ބޭރު ކުޅިވަރު

ޔުނައިޓެޑަށް ނުދެވުމުން ނަވާސަށް ރޮވުނު، އެކަމަކު އެއީ އުފަލުން!

Sep 22, 2015
1

ނިމިގެން ދިޔަ ޓްރާންސާފާ މާކެޓްގައި އެންމެ ފޯރިއެއް އަރުވާލައިގެން އުޅުނީ ސްޕެއިންގެ ގަދަފަދަ ރިއަލް މެޑްރިޑާއި އިނގިރޭސިންގެ ފަހުރު ކަމުގައި ބެލެވޭ މެންޗެސްޓާ ޔުނައިޓެޑެވެ. އެއީ ޔުނައިޓެޑްގެ ގޯލުކީޕަރު ޑެހެއާ ރިއަލްގެ ކީޕަރު ކޭލާ ނަވާސްއާ ބަދަލުކުރުމަށެވެ.

އެ ޑީލް އެންމެ ފަހުވަގުތު ގޮވައި އަޅިއަށް ވެގެން ދިއުމުން ޔުނައިޓެޑާއި ރިއަލްގެ ފޭނުންނަށް ވެސް ރޮވުނެވެ. އަދި ރިއަލްގެ ކީޕަރުގެ ގޮތުގައި މަޑުކުރަން ޖެހުނު 28 އަހަރުގެ ނަވާސަށް ވެސް ރޮވުނެވެ.

އެކަމަކު އޭނާ އަށް ރޮވުނީ ޔުނައިޓެޑަށް ނުދެވިގެންނެއް ނޫނެވެ. ޔުނައިޓެޑަށް ނުދެވުނީތީ އެކަމާ އުފަލުންނެވެ.

"ރިއަލްގައި މަޑުކުރާނީކަން އެނގުމުން އަހަންނަށް ރޮވުނު. އެއީ ޖަޒުބާތުތައް އުތުރިއަރައިގަތް ވަގުތުކޮޅެއް،" ސްޕެއިންގެ ރޭޑިއޯ އަށް ދެއްވި އިންޓަވިއުއެއްގައި ނަޒާސް ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން މިތަން ދޫކޮށް ދާކަށް. މެޑްރިޑަކީ އަހަރެންގެ ގެ."

"އަހަރެންގެ ހިތަށް އެރީ މާތް ރަސްކަލާނގެ އަހަރެން ރިއަލް މެޑްރިޑް ދޫކޮށް ދާން އެދޭ ނަމަ އެ ވާނީ ރަނގަޅަކަށް ވާ ކަމަކަށޭ. އެކަމަކު އެގޮތް ބޭނުން ނުވާތީކަން ނޭނގެ އަހަރެން އަދިވެސް ރިއަލްގައި މިހުރީ."

ކޮސްޓަ ރިކާއާ އެކު އެންމެ ފަހުގެ ވޯލްޑް ކަޕުން ވިދާލި ނަވާސް ރިއަލް މެޑްރިޑާ ގުޅުނީ މިދިޔަ އަހަރު އެވެ. އޭނާގެ މޮޅު ކުޅުމާ އެކު އެ މުބާރާތުގައި ކޮސްޓަ ރިކާ ކުއާޓާ ފައިލްގައި ކުޅުނެވެ.