ލައިފްސްޓައިލް

ކިޔަވައިދޭން އާދަޔާހިލާފު މަސައްކަތެއް ކުރާ ޓީޗަރެއް!

ގުއަޓެމާލާގެ ޓީޗަރަކު އޭނާ ކިޔަވައިދޭ ކުދިންނަށް ލޮކްޑައުންގައި ވެސް ތައުލީމު ފޯރު ކޮށްދިނުމަށް އާދަޔާޚިލާފު ބުރަ މަސައްކަތެއް ކޮންމެ ދުވަހަކު ވެސް ކުރެ އެވެ. ކޮރޯނާވައިރަހުގެ ސަބަބުން ގުއެޓެމާލާގެ ސްކޫލްތައް މާޗު މަހުގެ މެދެއްހާ ހިސާބުގައި ބަންދު ކުރުމުން ޓީޗަރު ގެރާޑޯ އިޒްކޯއީ އޭނާ ކިޔަވައިދޭ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ވާތީ އަތުގައި ހުރި ފައިސާކޮޅަށް ތިންފުރޮޅުލީ ބާ ބައިސްކަލެއް ގަތެވެ.
އަދި ކޮންމެ ދުވަހަކު 27 އަހަރުގެ މި ޓީޗަރު އޭނާ ކިޔަވައިދޭ ހަ ވަނަ ގްރޭޑްގެ ކުދިންގެ ތެރެއިން ކޮންމެވެސް ކުދިބައެއްގެ ގޭ ދޮށަށް މި ބައިސްކަލްގައި ގޮސް އެ ކުދިންނަށް ކިޔަވައިދެމުން ގެންދެ އެވެ.

ބާރަ އަހަރުގެ ޕައޮލާ ޒިމޭނާއަކީ އޭނާ އެންމެ ފަހުން ކިޔަވައިދޭން ދިޔަ ކުދިންތަކުގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. ޕައޮލާ އޭނާގެ ޓީޗަރު އަންނަން ވާއިރަށް ގޭ ދޮރުމަތީގައި ފޮތް ހިފައިގެން އިށީނދެ ކިޔެވުމަށް ތައްޔާރުވެ އެވެ. ޓިޗަރު ގެރާޑޯ އާއި ޕައޮލާ ވަރަށް ހޫނު ސަލާމެއް ކޮށްލަ އެވެ. ނަމަވެސް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ދުރުގައި ތިބެގެންނެވެ.

ޓީޗަރުގެ ތިން ފުރޮޅުލީ ބައިސްކަލަކީ ކުޑަވަރެއްގެ ކްލާސް ރޫމެކެވެ. އޭގައި އެ ދުވަހަކު ކުދިންނަށް ކިޔަވައިދޭން ބޭނުންވާ ޓީޗިން މެޓީރިއަލްސް ބަހައްޓާފައި ހުރެ އެވެ. އަދި ހުދު ކުލައިގެ ބޯޑަކާއި ވައިޓްބޯޑު މާކަރު ފަދަ އެއްޗެތި ވެސް ހުރެ އެވެ. ބައިސްކަލް މަތި ހިޔާކޮށް ކުއްޖާ އާ ޓީޗަރާ ދެމެދު ތުނި ބިއްލޫރިގަނޑެއް ބަހައްޓާފައި ހުރެ އެވެ.

ޓީޗަރު ގެރާޑޯ އޭނާ ކިޔަވައިދޭ ކޮންމެ ކުއްޖަކަށް ވެސް ހަފުތާއަކު މަދުވެގެން ދެ ދުވަހު ޒިޔާރަތްކޮށް އެ ކުދިންނަށް ކިޔަވައިދިނުމުގައި ވަގުތު ހޭދަކުރެ އެވެ.

"ލަލީޓޯ 10" ގެ ނަމުން މަޝްހޫރުވެފައިވާ މި ޓީޗަރު ބުނި ގޮތުގައި ލޮކްޑައުންގައި ކުދިންނަށް ކިޔަވައިދެވޭނެ އެއްވެސް އެހެން ގޮތެއް އޭނާއަކަށް ނުފެނުނެވެ. މިހާ ބުރަ މަސައްކަތެއް ކުރަނީ އެހެންވެ އެވެ.

"އެންމެ ފުރަތަމަ އަހަރެން އުޅުނީ ވޯކްޝީޓް ކުދިންނަށް ދީފައި ފޯނުން އިންސްޓްރަކްޝަން ފޮނުވައިގެން އެ އެއްޗެހި ކުދިން ލައްވާ ހައްދުވަން. ނަމަވެސް އަހަރެން ފޯނުން ފޮނުވާ އެއްވެސް މެސެޖަކަށް އެއްވެސް ކުއްޖަކު ޖަވާބެއް ނުދޭ. އެކުދިންގެ މައިންބަފައިން އަހަރެން ކައިރީ ބުނީ އެމީހުންގެ އަތުގައި ޑާޓާ ޕެކޭޖް ގަންނާނެ ފައިސާއެއް ނެތޭ. އަނެއް ބަޔަކަށް އެމީހުންގެ ފޯނަށް އަންނަ މެސެޖުތައް ކިޔާކަށް ނޭނގޭ. އެހެންވެ ކުދިންނަށް އަހަރެން ފޮނުވާ އިންސްޓްރަކްޝަން ބުނެދޭކަށް އެކުދިންގެ މައިންބަފައިންނަކަށް ނޭނގޭ. އަހަރެމެންގެ ހިސާބުގައި ލިޔަންކިޔަން ނޭނގޭ މިންވަރު 42 ޕަސެންޓަށް ވުރެ މަތި. އަދި އިންޓަނެޓު ލިބެނީ އެންމެ 13 ޕަސެންޓް ގެޔަށް،" ޓީޗަރު ބުންޏެވެ.

ޓީޗަރު ބުނި ގޮތުގައި ކުދިންގެ މައިންބަފައިން އަތުގައި ފޯނެއް އޮތަސް އެ ފޯނަކީ ވެސް ޒޫމް ފަދަ އެޕްތައް ޑައުންލޯޑް ކުރެވޭ ފެންވަރުގެ ފޯނެއް ނޫނެވެ. އެހެންވީމާ އޭނާއަށް އޮންލައިންކޮށް ކްލާސްތައް ގެންދެވޭނެ އެއްވެސް ގޮތެއް ނެތުނީ އެވެ.

ޓީޗަރު ކިޔަވައިދޭ އެއް ކުއްޖެއްގެ ބައްޕައަކު ބުނީ އޭނާއަކީ ގޭދޮށުގައި ހައްދާ ތަފާތު ދަނޑުވެރިކަމުގެ ސާމާނު ވިއްކައިގެން ދިރިއުޅޭ މީހެއް ކަމަށާއި އެއްވެސް އެއްޗެއް ވިއްކަން ބޭރަށް ނުދެވޭތާ ހަތަރު މަސް ވެއްޖެ ކަމަށެވެ. އެހެންވީމާ ގިނަ ފަހަރަށް ބަނޑުހައިހޫނުކަން ފިލާވަރަށް ކާން ވެސް ނުލިބޭއިރު ކުދިންނަށް ކިޔަވައިދޭން ޑޭޓާ ޕެކޭޖު ގަނެވޭނެ ގޮތެއް ނޯންނަ ކަމަށެވެ.

ނަމަވެސް ޓީޗަރު އައިސް ކިޔަވައިދޭތޯ އޭނާގެ ދަރިވަރުން ތިބީ ވަރަށް އުފަލުންނެވެ. ކަރަންޓީނުގައި ގެއިން ނުނުކުމެ ތިބެން ޖެހޭއިރު ޓީޗަރު އަންނަ ގަޑިއަކީ އެކުދިންނަށް ވަރަށް ޚާއްސަ ގަޑިއެކެވެ. އެހެންވެ އެ ގަޑިއަށް އެކުދިން ވަރަށް އުފަލުން ތައްޔާރުވެ އިންތިޒާރުކުރެ އެވެ. ފަންސުރާއި ނޯޓު ފޮތް ނަގައިގެން މާސްކް އަޅައިގެން ވަރަށް ތައްޔާރުވެގެން ޓީޗަރު އަންނަ ވަގުތަކަށް ބަލަބަލާ ތިބެ އެވެ.
ދުވާލަކު ހަތަރުދަމު ކިޔަވައިދޭން ގޭގޭ ދޮށަށް ދުއްވުމަށްފަހު ހަވީރު ކާފިއު ގަޑި ޖެހެންވާއިރަށް ޓީޗަރު އަނބުރާ ގެޔަށް ދެއެވެ. ގޭގައި އޭނާގެ އަންހެނުންނާއި ތިން އަހަރުގެ ދަރިފުޅާއެކު ދެން ކުރަނީ ޒުވާރި އިންދުމާއި އެނޫންވެސް ތަރުކާޜީ އާއި މޭވާ އިންދާ ހެއްދުމުގެ މަސައްކަތެވެ.

އޭނާ ކިޔަވައިދޭ ގިނަ ކުދިންގެ އާއިލާތަކަކީ ބަނޑުހައިހޫނުކަމުގައި އުޅެން ޖެހިފައިވާ އާއިލާތައް ކަން ޓީޗަރަށް އެނގެ އެވެ. ނަމަވެސް އޭނާ ކޮށްދޭ މަސައްކަތުގެ އަގު އެ އާއިލާތަކުން ވަޒަންކުރާކަން ވެސް އޭނާ ގަބޫލު ކުރެ އެވެ.

"އެއްދުވަހަކު ކުއްޖެއްގެ މަންމައެއް އަހަރެން ކައިރީ ބުނި ކާ އެއްޗެއް ނެތިގެން ނުކައި ތިބި ވާހަކަ. އަހަރެން ކްލާސް ނިންމާފައި ދާން ފެށުމުން އެ މީހާ އަހަންނަށް ގޮވާލާފައި ބުނި ކޮންމެވެސް މީހަކު އޭނާއަށް ކާ އެއްޗެއް ދިން ވާހަކަ. އެ ކުއްޖާގެ މަންމަ އަހަރެންނަށް ގޮވީ އެ ލިބުނު ކާ އެތިކޮޅުން އެއްބައި ދޭން ވެގެން. އެހާވެސް އެމީހުންނަށް އަހަރެންގެ މަސައްކަތް ބަލައިގަނެ އަހަރެންނަށް ގަދަރު ކުރޭ. އެމީހުންގެ ރަނގަޅުކަން ހިތަށް އަރާފައި އަހަރެން އެ ދުވަހު ގެޔަށް އައީ ރޮމުން،" ޓީޗަރު ބުންޏެވެ.