އިމްރާން އަބްދުﷲ

އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ކޮމިޝަނުން ނަގަންޖެހޭ: އިމްރާން

މަރާލާފައިވާ މީހުނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކަށް މިހާ ދުވަސްވީއިރު އިންސާފު ނުލިބި އޮތުމުގެ ޒިންމާ އެކަންކަން ބަލަން އުފައްދާފައިވާ ކޮމިޝަނުން ނަގަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ދެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި މަރުތަކުގެ މައްސަލަތަކުގެ އިންސާފާ ހަމައަށް ވާސިލްވެވިފައި ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފުރަތަމަ އަހަރުގެ ތެރޭގައި އެކަންކަން ހާސިލް ކުރުމަށް މި ސަރުކާރުން ކަނޑައެޅި ނަމަވެސް އެކަމުގައި ސަރުކާރު ވަނީ ފެއިލްވެފަ އެވެ. އަދި ކޮމިޝަންތަކުން މިހާރު ގެންދަނީ ސަރުކާރުގެ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ ވެސް ކުރަމުންނެވެ.

ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އިމްރާން ވިދާޅުވީ މަރުތައް ބަލަން އުފައްދާފައިވާ ކޮމިޝަނަށް ފުލުހުންނާއި ހޯމް މިނިސްޓްރީން ދޭންޖެހޭ ފުރިހަމަ އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށެވެ. އެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ދަނީ ކޮމިޝަންގެ ބެލުމުގެ ދަށުން ކަމަށާ އެކަން އޮތީ ފުލުހުންނާ ހަވާލުކޮށްފައި ނޫން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮމިޝަނުން ބޭނުންވި ގޮތަށް ފުލުހުންގެ އަތުގައި ހުރި ހުރިހާ ހެއްކެއް އަދި ހޯދިފައިވާ ހުރިހާ މައުލޫމާތެއް ކޮމިޝަނަށް ހިއްސާކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އިންސާފަށް ވާސިލްނުވެ އޮތުމަކީ ފުލުހުން ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"އެ މަސައްކަތުގައި ފުލުހުން ކުރަންޖެހޭ ކަމެއް ކުރުމުގައި ފަސް ނުޖެހޭނެ ކަމަށް ވާނީ ދަންނަވާފައި. އަދި އެކަމުގައި ފުލުހުން ކުރަންޖެހޭ ކޮންމެ މަސައްކަތަކަށް އޮތީ ތައްޔާރަށް. މީގަ އަޅުގަނޑުމެން މިއަދު ދަންނަވަން ޖެހޭ މި ޒިންމާ [މައްސަލަ ބެލުމުގެ] އޮތީ ކޮމިޝަންގެ ބޭފުޅުންގެ އަތްޕުޅުގައި. އެހެންވީމަ އެ ބޭފުޅުންނަށް އެހީތެރިވުން އެއީ މިވަގުތަށް އަޅުގަނޑުމެންނަށް އޮތް ޒިންމާއަކީ."

އިމްރާން ވިދާޅުވީ ކޮމިޝަނަށް އެއްބާރުލުން ނުލިބޭ ކަމަށް ބުނާ ބުނުމާއި ގުޅިގެން ސީޕީއާއެކު ވަޑައިގެން ކޮމިޝަނާ ބައްދަލުކޮށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް ދީފައިވާނެ ކަމަށެވެ.

މީގެ އިތުުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ކުރަމުން ގެންދަނީ ފުލުހުން ކަމަށާ އެ ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ހިޔާނާތުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ އިސް ބޭފުޅުން ތިއްބެވީ ބަންދުގައި ކަމަށާ މިހާރު މިއޮތް ލޮކްޑައުން ނިމުމާއެކު އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ކިރިޔާވެސް މަސައްކަތް ކުރަން ފެށޭއިރަށް އެކަން ހިނގައިގަންނާނެ. އޭގެ ތެރޭގައި އެންމެ އިސްކޮށް ބައިވެރިވާ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ހުރީ ވަރަށް ތައްޔާރީ ހިސާބަކަށް ގޮސްފައި." އިމްރާން ވިދާޅުވި އެވެ.