ފީފާ

ދޭންވީ އަދަބެއް ނޫން، ތަރުހީބު: ފީފާގެ ރައީސް

ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ދަނޑުގައި ޝުއޫރު ފާޅު ކުރުމުން އަދަބު ދޭންވީ ނޫން ކަމަށާއި ދޭންވީ ތަރުހީބު ކަމަށް ފީފާފެ ރައީސް ޖިއާނީ އިންފެންޓީނޯ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ފުލުހުންގެ ބަޔަކު ވެގެން، އެ ގައުމުގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމުން، މި ހަފުތާގައި ކުޅުނު ބުންޑެސްލީގާގެ މެޗުތަކުގައި އެ ލީގްގެ ކުޅުންތެރިން ވަނީ، ފްލޮއިޑްއަށް އިންސާފު ހޯދައިދޭން ގޮވާލާ ދަނޑުގައި ޝުއޫރު ފާޅު ކޮށްފަ އެވެ.

ބުރޫޝިއާ ޑޯޓަމުންޑްގެ ދެ ކުޅުންތެރިން ކަމަށްވާ ޖޯޑަން ސަންޗޯ އާއި އަޝްރަފް ހަކީމީ ވަނީ، ލަނޑު ޖެހުމަށް ފަހު ފްލޮއިޑްއަށް އިންސްފު ހޯދައިދޭން ގޮވާލާ ޝުއޫރު ފާޅު ކޮށްފަ އެވެ. އިންގްލެންޑްގެ ޒުވާން ފޯވަޑް ސަންޗޯ ވަނީ ޖޯޒީ ބާލައި، ދަށުން ލާފައިވާ ޓީޝާޓްގައި ލިޔެފައިވާ އިބާރާތް ދައްކާލާފަ އެވެ. ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރުމުގެ ގޮތުން ޓީޝާޓް ބޭލުމަކީ ރީނދޫކާޑު ދައްކަން ޖެހޭ ކަމަކަށް ވާތީ ރެފްރީ ވަނީ ކާޑު ދައްކާފަ އެވެ.

ބުރޫޝިއާ މޮންޗެންގްލެޖްބާކްގެ ފޯވަޑް މާކޯސް ތުރާމް ވަނީ، ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރުމުގެ ގޮތުން އެއް ކަކޫ ބިމުގައި ޖެއްސުމަށް ފަހު އަނެއް ކަކޫ މައްޗަށް އިސް ތިރިކޮށް ކުރުނީސް ކޮށްފަ އެވެ. އެއީ ފްލޮއިޑްގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގައި ބޭނުން ކުރާ ސިމްބަލް އެކެވެ. ޝާލްކޭއަށް ކުޅެމުން ގެންދާ އެމެރިކާގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ވެސްޓޮން މެކީނީ ވަނީ، މިދިޔަ ހޮނިހިރު ދުވަހު އޭނާ ކުޅުނު މެޗުގައި އަޓުގައި ކަޅު ބޭންޑެއް އަޅާއިގެން ކުޅެފަ އެވެ. އެ ބޭންޑްގައި ފްލޮއިޑަށް އިންސާފް ހޯދައިދޭން ގޮވާލާއި މެސެޖެއް ލިޔެފައި ވެއެވެ.

ކުޅުންތެރިން ކުރިން ކަންތަތަކާ ބެހޭގޮތުން ބުންޑެސްލީގާގެ އޮފިޝަލުންނާ މީޑިއާއިން ސުވާލު ކުރުމުން، އެލީގުން ބުނީ ކުޅުންތެރިން ކުރި ކަންކަމުގައި ފިޔަވަޅު އަޅަން ޖެހޭ ވަރުގެ ކަމެއް އޮތްތޯ ބަލަމުން ދާ ކަމަށެވެ.

އިންފެޓިނޯ ވިދާޅުވީ، ކުޅުންތެރިން ނަސްލީ އިމްތިޔާޒާ ދެކޮޅަށް ޝުއޫރު ފާޅު ކުރުމުން އެ ކުޅުންތެރިންނާ ދެކޮލަށް ފިޔަވަޅު އެޅުމަކީ، ފީފާފެ ނަސްލީ ތަފާތު ކުރުމާ ދެކޮޅު ކެމްޕޭނާއި އަދި އަނިޔާވެރި ވުމާ ދެކޮޅު ކެމްޕޭނާ ހިލާފް ކަމެއް ކަމަށެވެ.