ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިންޑިއާ

ކޮވިޑް-19 ވެކްސިން ހަދަން އިންޑިޔާގެ ސައިންސްވެރިއެއް

ކޮވިޑް-19 އަށް އެކަށީގެންވާ ވެކްސިނެއް ތައްޔާރު ކުރުމުގައި އޮކްސްފޯޑް ޔުނިވަސިޓީން ކުރަމުންދާ މަސައްކަތުގައި އިންޑިއާގެ އަންހެން ސައިންސްވެރިއަކު ބައިވެރިވެ އެވެ.

ޗަންދުރަބާލީ ދައްތާ ކިޔާ 34 އަހަރުގެ މި ޒުވާނާއަކީ ކޮލިޓީ އެޝުއަރެންސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ސައިންސްވެރިއެކެވެ. އަދި ކޮވިޑް-19 އަށް އެކަށީގެންވާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މީހެކެވެ.

ކޮވިޑް-19 އަށް ދެވިދާނެ ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތްކުރާ ޖެނާ އިންސްޓިޓިއުޓުން މި ވެކްސިންގެ ފޭސް ދޭކާއި ފޭސް ތިނެއް އަދި ވެކްސިން އިންސާނުންނަށް ދީގެން ކުރިއަށް ގެންދާ ޓްރައަލްސްގެ ކަންތައް ދަނީ ކުރަމުންނެވެ.

ކޮލިޓީ އެޝުއަރެންސް މެނޭޖަރެއްގެ ހައިސިއްޔަތުން ދައްތާއަށް ޖެހޭނީ އުފައްދާ ވެކްސިންގެ ކޮލިޓީ ހުރީ އެންމެ ފުރިހަމައަށް ކަން ޔަގީން ކުރާށެވެ. އެއް ސްޓޭޖުން އަނެއް ސްޓޭޖަށް ޓްރައަލް ދިއުމުގެ ކުރިން އެ ވެކްސިންގެ ކޮލިޓީ އޭނާ ބަލާނެ އެވެ.

ޓީއޯއައި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ދައްތާ ވަނީ ކަލްކަތާގެ ގޯކްލޭ މެމޯރިއަލް ގާލްސް ސްކޫލުން ބީޓެކް އިންޖިނިއަރިން އެންޑް ބައޮޓެކްނޮލޮޖީ ކިޔަފާ އެވެ. އަދި އޭނާ ޔޫކޭގެ ލީޑްސް ޔުނިވާސިޓީން ބައޮސައިންސްގެ ރޮނގުން މާސްޓާސް ހަދާފައި ވެއެވެ.

ދައްތާ ދީފައިވާ އިންޓަވިއު އެއްގައި ބުނީ ވެކްސިން މުޅިން ބަރާބަރު ވާނެ ކަމަށް އެމީހުން އެންމެން ވެސް އުންމީދުގައި ތިބި ކަމަށެވެ. ކޮވިޑް-19 އަށް ވެކްސިނެއް ހޯދަން އިތުރު ގަޑީގައާއެކު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެ އޮގަނައިޒޭޝަނަކީ އެއްވެސް ފައިދާއެއް ނެތި މަސައްކަތްކުރާ ތަނެއް ކަމަށާއި އުންމީދަކީ ވެކްސިންގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ސަލާމަތްވުން ކަމަށެވެ.

މިއީ ވަރަށް ބޮޑު ޓީމަކުން ވަރަށް ގިނަ ވަގުތު ހޭދަ ކޮށްގެން ކުރަމުންދާ ބުރަ މަސައްކަތެއް ކަމަށާއި އެ ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ޝަރަފެއްގެ ގޮތުގައި ދެކޭ ކަމަށް ދައްތާ ބުންޏެވެ.

ވެކްސިންގެ ޓްރައަލްތައް ނުނިމެނީސް ވެސް ގިނަ އަދަދެއްގެ ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށަން އުޅޭ ކަމުގެ ޚަބަރުތަކެއް ލިބޭ ކަމަށް ވެސް ސައިންސްވެރިޔާ ބުންޏެވެ. އޭރުން ވެކްސިން ކާމިޔާބުކަން ޔަގީންވާ ހިސާބުން އިންސާނުންނަށް އެ ވެކްސިން ދޭން ފެށޭނެ ކަމަށް އޭނާ ޔަގީންކުރެ އެވެ.

އޭނާ ބުނި ގޮތުގައި އާއްމުކޮށް ވެކްސިނެއް އުފައްދަން ތިން ހަތަރު އަހަރު ނަގާ ކަމަށާއި ނަމަވެސް މި ވެކްސިން އުފައްދާފައި މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަމަށެވެ. ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ފުރާނަ ގެއްލެމުންދާ މީހުން ގިނަ ކަމުންނެވެ.

"އަހަރެމެންގެ ހަޔާތުގައި ވެސް އަދި މިފަދަ ވަބާއެއް ނުދެކެން. އަހަރެމެން މިފަދަ ވަބާތަކުގެ ވާހަކަ އަޑުއަހަނީ ތާރީހީ ފޮތްތަކުން. އެކާވީސް ވަނަ ގަރުނުގައި މިފަދަ ބައްޔަކާ ދުނިޔެއަށް ކުރިމަތިވެ އެންމެން ގޭގެއިން ނުކުމެ ތިބި ވާހަކައެއް އިވިފައިވަނީ. އަހަރެމެންގެ މައިގަނޑު އަމާޒަކީ ވެކްސިންގެ ސަބަބުން މީހުންގެ ފުރާނަ ސަލާމަތް ކުރެވި އާއްމު ހާލަތަކަށް ދުނިޔެ ގެނައުން،" ދައްތާ ބުންޏެވެ.

ސައިންސްވެރިޔާ ބުނީ އޭނާގެ މައިންބަފައިން އޭނާއާ ދޭތެރޭ ވަރަށް ކަންބޮޑުވާ ކަމަށެވެ. ސަބަބަކީ މިހާ ނުރައްކާތެރި ވައިރަސް އަކާ ދެކޮޅަށް ކުރާ މަސައްކަތެއްގައި އޭނާއަށް އަމަލީ ގޮތުން ބައިވެރިވާން ޖެހޭތީ އެވެ. ނަމަވެސް އޭނާގެ ޓީމަށް އެހީތެރިވުމަކީ އޭނާއަށް މިހާރު ކުރަން ޖެހޭނެކަމެއްކަމަށް ދައްތާ ގަބޫލު ކުރެ އެވެ.

"އެންމެން ވެސް ތިބީ ވަރަށް ސްޓްރެސް ވެފަ. މި ބަލީގެ ގޮތުން އަހަރެމެން އެކަކު އަނެކަކަށް އެހީތެރިވެނުދީ ވާކަށް ނެތް. އެހެންވެ މީހަކަށް މާ ބުރަވަންޏާ އެންމެން ވެސް އެ މީހަކަށް ލުއިކުރަން މަސައްކަތްކޮށްދެނީ،" ވެކްސިން އުފެއްދުމުގައި ކުރަމުންދާ ބުރަ މަސައްކަތް ކިޔައިދެމުން ދައްތާ ބުންޏެވެ.

ކިތަންމެ ބުރަކޮށް އުޅުނަސް އިންޑިޔާގައި ތިބި މައިންބަފައިންނާއި އާއިލާގެ މީހުންނާ ވަޓްސްއަޕް މެދުވެރިކޮށް އަބަދުވެސް ގުޅުން ބާއްވާ ކަމަށް ވެސް އޭނާ ބުންޏެވެ.