވާހަކަދައްކަމުން ދާ އެތަށް ކުދިންނާއި ބެލެނިވެރިންނާއި މުޑިނާރާނެއެވެ. އެހެންނަމަވެސް ޗާނދަނީ މަގު އޮތީ ފަޅުކޮށެވެ. ސުކޫލްތައް ބަންދުކޮށްފައިވާ އިރު މީހެއްގެ ހިލަމެއްނެތެވެ.

އެހެންޏާ ބޮޑު ބަންދަށް ސުކޫލް ބަންދުކުރާއިރު ދިރާސީ އާ އަހަރަށް ސުކޫލްގައި ކުލަލާ މަރާމާތުކޮށް ތައްޔާރުކުރަން މީހުން ހަރަކާތްތެރިވާ މަންޒަރު ފެންނާނެއެވެ. އަަހަރެން މާޔޫސްވީ އެ ސުކޫލްތަކުގައި ކިޔަވާ ކުދިންނަށެވެ. އަލުން ކިޔަވަން އަދި ހިޔާލެއް ފިކުރެއް ނެތި އެކުވެރިންނާއި ދިމާވެލާ ސްކޫލަށްދެން ދެވޭނެ ދުވަހުގެ އިންތިޒާރުގައި ތިބި ކުދިންނަށެވެ. އެމީހުން ކިޔެވުމަށް ފުރުސަތެއް ނުލިބުނީތީއެވެ. ކިޔެވުމަށް ހުރަސް އެޅުނީތީއެވެ.

މެންދުރުގެ ހޫނު އެ ވަގުތަކީ ކޮންމެ ކޮއްޓެއްގައި ހެން ހުންނަ ކުދި ކުދި ކެފޭތަކާއި އެކު ފުޑްކޯޓެއްހެން އެހެންޏާ ސިފަކުރާ މާލޭގެ ކެފޭތަކުގެ ޕީކު ގަޑިއެވެ. އޮފީސްތަކުގެ ލަންޗް ބްރޭކެވެ. ސުކޫލް ކުދިން އެމީހުން ގެއަށް ދަމުން ފިނި އެއްޗެއް ބޯލަން މިއިން ތަނަކަށް ވަނަން ވަގުތެވެ. ޔުނިވަރސިޓީތަކުގެ އުޅޭ ކިޔަވާކުދިން އެސައިމަންޓް ހަދަން ވަންނަ ކެފޭތައް މިއަދު ބަންދެވެ. ހިދުމަތެއް ނުދެއެވެ.

މާލޭގައި ހުރި އެންމެ ދުވަސްވީ އެއް ކެފޭ ކައިރީ އަހަރެން މަޑުކޮށްލީމެވެ. ބަންދު ބޯޑު އަޅުވާފައި ހުރި މި ކެފޭއަކީ ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންގެވެސް މާލޭގެ އެއް މަންޒިލެވެ. ހުރިހާ ވަގުތެއްގައިވެސް ފުރިފައި އޮންނަ މި ކެފޭގެ ކައުންޓަރގައި ހުންނަނީ ފެނި ދަންނަ މީހެކެވެ. އަހަރެން ފެނުމުން އޭނާ ދޮރުހުޅުވާލިއެވެ.

އައިސްކްރީމް އެކޭ ބުނެލާ ކާާޑުން ފައިސާ ދައްކަން އެތެރަށް ވަނީމެވެ. ކެފޭ އެތެރޭގައި ދެ މުވައްޒަފަކު ތާސްބައެއް ހިފައިގެން ތިއްބެވެ. މިއީ އެހެންޏާ ޕީކް ގަޑީގައި އެއް މޭޒުން އަނެއް މޭޒަށް ކާ އެެއްޗެހި ގެންދިއުމަށް އަވަދިނެތިކޮށް އުޅޭ މީހުންނެވެ.

އަބަދު ފުރިފައި އޮންނަ އެކި ކުލަކުލައިގެ އައިސްކްރީމް ބަހައްޓާ ޑިސްޕްލޭކޮށްފައި ހުރި ފްރީޒަރ އޮތީ މުޅިން ހުހަށެވެ. އަހަރެން ފޯނުން ފޮޓޯއެއް ނަގާލީމެވެ. އަދި ކެފޭގެ މުވައްޒަފު ބުނެލިއެވެ. "ހުސް ޑިސްޕްލޭ ދޯ". އަހަރެން ބުނީ "އާނ. މިއީ ދުވަހަކުވެސް ނުފެންނަ މަންޒަރެއް" އެކެވެ.

އަހަރެން މާޔޫސްވީ ރިސޯޓްތައް ހުސްވެފައިވާ އިރު އާމްދަނީ އެއް ނުލިބި ހާލުގައި ޖެހިފައިތިބި މީހުންނަށެވެ. މި ވައިރަހާއި ހެދި އަސަރުކޮށްފައިވާ ކުދި އަދި މެދު ވިޔަފާރި ކުރާ ފަރާތްތަކަށެވެ. އެމީހުންނަށް މިކަމުން އަރައިގަނެވޭނީ ކޮން އިރަކުން ބާ އޭ ހިތަށް އެރިއެވެ. އަހަރުމެންގެ އިގްތިސާދު މަރުފަލި ޖަހާ މިވަގުތު އުއްމީދު ކުރެވެނީ ދެން ކަންކަން ހަމައަކަށް އެޅޭނީ ކޮންދުވަހަކަށްތޯއެވެ.

މަގުމަތިން ފެނުނު މި މަންޒަރުކަމާއި އެކު ލިބުނީ މާޔޫސްކަމެވެ. ގެއާއި ހަމައަށް އަހަރެން ސައިކަލްގައި އައި އިރު ފެންނަނީ ފަޅުކަމެވެ. ފެނުނީ އުދައާއި އެކު ވީރާނާވެފައިވާ ރަސްފަންނެކެވެ. ބޭނުންނުކޮށް ހުރި ބެންޗްތަކެކެވެ. ޕާކުތައް އޮތީ ފަޅުކޮށެވެ. ސްކޫލް ބަންދު ދުވަހެއްނަމަ އެތަނުން އިވޭ ކުޑަކުދިންގެ ހުނުމާއި ކުޅުމުގެ އަޑެއް ނެތެވެ. މީހަކު ހިލަމެއް ނެތެވެ. ކުދިން ކުޅޭތަން ބަލާލަން ބެންޗްގައި އިށީނދެލައިން ވާހަކަ ދައްކަން ތިބޭ އެ ކުދިންގެ މައިންބަފައިން އެއް ނެތެވެ. މެެންދުުރު ނަމާދުގެ ޖަމާއަތް ނިންމާ އޮފީހަށް، ސްކޫލްދޮށަށް ނޫނީ ލަންޗް ބްރޭކަށް ކެފޭއަށް އަވަސްވެގެންނަ މީހުން ނުފެނުނެވެ.

އަހަރުމެންގެ އާއްމު ދިރުއުޅުން ހުއްޓިފައިވާ އިރު އަދި އަލުން އަނަބުރާ ނޯމަލްއަކަށް ދާން މަސައްކަތް ކުރާ މިވަގުތު އަހަރުމެން ދެން މަސައްކަތްކުރަންވާނީ މިގޮތަށް ހުއްޓުމަކަށް ނައިސްވޭތޯއެވެ. ފިހާރަތަކުގައި ތިބި މީހުންނާއި ސޭޓުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުން ނިއުނޯމަލް އަށް ދެވިދާނެ ކަމުގެ އުއްމީދު އޮތެވެ. ސުޕާރމާކެޓްގައި ކިއޫގައި ގަދައަވީގައި ތިބި މީހުންވެސް ކަންތައް ކުރިގޮތުންނެވެ. ފިހާރައިގައި ދެ ހަރު ދޭތެރޭ ހަނި ހަނިކޮށް ހިނގަން އޮންނަ މަގުން އެކަކު އަނެކަކަށް އިހްތިރާމާއި އެކު ދެއްކި ޖާގައަކީ މީގެ ކުރިން ދިވެހިން ވިޔަފާރިކޮށް އުޅުނު ގޮތެއް ނޫނެވެ. އަހަރުމެންގެ ޑިސިޕްލިން އެބަހުއްޓެވެ. މިކަމުންވެސް އަހަރެންގެ އުއްމީދު އާވިއެވެ. ހަމަ ޔަގީނުންވެސް އަހަންނަށް ވީ ވަރަކުން މިކަން ކުރާނެމެވެ. އެއީ މިކަމުން އަހަރުމެންނަށް އަރައިގަނެ ސަލާމަތުގެ އައްސޭރިއަކަށް ދެވެން އޮތީ އެއްމެން މި ކަމުން ސަލާމާތްވެގެން ކަމުގައިވާތީއެވެ.