ކޮވިޑް-19 އަށް ޕޮޒިޓިވްވި 89 އަހަރުގެ ދިވެއްސަކު މަރުވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 ޖެހިގެން މިއަދު ހެނދުނު 6:20 ގައި މަރުވީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ އަންހެނެއް ކަމަށެވެ. މަރުވެފައި ވަނީ ހދ. ވައިކަރަދޫ ކަށިމާގޭ ރުގިއްޔާ އަލީ އެވެ. މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި ހަތް ވަނަ މީހާ އެވެ.
ކޮވިޑް-19 ޖެހިގެން އިއްޔެ ރޭ ވެސް ބަންގްލަދޭޝް މީހެއް މަރުވި އެވެ. އެއީ ޓްރީޓޮޕްގައި ފަރުވާ ދެމުން ދިޔަ އުމުރުން 54 އަހަރުގެ މީހެކެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1829 އަކަށް އަރައިފަ އެވެ. އޭގެ ތެރެއިން 581 މީހުންނަކީ ދިވެހިންނެވެ. އަދި އެ ބަލިން މިހާތަނަށް 488 މީހުން ވަނީ ރަނގަޅުވެފަ އެވެ.