ވަކި އެއްޗެއް ކާ ހިތުން ނުހުރެވިގެން ގާނޫނުތަކާއި ގަވާއިދުތައް މުގުރާފައި ވެސް އެ އެއްޗެއް ހޯދަން މަސައްކަތް ކޮށްފާނަން ހެއްޔެވެ؟ ދާދިފަހުން އޮސްޓްރޭލިޔާ މީހަކު ވަނީ މިގޮތަށް ކަންތައް ކޮށްފަ އެވެ. މީރު ބަޓަ ޗިކަން އެއް ކާހިތުން މިމީހާ ވަނީ 32 ކިލޯ މީޓަރުގެ ދިގު ދަތުރެއް ކޮށްފަ އެވެ. އަދި އެވެސް ލޮކްޑައުން ކޮށްފައިވާ ހިސާބެއްގައިއުޅޭ މީހަކަށް ވާތީ ލޮކްޑައުން ގަވާއިދާ ވެސް ޚިލާފަށެވެ.
އެހާ ދިގު ދަތުރެއް ލޮކްޑައުން އާ ޚިލާފުވެގެން ކުރި ނަމަވެސް އޭނާ ކާ ހިތުން އުޅުނު ބަޓަ ޗިކަން ހުންނަ ރެސްޓޯރަންޓާ ހަމަޔަށް ދިއުމުގެ ކުރިން ފުލުހުން ވަނީ މި މީހާ ހިފަހައްޓާ 1،652 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ.
ބަޓާ ޗިކަން ކާ ހިތުން ދަތުރުކުރި މި މީހާއަށް މިހާ ބޮޑު ލަނޑެއް ލިބުނުކަން އެނގުމުން އެމީހާ ދާން ބޭނުންވި ރެސްޓޯރަންޓުގެ ފަރާތުން މިހާރު ވަނީ އޭނާއަށް އެއް އަހަރު ދުވަހު ބަޓަ ޗިކަން ހިލޭ ދޭން ނިންމާފަ އެވެ.
އިންޑިއާގެ ނޫހެއްގައިވާ މި ޚަބަރުގައިވާ ގޮތުން ނިއޯލް އެޓްކިންސަން، 48، އަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހެކެވެ. އޮސްޓްރޭލިޔާގެ މެލްބަންގެ ވެރިބީގައި ދިރިއުޅޭ މި މީހާ އެއް ރެއަކު މާ ބޮޑަށް ބަޓަ ޗިކަން ކާ ހިތްވީ އެވެ. އޭނާ ކާ ހިތްވީ ވަކި ވައްތަރެއްގެ ބަޓަ ޗިކަން އެއް ކަމުން އެ ވައްތަރު ލިބެން ހުންނަނީ ވެސް ވަކި ރެސްޓޯރެންޓަކުން އެކަންޏެވެ.
ބަޓަ ޗިކަން ކާ ހިތުން ނުނިދިގެން އެމީހާ ރޭގަނޑު 11.00 ވެސް ޖެހި ފަހުން ސިޓީ ސެންޓަރުގައި ހުންނަ ރެސްޓޯރަންޓަށް ދާން ދަތުރު ފެށީ އެވެ. މި މީހާގެ ޚަބަރު ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު މިއީ އާދަޔާޚިލާފު ބަޓަ ޗިކަން އަށް ވާނެ ކަމަށް ބުނެ ވަރަށް މަޖާ ކޮމެންޓުތައް ކޮށްފައި ވެއެވެ.
އެކަކުގެ ކޮމެންޓުގައި ބުނީ އޭނާއަކީ ވެޖެޓޭރިއަން އެއް ނަމަވެސް މި ބަޓަ ޗިކަންގެ ރަހަ ކޮންމެހެން ވެސް ބަލަން ޖެހިއްޖެ ކަމަށެވެ.
މި ފިރިހެންމީހާ ފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނީ އޭނާގެ މަންމައަކީ އިންޑިޔާ މީހެއް ކަމަށާއި އެހެންވެ އޭނާއަށް ވަރަށް ކުޑައިރުއްސުރެ ވެސް ބަޓަ ޗިކަން ވަރަށް މީރު ކަމަށެވެ. އެހެންވެ އެ ރޭ ވެސް ބަޓަ ޗިކަން ކާ ހިތްވީ ވަރުން އެ ގަންނަން ކާރުގައި ނުކުތީ އެވެ.
މި މީހާއަށް ވަކި ހިސާބަކަށް ދެވުނުތަނާ ފުލުހުން އެމީހާ ހުއްޓުވައި ބޮޑު ޖޫރިމަނާއެއް ވަނީ ކޮށްފަ އެވެ. އަދި އަނބުރާ ގެއަށް ދިއުމަށް އެންގި އެވެ. އެހެންވެ އޭނާއަށް ޖެހުނީ ބަޓަ ޗިކަން ގަންނަން ނުގޮސް އެނބުރި ގެއަށް ދާށެވެ. މިހާ ބޮޑު ޖޫރިމަނާއެއް މި މީހާ ކުރި ޚަބަރު ލިބުމުން ސޯޝަލް މީޑިއާގައި އެއްބަޔަކު ބުނީ މި ބަޓަ ޗިކަން ވާނީ ދުނިޔޭގެ އެންމެ އަގުބޮޑު ބަޓަ ޗިކަން އަށް ކަމަށެވެ.
އޮސްޓްރޭލިޔާގެ ބައެއް ރަށްތަކަށް ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅެއް ބިންދާލައި ބަލި މީހުން ގިނައިން ފެންނަ ރަށްތައް މިހާރު ވަނީ ލޮކްޑައުން ކޮށްފަ އެވެ. ލޮކްޑައުން އާ ޚިލާފުވާ ފަރާތްތައް ވަރަށް ބޮޑެތި އަދަދު ތަކުން ދަނީ ޖޫރިމަނާ ކުރަމުންނެވެ.