ވިޔަފާރި

ޓޫރިޒަމްގެ ހިސާބު ބަލަހައްޓާނެ ގަވާއިދު ނެރެފި

ރާއްޖޭގެ ޓޫރިޒަމާ ބެހޭ ތަފާސް ހިސާބު ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމާ ބެހޭ ގަވާއިދު އިސްލާހުކޮށް، އާއްމު ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ އެ ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ޓޫރިޒަމް ޚިދުމަތް ދޭ ހުރިހާ ފަރާތްތަކުން ވެސް އެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ މައުލޫމާތު، ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތަށާއި މުއްދަތުތަކަށް ޓޫރިޒަމާބެހޭ މިނިސްޓްރީ އަށް ހުށަހަޅަން ލާޒިމްވެ އެވެ.

މި މައުލޫމާތު ހުށަހަޅަން ޖެހެނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން ގާއިމް ކޮށްފައިވާ އޮންލައިން ޕޯޓަލް ޓޫރިޒަމް އިންފޮމޭޝަން މެނޭޖްމެންޓް ސިސްޓަމް (ޓިމްސް) މެދުވެރިކޮށެވެ.

މި ޕޯޓަލްގައި ޓޫރިޒަމް ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކުން ތިން މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ވާން ލާޒިމް ކޮށްފައިވެ އެވެ.

ސަރުކާރުގެ އެހެނިހެން އިދާރާތަކުން ތަފާސް ހިސާބު އެއް ކުރުމަށް ހަދާފައިވާ އެއްވެސް ގަވާއިދެއްގެ ދަށުން ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަހެޅުމަކަށް މި ގަވާއިދު ހުރަހެއް ނާޅަ އެވެ. އަދި ސަފާރީ އުޅަނދު ފިޔަވައި، މި ގަވާއިދުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީ އަށް ހުށަހަޅާ މައުލޫމާތުތަކުގެ ރެކޯޑު ދެ އަހަރުދުވަހުގެ މުއްދަތަކަށް ޓޫރިޒަމް ހިދުމަތް ފޯރުކޮށްދޭ ކޮންމެ ތަނެއްގައި ވެސް ބަހަލައްޓަން ޖެހެ އެވެ. އަދި ސަފާރީ އުޅަނދެއް ނަމަ، އެ އުޅަނދެއްގެ މައި އޮފީހުގައި ރެކޯޑްތައް ބަހައްޓަން ޖެހެ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ބެހެލެއްޓުމާ ބެހޭ މި ގަވާއިދާ ހިލާފު ވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބުނެފައިވެ އެވެ. ތިން ފިޔަވައްސަކަށް ބަލައިގެން އެތަނެއްގައި ހުރި އެނދުގެ ނިސްބަތުން ފިޔަވަޅު އެޅެ އެވެ.

  • ފުރަތަމަ ފަހަރު: ކޮންމެ އެނދަކަށް 100ރ. އިން ޖޫރިމަނާ
  • ދެވަނަ ފަހަރު: ކޮންމެ އެނދަކަށް 250ރ. އިން ޖޫރިމަނާ
  • ތިން ވަނަ އަހަރު: 500ރ. އިން ޖޫރިމަނާ

މީގެ އިތުރުން ޖެހިޖެހިގެން ތިން ފަހަރަށް ވުރެ އިތުރަށް މި ގަވާއިދާ ހިލާފުވެއްޖެނަމަ، އެ ތަނެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ އެނދަކަށް 1،000ރ. މަގުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 100،000ރ. އިން ވެސް ޖޫރިމަނާ ކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީން އަށް ދީފައިވެ އެވެ. އަދި މި ޖޫރިމަނާ ހަފުތާއެއްގެ ތެރޭގައި ދައްކަން ޖެހެނީ މީރާ އަށެވެ.

މި ގަވާއިދުގައިވާ ގޮތުން ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަނަށް ދީފައިވާ ލައިސަންސް ހިފެހެއްޓުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިޒަމްއާ ބެހޭ ގިނަ ގަވާއިދުތަކެއް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މީގެތެރޭގައި ޓްރެވަލް އެޖެންޓުންގެ ގަވާއިދުގެ އިތުރުން ގިނަ ގަވާއިދު ތަކެއް ހިމެނެ އެވެ. ރާއްޖޭގެ ޓޫރިޒަމްގައި އާއްމުކޮށް ނެރެފައި ހުންނަނީ ޓޫރިސްޓުން އައި އަދަދާއި އެނދުގެ އަދަދު އަދި ޓޫރިސްޓުން އައި ގައުމުތަކުގެ ހިސާބުތަކުގެ އިތުރުން އަންނަ މީހުންގެ ނިސްބަތެވެ.