ވާހަކަ

ހިމޭންކަން (ދެވަނަ)

(ދެވަނަ ބައި)

"އަސްލު ވަރަށް ދުވަސްވެއްޖޭ ސަރ ގެންނަން އުޅޭތާ. އަދި ނުގެނެވިގެން ދޯ މިއުޅުނީ. އަސްލު އަބާން ނުގެންނަނީ މަންމަ ބުނަން ސަރ ގާތު ބުނާށޭ ވެސް." ތަށްޓަށް ޖޫސް އަޅައިދެމުން އަހަރެން ހިނިތުންވެލީމެވެ.
"އަޅުގަނޑު ބުނަން. ސަރ ބުނަނީ ރަނގަޅު ކަމެއް ނޫނޭ. ކުދިން ގޭގެއަށް ދިޔުމަކީ. އޭރުން މަސްލަހަތު ގެއްލޭނޭ. މީހުން ހީކުރާނޭ އަބާންއަށް މޮޅުވަނީ، މަތިން މާކުސް ލިބެނީ ސަރއަށް ކާންދޭތީއޭ. އެންމެން ވިސްނާނީ އެއްގޮތަކަށް ނޫނޭ،" އަބާން ބަލައިލީ ޝިހާމުގެ މޫނަށެވެ. "ސަރމެން މި ދައުވަތު ގަބޫލުކުރީ ވެސް މަންމަ ގުޅީމަހެން ހީވަނީ."
"އާނ އެހެން ވިސްނާ ބަޔަކު ވެސް ތިބެދާނެ ދޯ!" އަބާންގެ ވާހަކައިގައި ބައިވެރިވީ ޝިހާމެވެ. "އެކަމަކު
މުދައްރިސުންނަކީ އެކަހަލަ ބައެއް ނޫން. އެމީހުންނަކީ ވަރަށް އިންސާފަށް ލޯބިކުރާ ބަޔެއް. މިހެން ބުންޏަސް ޖޯކު ޖަހާނެ މީހުން ވެސް ތިބޭނެ. ދެން މީހުން ދައްކާނެ ފާޑުފާޑުގެ ވާހަކަތައް އެ އަޅައިލާ އެއްޗެއް ނޫން."
"އެކަމަކު މި ވަރަށް ނުވާނެ ކާން ތައްޔާރު ކުރާކަށް، މި މޭޒު މަތިން ހުސް ތަންކޮޅެއް ނުފެނޭ." ވަސީމު ގޮނޑީގައި ހަމަޖެހިލަމުން މޭޒަށް ނަޒަރު ހިންގައިލިއެވެ.

"އަސްލު މި ފެންނަނީ ތަށިތަށްޓެއް ނޫނޭ. ވަސީމު ސަރއަށް އެނގޭތަ މި ތަށިތަށީ ހުރީ ކޮން އެއްޗެއްކަން. ބަލައިބަލަ އެކި ކުލަ ކުލައިގައި މިހުރީ މުޅީން ވެސް ލޯބި. އަހަރުމެންނަށް އެކި ކުލަކުލައިގެ ކާނާގެ ގޮތުގައި ފެނުނަސް މިއީ މަޔަކު ދަރިއަކު ދެކެވާ ލޯބި. ހަގީގީ ލޯބި. މިއީ މައިވަންތަ ލޯބި. ހިނގައިބަލަ މި ލޯބީގެ ރަހަ ބަލައިލަން." ޝިހާމު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

ޝިހާމުގެ ނިތުން އިޝާރާތްކޮށްލިއެވެ. އަހަރެން ނުކުތީ ބޭރަށެވެ. ސިޓިންރޫމަށް ނުކުމެ ސޯފާގައި ހަމަޖެހިލަމުން ކުޝަން ނަގައި އުނގުގައި ބާއްވާލީމެވެ. އޭރު ވެސް ނޭނގޭ ބިރުވެރިކަމެއް ހިތުގައި ވިކަމުން ދިޔައެވެ. ޓީވީ ހުޅުވާލެވުނެވެ. ޓީވީ ނިއްވާލެވުނެވެ. އިރުކޮޅެއް ފަހުން އަނެއްކާ ވެސް ޓީވީ ހުޅުވާލެވުނެވެ. އަނެއްކާ ވެސް ނިއްވާލެވުނެވެ. އަތުގައި އޮތް ރިމޯޓު ބޭއްވުނީ މޭޒުމަތީގައެވެ. އިނގިލިތަކުން ކަށިގޮއްވަށް ފެށުނެވެ. އޭރު މޭ ހީވަނީ ބޭރަށް ނުކުންނަށް އުޅޭހެންނެވެ. އިރުކޮޅެއް ނުވަނީސް ޝިހާމު ވެސް ބޭރަށް ނުކުތެވެ.

"ހުރިހާ އެއްޗެއް ވެސް ވަރަށް މީރު." ހިނިތުންވެލަމުން ޝިހާމު ސޯފާގައި އިށީނެވެ.

އަހަންނަށް ބަލައިލެވުނީ ޝިހާމުގެ މޫނަށެވެ. މައުޟޫއު ހުޅުވާލަދިނީ ސީދާ ޝިހާމެވެ. އަބާންގެ ފަރާތުން ފެންނަމުންދާ ކަންކަން ޝިހާމަށް އަހަރެން ހިއްސާކުރީމެވެ. ހިތްދަތިވިޔަސް ހިތްވަރުކޮށްފައި ހުރިހާ ވާހަކަތަކެއް ހިއްސާކުރީމެވެ. އަބާންގެ މުސްތަގުބަލަށް ޓަކައެވެ. އަބާނަށް ރަނގަޅު ގޮތެއް ފެނޭތޯއެވެ. ބުނެދޭން ނޭނގޭ ލުއިކަމެއް އަހަންނަށް ލިބުނެވެ. ހީވީ ބޮލުން ބޮޑު ބުރައެއް ނެގިހެންނެވެ. ޝިހާމުގެ ފަރާތުން އަހަންނަށް ލިބުނު ޔަގީންކަމުން ކަމަށް ވެސް ވެދާނެއެވެ.

"ސީދާ ގެއަށް މިއައީ ވެސް މި ވާހަކައިގެ ޒާތުން. މިކަހަލަ ވާހަކައެއް ދައްކަން އެންމެ ރަނގަޅު ތަނަކަށް މި ގެ ވާނެތީ. އަބާން ސްކޫލުގައި އިންދާ ގެއަށް މިއައީ ވެސް އެހެންވީމަ. އަބާންއަކަށް އަދި އެހެން ކުއްޖަކަށް ވެސް ނޭނގޭ އަޅުގަނޑު ސީދާ އަބާންގެ މަންމައާ ބައްދަލު ކުރާ ކަމެއް،" ސިޓިންރޫމުގެ ސޯފާގައި ހަމަޖެހިލަމުން ޝިހާމު ވާހަކަ ފެށިއެވެ. "މި ވަރަށް ތަފާތު މައްސަލައެއް. މައްސަލައިގެ ޒާތުން. އެއްވެސް މީހަކީ ކުށްވެރިއެއް ނޫވޭ. އެއްވެސް ކަމެއް ގޯސްކޮށް ނުދޭ. މިއީ ތަގުދީރު ކުރެހި މަންޒަރެއް. މިކަމުގައި އެންމެ ބޮޑު އެހީއެއް ދެވެން އޮތީ ވެސް އަޅުގަނޑުމެންނަށް. އެކަމަށް ކުރާން ޖެހޭ ހުރިހާ ކަމެއް އަޅުގަނޑު ކުރާނަން. ދަރިވަރުންނަށް ދިމާވާ މި ޒާތުގެ ކަންކަމުގައި އެހީތެރިވެދީ ދަރިވަރުންނަށް ރައްކާތެރިކަން ހޯދައިދީ، ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ހޯދައިދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. ވާޖިބެއް. އެކަން ކުރަން އަޅުގަނޑުމެން މި ތިބެނީ. އެ ޔަގީންކަން އަޅުގަނޑުގެ ފަރާތުންދެން."

"އަހަރެން މޭތެޅެން ވެސް ފަށައިފި. އަނެއްކާ ކިހިނެއްވީ؟ ގޯސްކަމެއް ހިނގަނީތަ؟ އަބާނަށް ކަމެއް ދިމާވީތަ؟ ކުއްޖަކު އަބާނާ ބެހުނީތަ؟ ނޫނީ ކުއްޖަކާ އަބާން ތޮޅުނީތަ؟" އަހަރެން އަތްފައ ފިނިވާ ގޮތްވިއެވެ.
"އެ ރެޔެއަށްފަހު ފާއިތުވެ ދިޔަ ތިން ހަފުތާގައި އެކި ގޮތްގޮތަށް އަބާނާ ވާހަކަދެކެވި އެކި އޭންގަލް ތަކުން އޭނާގެ ކަންބޮޑުވުން ހުންނަ ކަންކަމާއި، ވިސްނުން ހުރި ގޮތްތަކާ ގުޅޭ ވާހަކަތައް ދެކެވިއްޖެ. އަޅުގަނޑަށް ވެސް އޭނާއާ ވަރަށް ގާތް ގުޅުމެއް އުފެއްދިއްޖެ. ވަރަށް ގިނަ މައުލޫމާތު އޭނާ ފަރާތުން ހޯދިއްޖެ. މި ކަންކަމުގެ އަލީގައި މި ވާހަކަތައް މި ދައްކަނީ،" ޝިހާމު ވަރަށް ފަރުވާތެރިކަމާއެކު ވާހަކަ ބައްޓަން ކުރަމުން ދިޔައެވެ. "އަޅުގަނޑުމެންނަށް ކުރެވެން އޮތް އެއްކަމަކީ އަބާންއަށް ރަނގަޅު ރަހުމަތްތެރިއެއް ހޯދައިދިނުން. ދެން ކުރެވެން އޮތް ކަމަކީ އޭނާއަށް ވަރަށް ލޯބިދީގެން ގެންގުޅުން. އަޅުގަނޑު މިހެން ދަންނަވާއިރު ވެސް އެނގޭ މަޔެއްގެ ފަރާތުން އޭނާއަށް ލިބެން ޖެހޭ ހުރިހާ ލޯތްބެއް އެންމެ ފުރިހަމައަށް މިގެއިން ލިބޭނެކަން. އެކަމަކު އެ ވަރުން ނުފުދޭނެ."

ޝިހާމު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އަހަރެންގެ ނޭވާ އަވަސްވެ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ.

"އަހަންނަށް ކުށެއް ކުރެވުނީތަ؟ މިގޭ ތެރެއިން ކަމެއް ދިމާވަނީތަ؟" އަހަންނަށް އަނގަމަތީގައި އަތް އެޅުނެވެ.
"ނޫނޭ. މަދުވަނީ. އޭނާ ބޭނުންވާ ވަރަށް ނުލިބެނީ." ޝިހާމު އަނެއްކާ ވެސް އަހަންނާ ދިމާއަށް ބަލައިލިއެވެ.
"ކޯންޗެއް؟ ކޮންކަމެއް؟ އޭނާއަށް މަދު އެއްޗެއް، މަދު ކަމެއް މި ގެއަކު ނުހުންނާނެ. މިހާ މިނިވަން މިހާ ތަނަވަސް، ކިޔަވަން ފަސޭހަ އަޑުމަޑު ގެއެއް މި ރަށުގައި ވެސް މަދުވާނެކަން ނޭނގެ. ދެން ކޮން އެއްޗެއްބާ މަދުވަނީ؟ ކޮންކަމެއްބާ އުނިވަނީ؟" އަހަރެން އެއް ނޭވާއިން އަމުނައިލިއެވެ.
"އަޅުގަނޑު މި ބަލައިލީ ތިކަން! އަބާންގެ މަންމައަށް އަދި އެކަން ވިސްނިފައި ނެތް ކަން އެނގިއްޖެ. އަބާން ބޭނުން ވަނީ ތިޔަ ހީކުރާ ކަހަލަ ކަމެއް ނޫން. އޭނާއަށް އުނިވަނީ ވެސް އަދި ބޭނުންވަނީ ވެސް ތިޔަ ވިސްނުނު ކަމެއް ނޫން. އަހަންނަށް ވެސް އެނގޭ އަބާން މަންމައާއި ބައްޕަގެ ހާލަތު،" ޝިހާމު ހިންދިރުވާލިއެވެ. "މީ ދައްކަން އެހައި ފަސޭހަ ވާހަކައެއް ވެސް ނޫން."
"ކޮން ކަމެއް ސިއްރު ކުރަނީ؟ ކޮން ވާހަކައެއް؟ ބުނެދީ. އަހަރެން ގާތު ބުނެދީ. އެއްވެސް ކަމެއް ނުފޮރުވާ އަހަންނަށް ބުނެދީ. ހުރިހާ ކަމެއް ސާފުކޮށް ބުނެދީ. ކޮންމެ ވާހަކައެއް ބުންޏަސް އަހަރެން ގަބޫލުކުރާނަން. ސަރ ބުނާ ކޮންމެ ވާހަކައެއް އަހަރެން ގަބޫލުކުރާނަން. ސަރއަކީ އަހަރެން ވަރަށް އިތުބާރުކުރާ މީހެއް." އަހަންނަށް އާދޭސްކުރެވެން ފެށުނެވެ.
"އަބާން ބޭނުންވަނީ..." ޝިހާމު ހުއްޓައިލަމުން އޭނާ ބަލައިލީ އަހަރެންގެ މޫނަށެވެ.

އަހަންނަށް ލޮލާއި ނިތުން ހަރަކާތްކޮށްލެވުނެވެ. ބުނެދޭން އެދި އާދޭސްކުރާ ފަދައަކުން ޝިހާމަށް ބަލައިލެވުނެވެ.

"އަބާނަށް މަދުވެގެން އުޅެނީ އާއިލީ... އާއިލީ ލޯބި. އޭނާ ބޭނުން ވަނީ ކޮއްކޮއެއް، ދައްތައެއް.. ބޭބެއެއް... އޭނާއަށް މަދުވަނީ އެމީހުން. އެމީހުންގެ ލޯބި. އެ ހަލަބޮލިކަން. މަރެއްފަދަ ހިމޭންކަން އޭނާއަށް އުނދަގޫ ކަމަކަށް ވަނީ. މި މާހައުލުގެ ފަޅުކަން އޭނާއަށް ވަނީ ތުރާލަކަށް. އޭނާ އެކަމާ ވިސްނަނީ. އެކަމާ ފިކުރު ކުރަނީ. މާދަމާ އަބާނަށް ކަމެއް ދިމާވުމުން އޭނާގެ މަންމައާއި ބައްޕައަށް އަޅައިލާނެ ދެވަނަ މީހަކު ނުހުންނާނެތީ އެކަމާ އޭނާ ފިކުރު ކުރަނީ. އެކަންތައް ބޮލަށް ލައިގެން ވިސްނަނީ. އެކަމުގެ ސަބަބުން މީހާ ޑިޕްރެޝަނަށް ދަނީ. މާ ބޮޑަށް ހާސްވެ ކަންބޮޑު ވަނީ." ޝިހާމު ލަސްލަހުން ޖުމުލަތައް ފުރިހަމަ ކުރަމުން ދިޔައީ އަހަންނަށް ވަމުންދާ ގޮތް ބަލަމުންނެވެ.

ބޭއިހުތިޔާރުގައި އަހަންނަށް ރޮއި ގަނެވުނެވެ. މޫނުގައި ދެއަތް އަޅައިގެން އިނދެ ބާރުބާރަށް ރޮވުނެވެ. އެތައް އިރެއް ވަންދެން އަހަންނަށް ރޮވުނެވެ. ބަހެއް ވެސް ނުބުނެ ޝިހާމު ބަލަން އިނީއެވެ. އަހަރެން ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. މޫނު ފޮހެލުމަށްފަހު ހިނިތުން ވެވޭތޯ ބަލައިލީމެވެ.

"އަހަންނަށް އެނގޭ އަބާންގެ މަންމައާއި ބައްޕައަށް އިތުރު ކުއްޖަކު ނުލިބޭނެކަން ވެސް. އަބާން ވިހެއުމުގެ ތެރޭގައި ދިމާވި ހާދިސާ އަބާން އޮތީ ކިޔައި ވެސް ދީފަ. އޭނާ ވެސް އެކަން ގަބޫލުކުރޭ. މިއީ އަބާންގެ މަންމައާއި ބައްޕަގެ ކުށެއް ނޫންކަން ވެސް. އަދި އިތުރު ކުއްޖަކު ލިބެން ނެތްކަން ވެސް،" ޝިހާމު ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަބާންގެ މި ކަންތަކުން އަހަންނަށް ވެސް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ."

ޝިހާމު ބަލައިލީ އަހަރެންގެ މޫނަށެވެ. ދެ ލޮލާއި ބުމަ އަރުވައިލަމުން އަހަންނަށް ވެސް ބަލައިލެވުނީ އޭނާ އާދިމާ އަށެވެ. ކޮން ކަމެއްހޭ އަހާ ފަދަ ބީދައަކުންނެވެ.

"މި ޒަމާނުގައި އާއިލާ ރޭވުމުގެ ނަމުގައި ކުރެވޭ ބައެއް ކަންކަމުގެ ނުބައި އަސަރު މުޖުތަމައަށް ކޮށްފާނެކަން މިއިން ހާމަވޭ. އާއިލާ ރޭވުމުގައި ބައެއް ދެމަފިރިން އެންމެ ކުއްޖަކު ހޯދައިގެން މުޅި އުމުރު އެ ކުއްޖާއަށް ހޭހަން ކުރުމުގައި އެބަ ހޭދަވޭ. ފަހަރެއްގައި ވެސް އެފަދަ މައިން ބަފައިންނަށް ވިސްނައި ނުލެވޭ ނުކުތާއެއް މިއީ،" ޝިހާމު އަނެއްކާ ވެސް ފެށިއެވެ. "ކޮންމެ ކުއްޖަކު ވެސް އާއިލާއެއް ބޭނުންވާނެކަން. މަންމައާއި ބައްޕަގެ ލޯބި ކިތައްމެ ރަނގަޅަށް ފުރިހަމައަށް ދިނަސް، ކޮއްކޮ ނުވަތަ ބޭބެއެއް ނޫނީ ދައްތައެއް އެކުދިންގެ ހަޔާތަށް ވެސް ބޭނުންވާނެކަން. އެހެން ނޫނީ އެ ފަދަ ކުދިން ގުނަމުން ދާނީ ހިމޭން ދުވަސްތަކެއްކަން. ކުރަމުންދާނީ ހިތްދަތި އިހުސާސެއްކަން. އެކަމުން ކުދިންނަށް ނަފުސާނީ ގޮތުން ގެއްލުންތަކެއް ލިބިދާނެ ކަން. ފަހަރެއްގައި މި ބުނީ އަބާންގެ މަންމައާއި ބައްޕަގެ ވާހަކައެއް ނޫން."
"ދެން އަހަރެން ކޮންކަމެއްތޯ ކުރަންވީ؟" އަހަރެންގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.

ކަންކުރަންވީ ގޮތާއި އަބާނާ ވާހަކަދެއްކުން ބަހައްޓަންވީ ގޮތުގެ އިރުޝާދުތައް ޝިހާމު ހިއްސާކުރިއެވެ. އަބާނާ ދެމެދު ކުރިއަށްވުރެ ގާތްގުޅުމެއް އުފައްދަންވީ ގޮތް ކިޔައިދިނެވެ. އަބާންގެ ބައްޕައާ ވެސް ޝިހާމު ބައްދަލުކޮށް އެކަމާ ގުޅޭ ވާހަކަތައް ދެއްކިއެވެ. އަހަރެން ހިނގަމުން ދިޔައީ ޝިހާމު ކުރަހައިދިން ރޮނގުމަތިންނެވެ. ދޭތެރެ ދޭތެރެއިން ޝިހާމު ވެސް ހާލުބަލައިލަން ގުޅައެވެ. ބައެއް ފަހަރު އަބާނާއެކު ގެއަށް އައިސް އުޅެއެވެ. ކިޔެވުމުގައި އެހީތެރިކަން ފޯރުކޮށްދެއެވެ.
ދިރިއުޅުމުގައި އެކި މީހުންނަށް ދިމާވާނީ އެކި ކަންކަމެވެ. ބޭނުންވާ ގޮތް ނޫން ގޮތްގޮތަށް ކަންކަން ފުރޮޅި ބަދަލުވެގެންދާ ފަހަރު ވެސް އާދެއެވެ. ކިތައްމެ ބޭނުންވިޔަސް ނުލިބޭނެ ކިތައްމެ އުފަލެއް ވެސް ހުންނާނެއެވެ. ކިތައްމެ ހޯދައިދޭން ބޭނުންވިޔަސް ދަރިންނަށް ވެސް ހޯދައި ނުދެވޭނެ އުފާތައް ހުންނާނެއެވެ. އެކަން އަހަރުމެން ޖެހޭނީ ގަބޫލުކުރާށެވެ. އެކަމަށް ސިކުނޑިތައް ޖެހޭނީ ފައްކާ ކުރާށެވެ. ޝިހާމު ވެސް އަހަންނާއި އަބާނަށް ވެސް ވިސްނައިދިނީ އެ ކަމެވެ. އޭނާ ބުނެދިނީ އެ ވާހަކަތަކެވެ. އަހަރެން އެކަން ހެޔޮ ހިތުން ގަބޫލުކުރީމެވެ.

އެކަމުގެ ނަތީޖާ މިއަދު ވަރަށް ފޮންޏެވެ. މާމާއޭ ކިޔާ ގޮވައިލާނެ ހަތަރު ކުދިން އަހަރެންގެ އެބަތިއްބެވެ. އެ ދުވަހު ގޭތެރެއަށް ވެރިވި ހިމޭންކަން މިއަދަކު ނެތެވެ. ހިމޭން ދުނިޔެއިން މިއަދު ފެންނަނީ ހަލަބޮލިކަމެވެ. އުފާވެރިކަމެވެ. ހިތްހަމަ ޖެހުމެވެ. އެ ހިމޭންކަމާއި ފަޅުކަމުން ތަހައްމަލުކޮށް އިސްކުރި ކެތްތެރިކަމުން އަބާނަށް ދުނިޔެ ފެނީއެވެ. އަބާނަކީ މިއަދު މޮޅު ޑޮކުޓަރެކެވެ. ހެޔޮލަފާ ފިރިއެކެވެ. އޯގާތެރި ދަރިއެކެވެ. އަހަރެންގެ ދުލު ކުރީގައި ތަކުރާރުވީ ޝިހާމުގެ ޖުމުލަ އެކެވެ.
އާއެކެވެ. ހިމޭންކަމަކީ ދެމިޔަލީ ތޫނު ހަންޖަރެކެވެ. އެއިން އެއްފަހަރާ އެތައް ބަޔަކު ކަތިލައެވެ. ހިތާއި ސިކުނޑި އެކުގައި ޒަހަމުކޮށްލައެވެ. މީހާ މާޔޫސްކޮށް ލައެވެ. އުއްމީދުތައް ފުނޑުފުނޑުކޮށްލައެވެ. ކޮންމެ ހިމޭންކަމަކުން މީހާ ނިކަމެތިކޮށްލައެވެ. އެކަމަކު ކޮންމެ ނިކަމެތި ކަމެއްގެ ފޫޅުކެނޑެނީ ހިމޭންކަމަކަށް ނޫނެވެ. ހިމޭން ފަޅު ކޮންމެ ރެޔަކަށްފަހު ހަލަބޮލި ފަތިހަކަށް އަލިވިލޭނެއެވެ. އެކަމަށް ކެތް ކުރި މީހަކަށެވެ. މިއީ އަހަރެން ކުރި ދަތުރެވެ. ކުރި ތަޖުރިބާއެވެ. (ނިމުނީ)