އަހުމަދު ޝިޔާމް

ޝިޔާމަށް އަނިޔާކުރި މައްސަލަ ފުލުހަށް، ތުހުމަތު ރިޔާސަތަށް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ މަޖިލީހުގެ ބައެއް މެންބަރުން އަނިޔާކުރި މައްސަލައެއް ފުލުހަށް ހުށައަޅައިފި އެވެ.

ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދެއްކެވުމުން މެންބަރު ޝިޔާމް ވަނީ މިރޭގެ ޖަލްސާގައި އަޑުގަދަ ކުރައްވާފައެވެ. އެއާއެކު ރައީސް ނަޝީދު ވަނީ ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އަންގަވާފައެވެ.

ނަމަވެސް ޝިޔާމް ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޝިޔާމްގެ ގައިކޮޅަށް އަތްލައްވާފައެވެ. ޝިޔާމްގެ ގަމީސްވެސް ވަނީ ވީދާލާފައެވެ. އަދި ބައެއް އެހެން އަނިޔާތައްވެސް ލިބިފައިވެއެވެ.

އެހެން ކަމުން ޝިޔާމް ވަނީ އިދިކޮޅު ބައެއް މެންބަރުންނާއެކު ފުލުހުންގެ އިދާރާއަށް ވަޑައިގެން އެ މައްސަލަ ފުލުހަށް ހުށައަޅުއްވާފައެވެ. މިވަގުތުވެސް ޝިޔާމް ހުންނެވީ ފުލުހުންގެ އިދާރާގައެވެ. އަދި އިދިކޮޅު މެންބަރުން ތިއްބެވީ ފުލުސް އިދާރާ ކުރިމަތީގައެވެ.

އަވަސްއާ ވާހަކަދައްކަވަމުން ޕީއެންސީގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ މިރެއަކީ ބަރުލަމާނީ ހަޔާތުގައި ކަޅު ރެއެއް ކަމަށެވެ. ދިވެހި ހުރިހާ ރައްޔިތުންގެ ކުރިމަތީގައި އެމްޑީޕީގެ ބައެއް މެންބަރުން އިދިކޮޅު މެންބަރަކަށް ހަަމަލާދީ މަޖިލީހުގައި މާރާމާރީ ހިންގާފައިވާކަމީ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.

ސައީދު ވިދާޅުވީ މަޖިލީސް ހޫނު ކުރީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ. އަދި ޝިޔާމަށް ހަމަލާ ދެއްވުމަށް މެންބަރުންނަށް އެންގެވީވެސް ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.

މަޖިލީހުގެ މިރޭގެ ޖަލްސާގައި ޝިޔާމްގެ ނަން އިއްވެވުމަށްފަހު ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރުކުރެއްވުމަށް ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ގޮވާލައްވަމުން ގެންދެވިއެވެ. ވަރަށް ރުޅިވެރިކަމާއެކު އެމަނިކުފާނު ވަނީ ސާޖަންޓްއެޓް އާމްސްއަށްވެސް އެކަން އަންގަވާފައެވެ.

މެންބަރު ސައީދު ވިދާޅުވީ ސާޖަންޓްއެޓް އާމްސްވެސް މިރޭ އުޅުއްވީ އެމްޑީޕީގެ މެންބަރަކު އުޅުއްވާ ގޮތަށް ކަމަށެވެ. އަދި މެންބަރު ޝިޔާމަށް އަނިޔާވުމުގައި އޭނާގެ އިހުމާލު އޮތްކަންވެސް ސައީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ދޮރުކޮޅުތައް ތަޅުލައްވައިގެން މަޖިލީހުގެ މިރޭގެ ޖަލްސާގައި ގާނޫނު އަސާސީއަށް އިސްލާހު ގެނައުންވެސް ސައީދު ވަނީ ކުށްވެރިކުރައްވާފައެވެ.

މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ޖަލްސާއަށްފަހު މެންބަރުން ރައީސަށް ހާއްސަ ދޮރުކޮޅުން ނިކުންނެވުމަށް އަންގަވާފައެވެ. ބެލެވޭ ގޮތުގައި ރައީސް ނަޝީދު އެހެން ވިދާޅުވީ ސައީދު ވިދާޅުވި ފަދައިން މެންބަރުންނަށް ހާއްސަ ދޮރުކޮޅުތައް ވަނީ ތަޅުލައްވާފައިވުމުންނެވެ.